ލިލީ އިންޓަނޭޝަނަލް އިން މިދިޔަ އަންގާރަ ދުވަހު ރާއްޖެ އަށް ތައާރަފް ކުރި ދުނިޔޭގެ އެންމެ މަޝްހޫރު ކޮފީ ބްރޭންޑް ސްޓާބަކްސްގެ އުފެއްދުންތައް މާދަމާ އިން ފެށިގެން ވިއްކަން ފަށާނެ ކަމަށް ބުނެފި އެވެ.
ލިލީ އިންޓަނޭޝަނަލްގެ އެސިސްޓެންޓް ޑައިރެކްޓަ ފައިޒަލް އަލީ "މިހާރު" އަށް ވިދާޅުވީ ސްޓާބަކްސްގެ އުފެއްދުންތައް ވިއްކަން ފަށާއިރު އަގުތައް އުޅޭނީ 40ރ. އަށް ވުރެ ދަށުގައި ކަމަށެވެ. ލިލީގެ އަމާޒަކީ ވީހާ ވެސް ހެޔޮ އަގެއްގައި، ރައްޔިތުންނަށް އެ ތަކެތި ވިއްކުން ކަމަށް ވެސް ފައިޒަލް ވިދާޅުވި އެވެ.
"މިހާރު ރާއްޖޭގެ ބައެއް އަމިއްލަ ފަރާތްތަކުން ސްޓާބަކްސްގެ އެއްޗެހި ގައުމުތަކުން ގެނެސް ވިއްކަމުންދޭ. ނަމަވެސް އަޅުގަނޑުމެންނަކީ އެ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަން ރަސްމީކޮށް ހުއްދަ ދީފައިވާ ހަމައެކަނި ކުންފުނި،" ފައިޒަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތަކެތި މި ގެންނަނީ ވެސް ސީދާ އެމެރިކާ ކުންފުނިން. މިހާރު ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ވަރަށް އަގުބޮޑުކޮށް ސްޓާބަކްސްގެ ޕްރޮޑަކްޓްތައް ވިއްކަނީ. އަޅުގަނޑުމެން ވިއްކަން ފެށީމަ މިކަމަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރަން،"
ފައިޒަލް ވިދާޅުވީ ސްޓާބަކްސްގެ އުފެއްދުންތައް ވިއްކާނީ ލިލީގެ ފިހާރަތަކުގެ އިތުރުން އެސްޓީއޯ ސުޕަމާޓާއި އަގޯރާ އިން ކަމަށެވެ. އެ އުފެއްދުންތައް ވިއްކާނެ ކެފޭތައް އަދި ހާމައެއް ނުކުރެ އެވެ.
"ސްޓާބަކްސް މީހުން އައިސް މިކޮޅުގައި ސާވޭއެއް ހަދާފަ ދިޔައީ. އެކޮޅުން ހުއްދަ ދިނީ ވަކި ސެލެކްޓެކް ފިހާރަތަކާއި ކެފޭތަކުގައި ވިއްކަން،" ފައިޒަލް ވިދާޅުވި އެވެ.
ސްޓާބަކްސް ކޮފީގެ އިތުރުން އެ ބްރޭންޑްގެ ވޭފަލްސްއާ އާއި ނަޓްސް އަދި ޗިޕްސް ވެސް ރާއްޖޭގައި ވިއްކާނެ އެވެ.