ކޮންމެ އަހަރަކު ސީއެންއެން އިން ހޮވާ ލޯބިވެރިންނަށް ހާއްސަ މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ރާއްޖެ ހިމެނިއްޖެ އެވެ.

ސީއެންއެން އިން އާއްމު ކުރި އެ ނޫހުގެ "ވޯލްޑްސް މޮސްޓް ރޮމޭންޓިކް ޕްލޭސަސް" ލިސްޓުގައި ހޮވާފައިވަނީ 13 މަންޒިލެކެވެ. މީގެ ތެރޭގައި ކެނެޑާ އާއި އިޓަލީ އާއި ހަވާއީ އާއި އެމެރިކާގެ ސައުތު ކެރޮލައިނާ އާއި ބޮޓްސްވާނާ އަދި ފްރާސްގެ ޕެރިސް ފަދަ މަންޒިލްތައް ހިމެނެ އެވެ.

ސީއެންއެން އިން ބުނާގޮތުގައި ރާއްޖެއަކީ އަބަދު ވެސް ލޯބިވެރިންގެ "ބަކެޓް ލިސްޓު"ގައި ހިމެނޭ ގައުމެކެވެ. ރާއްޖޭގެ ރިސޯޓުތަކާއި ރަށްތަކަށް ޒިޔާރަތް ކުރުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެއް ކަމަށް ވެސް އެ މީޑިއާ އިން ބުނެ އެވެ.

ރާއްޖެއަކީ ގިނަ ބަޔަކު އެ މީހުންގެ ލޯބީގެ އެކި ކަންތައްތައް ފާހަގަ ކުރުމަށް އަންނަ މަންޒިލެކެވެ. މީގެ ތެރޭގައި ކައިވެންޏާއި، ހަނީމޫނާއި އެކި އެނިވާސަރީތައް ފާހަގަ ކުރުން ހިމެނެ އެވެ.

މި ލިސްޓުގެ އެއްވަނަ ރާއްޖެ އަށް ލިބިފައިވާއިރު ރާއްޖެއިން އެންމެ ފާހަގަ ކޮށްލެވޭ ދެ ރިސޯޓުގެ ގޮތުގައި ސީއެންއެން އިން ހޮވާފައި ވަނީ ސޮނެވާ ޖާނީ އާއި ޖުމެއިރާ ވިއްޓަވެލި އެވެ. މި ދެ ރިސޯޓު ވެސް މަޝްހޫރު ވެފައި ވަނީ ދެ ރިސޯޓުން ފޯރުކޮށްދޭ ތަފާތު އޯވާ ވޯޓާ ވިލާގެ ހިދުމަތުގެ ސަބަބުންނެވެ.

ސޮނެވާ ޖާނީ އަކީ މިދިޔަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު ދިހަ ރިސޯޓުގެ ތެރޭގައި ވެސް ހިމެނޭ ރިސޯޓެކެވެ. ނ. މެދުފަރުގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓުގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ބޮޑު ވޯޓާ ވިލާތައް ހުރެ އެވެ.

ޖުމެއިރާ ވިއްޓަވެލި އަކީ ބޮލީވުޑް އާއި ހޮލީވުޑްގެ ތަރިންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ. މި ރިސޯޓުން ދޭ ހިދުމަތްތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ ޔޮޓު ވިލާގެ ހިދުމަތެވެ. މި ވިލާތަކުގައި ތިބޭ ޓޫރިސްޓުންނަށް ވޯޓާ ވިލާއެއްގައި ލިބޭ ހުރިހާ ހިދުމަތެއްގެ އިތުރުން ވިލާގައި ތިބެގެން ރިސޯޓު ކައިރި ސަރަހައްދުތަކަށް ދަތުރު ކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ.

މީގެ ކުރިން ވެސް ރާއްޖެ ވަނީ ސީއެންއެންގެ އެންމެ ހިތްގައިމު މަންޒިލްތަކުގެ ލިސްޓަށް އަރައިފަ އެވެ. މީގެ ތެރޭގައި އެންމެ ރީތި ބީޗް ރިސޯޓުތަކުގެ ލިސްޓާއި އެންމެ ހިތްގައިމު އާއިލީ މަންޒިލެއްގެ ގޮތުގައި ވެސް ރާއްޖެ ވަނީ ހިމެނިފަ އެވެ.