އެކަނިމާއެކަނި މަހަށް ގޮސް އުޅެނިކޮށް، ށ. ފީވަކު މީހަކު ހޮވި މާވަހަރަށް އެއްވެސް ބަދަލެއް ނާންނައިރު، ޓެސްޓްގެ ނަތީޖާ އަންނަ ހަފްތާގައި ލިބޭނެ ކަމަށް މާވަހަރު ހޮވި މީހާ މިއަދު ބުނެފި އެވެ.

ޑިންގީއެއްގައި މަހަށް ގޮސް އުޅެނިކޮށް، މިދިޔަ މަހުގެ އެއް ވަނަ ދުވަހު ފީވަކު، ބްލޫހެވަން އަހުމަދު މަނިކަށް ފެނުނީ ބައެއް މީހުން ބުނާ ގޮތުގައި 82 ކިލޯގެ ހުދަންބަރެކެވެ. އޭނާ ބުނި ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އޭތި ބާއްވާފައި އޮތީ އޭނާ ދިރިއުޅޭ ގޭގައި ރައްކާތެރިކަމާއެކުގަ އެވެ. އެ މާވަހަރު މިހާރުގެ އަގުގައި ވިއްކާ ލެވިއްޖެ ނަމަ 50 މިލިއަަން ރުފިޔާ ލިބިދާނެ ކަމަށް ބެލެވެ އެވެ.

މަނިކު "މިހާރު" އަށް ބުނީ މާވަހަރުގެ އެތިކޮޅެއް ޓެސްޓް ކުރުމަށް ފުރަތަމަ ދުބާއީ އަށް ގެންދިއުމުން، އޭތިކޮޅު މާ ކުޑަވެގެން އެއަށްވުރެ ބޮޑު ބައެއް ދުބާއީ ޓެސްޓް ކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގައި ޓެސްޓްގެ ނަތީޖާ ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

މަނިކު ބުނި ގޮތުގައި، ފީވަކާއި ށ. ނަލަންދު އާ ދެމެދު ކަނޑުއޮޅިން ފެންމަތީގައި އޮއްވައި ފެނުނު އެތި ޓެސްޓް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ވެސް އެއީ ހުދަންބަރެއް ކަމަށް ބުނަމުންދާ ކަމަށެވެ. އެކަމަކު މާވަހަރެއް ކަން ޔަގީންވާނީ ޓެސްޓްގެ ނަތީޖާ ލިބުނީމަ ކަމަށް އޭނާ ބުންޏެވެ.

"އެމީހުން ބުނަނީ އެއީ މާވަހަރެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއޭ،" މަނިކު ބުންޏެވެ.

މަނިކު ބުނީ މާވަހަރު އަދިވެސް ގޭގެ ކޮޓަރިއެއްގެ ތެރޭގައި އޮތް އިރު، އެއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި އޭތީގެ ބަރުދަނަށް ވެސް ބަދަލު ނާންނަ ކަމަށް އޭނާ ބުންޏެވެ.

"ލޮނު ފެނުގައި ބާއްވާފައި އޮންނާނީ. އެއްވެސް ވަރަކަށް ކުޑައެއް ވެސް ނުވޭ،" މަނިކު ބުންޏެވެ.

އާންމުކޮށް މާވަހަރު ބާއްވަނީ މޫދު ލޮނުގަ އެވެ. އެހެން ނުހަދައިފި ނަމަ މާ ގިނަ ދުވަސްތަކެއް ނުވެ މާވަހަރު ކުޑަވެ، ލުއިވާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

މަނިކު ހޮވި މާވަހަރު ބާއްވާފައި އޮތީ 200 ލީޓަރުގެ ފީފާ ބުރިއަކަށް ލައި ގޭގެ ކޮޓަރިއެއް ތެރޭގަ އެވެ. އޭނާ ބުނި ގޮތުގައި އެއީ މީހުން ދިރިނޫޅޭ ކޮޓަރިއަކަށް ވާތީ، އެ ކޮޓަރި އަބަދުވެސް ހުންނަނީ ތަޅުލައިފަ އެވެ.

މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން، 2014 ގައި ފީވަކު އެހެން ބަޔަކު 300 ކިލޯގެ ބޮޑު މާވަހަރެއް ހޮވި އެވެ. އެކަމަކު ނުވިކިގެން ގިނަ ދުވަސްތަކެއް ވަންދެން ބާއްވާފައި އޮތުމުން، އެ ކުޑަވަމުން ގޮސް އެންމެ ފަހުން ވިކުނީ އެންމެ 96،000 ރުފިޔާ އަށެވެ.