ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އިންޓަނޭޝަނަލް ފެއާ ކަމަށް ވާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށް ގެންދާ ފެއާގައި 500 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ. އަދި މި ފެއާގެ ތެރޭގައި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން އާއި ހައުސް ކީޕާސް ޗެލެންޖް ވެސް އޮންނާނެ އެވެ.

ފެއާ ހުޅުއްވައި ދެއްވުމަށް ފަހު އިކޮނޮމިކް މިނިސްޓާ މުހައްމަދު ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ ވިޔަފާރި އަށް ވަރަށް މުހިންމު އިވެންޓެއް ކަމަށެވެ. އަދި އިވެންޓްގެ ތެރެއިން ދިވެހި މާކެޓަށް ބޭރު ފަރާތްތަކަށް ވަނުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ވަރަށް މުހިންމު އިވެންޓެއް. ވަރަށް ރަނގަޅަށް ވިޔަފާރިތަކުގެ މެދުގައި ނެޓްވޯކް ގާއިމް ކުރެވިގެން ދާނެ. ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި ފުރުސަތުތައް ފަހިވާއިރު ރާއްޖޭގެ ވިޔަފާރިތަކަށް ވެސް މިވަނީ އިތުރު ފުރުސަތުތައް ފަހިވެފައި،" ސައީދު ވިދާޅުވި އެވެ.

މި ފެއާގައި ހިމެނޭ އަދި ގިނަ ބައެއްގެ ސަމާލުކަން ލިބޭ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން އަކީ ޗެފް ގިލްޑް އޮފް މޯލްޑިވްސް އާއި ޗެފް ގިލްޑް އޮފް ސްރީ ލަންކާ ގުޅިގެން ކުރިއަށް ގެންދާ އިވެންޓެކެވެ.

މި އަހަރުގެ އެފްއެޗްއޭއެމް ފެއާގެ މެއިން ސްޕޮންސަރަކީ ލިލީ އިންޓަނޭޝަނަލް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ މިހާރު އެވެ.