މިދިޔަ މަހު ދަރުބާރުގޭގައި ބޭއްވި ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާގެ ކާމިޔާބީއާ އެކު ޓޫރިޒަމް އިންޑަސްޓްރީ އަށް އާ ދިރުމެއް ލިބިއްޖެ ކަމަށް އެ ފެއާ އިންތިޒާކު ކުރި ފަރާތުން ބުނެފި އެވެ.
ދިވެހި އެކްސްޕޯ ސާވިސަސް އާއި ސީޑީސީ އިވެންޓްސް އެންޑް ޓްރެވަލްސް އިން ބުނީ އެފްއެޗްއޭއެމްގެ ތެރެއިން އިންވެސްޓަރުންނާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން ރިސޯޓުތަކާއި ހޮޓާ އަދި ރެސްޓޯރެންޓްތަކުގެ މެދުގައި ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައިވާ ކަމަށެވެ. އަދި އެ ސިނާއަތަށް އަށް ބޭނުންވާ ސާމާނު ވިއްކާ ފަރާތްތަކާއި ކުންފުނިތަކާ ދެމެދުގައި ވެސް ވަރަށް ރަނގަޅު ގުޅުންތަކެއް އުފެދުނު ކަމަށް ބުންޏެވެ.
"މިފަދަ ފެއާއެއްގެ އެންމެ ބޮޑު މަގުސަދަކީ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ސަޕްލަޔަރުންނާ އަދި އެހެނިހެން ފަރާތްތަކާ ގުޅުން ބަދަހިކޮށްދިނުން. ވިޔަފާރީގެ މުއާމަލާތްތަކުގެ އިތުރުން ކުންފުނިތަކުން ހިޔާލު ބަދަލުކޮށް، ކަންކަމާ މަޝްވަރާ ކުރުމަކީ ވެސް މި ފެއާގެ މަގްސަދެއް،" ދިވެހި އެކްސްޕޯގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު އަޖްމަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ފަހުރުވެރިވޭ މިފަދަ ކާމިޔާބު އިވެންޓެއް ރާއްޖޭގައި ބޭއްވުނީތީ. ޓޫރިޒަމް ކުރިއަރާނީ ވިޔަފާރިތައް އިތުރަށް ތަރައްގީވެ، ދުނިޔޭގެ މާކެޓަށް އަންނަ އެންމެ ފަހުގެ ބަދަލުތައް ބަލައި އެ ދިމާލަށް ދަތުރު ކުރުމުން."
އަޖްމަލް ވިދާޅުވި ގޮތުގައި މި އިވެންޓުގެ ތެރެއިން ރާއްޖޭގެ ވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިތަކާ ވެސް ވަރަށް ބޮޑަށް ގުޅިގެން ދިޔަ އެވެ. އަދި ދިވެހި ކުންފުނިތަކަށް އިތުރު ހިތްވަރެއް ލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.
އެފްއެޗްއެމް އަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އާއި ޝެފްސް ގިލްޑް އޮފް ސްރީ ލަންކާ އިން އެންޑޯޒް ކޮށްގެން ބާއްވާ ހަމައެކަނި ފެއާ އެވެ. އެ ފެއާގެ ތެރެއިން ކަލިނަރީ ޗެލެންޖަކާއި ބަރިސްޓާ ކޮންޕެޓިޝަނަކާއި މޮކްޓެއިލް ޗެންޕިއަންޝިޕެއްގެ އިތުރުން އެންމެ ރީތިކޮށް އެނދު އަޅާ ފަރާތެއް ބެލުމަށް ބޭއްވި ބެޑް-މޭކިން އެންޑް ޑެކަރޭޓިން ޗެންޕިއަންޝިޕެއް ބޭއްވި އެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅޭ މަހާސިންތާތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ޓޫރިޒަމް ސިނާއަތަށް ވެސް މި ފެއާގެ ސަބަބުން ހެޔޮ މަންފާތައް ކުރާނެ ކަމަށް ދިވެހި އެކްސްޕޯ އިން ބުނެ އެވެ. ގިނަ އަދަދަކަށް ބޭރު ކުންފުނިތައް ބައިވެރިވި މި ފެއާގެ ސަބަބުން ރާއްޖެ އަށް އިތުރު ފޮރިން އިންވެސްޓްމަންޓްތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ވެސް ބުންޏެވެ.
ލިލީ އިންޓަނޭޝަނަލް އިން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދިޔަ ފެއާގެ ސަބަބުން ކުރިމަގުގައި އަދި ބޮޑެތި ފައިދާތަކެއް ވާނެ ކަމަށާއި އަންނަ އަހަރުގެ ފެއާ މިއަށް ވުރެ ކާމިޔާބު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.