އެކަނިމާއެކަނި މަހަށް ގޮސް އުޅެނިކޮށް، ށ. ފީވަކު މީހަކު ހޮވި 82 ކިލޯގެ މާވަހަރުން ބައެއް ޓެސްޓް ކުރުމަށްޓަކައި މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.

މިިދިޔަ ހުކުރު ދުވަހު، ފީވަކު، އަލި މަނިކަށް މާވަހަރެއް ފެނުނީ ފީވަކާއި ށ. ނަލަންދޫއާ ދޭތެރޭ ކަނޑުއޮޅިންނެވެ. އަލީ މަނިކު ޑިންގީއެއްގައި ނުކުމެ، މާ ދުރަށް ނުދެވި، އުޅެނިކޮށް ފެނުނު މާވަހަރު ގަންނަން ގިނަ ބަޔަކު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުން ކަމަށް އޭނާ ބުންޏެވެ.

އަލީ މަނިކު "މިހާރު" އަށް ބުނީ މާވަހަރު ޓެސްޓް ކުރަން ބޭނުންވެގެން ދިވެހިންނާއި ބޭރު މީހުން ވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. އެހެންވެ، މާވަހަރު ޓެސްޓްކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމަށް ޕެކެޓުތަކަށް އަޅައިގެން ސާމްޕަލްތަކެއް މާލެ ފޮނުވާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ޓެސްޓް ކުރުމަށް (މާވަހަރުން) ތިން އިންޗި ވަރުގެ އެތިކޮޅެއް ހައެއްކަ ޖޫސް ޕެޓީ ޕެކެޓަށްލާފައި މާލެ ފޮނުވާފައި ވަނީ. ޓެސްޓް ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު އެބައޮތް،" އަލީ މަނިކު ބުންޏެވެ.

އަލި މަނިކު ބުނި ގޮތުގައި އެ ރަށުގައި ތިބި ބައެއް މީހުންނަށް މާވަހަރު ދައްކާލުމުން، އެއީ މާވަހަރެއް ކަމަށް ބުނާ ކަމަށެވެ. އެކަމަކު އެއީ މާވަހަރެއްކަން ޔަގީންވާނީ ޓެސްޓްތަކަށް ފަހުގައި ކަމަށް އޭނާ ބުންޏެވެ.

"އެމީހަކު އަމިއްލަ އަށް ޓެސްޓް ކުރަން ޖެހޭނީ. ޓެސްޓްކޮށްގެން ގަންނަން ބޭނުންވާ މީހަކު އަތުވެއްޖެ ނަމަ، އަޅުގަނޑު މިހުރީ މާވަހަރު ވިއްކާލަން ތައްޔާރަށް،" އަލީ މަނިކު ބުންޏެވެ.

އަލީ މަނިކު ހޮވި އެއްޗަކީ މާވަހަރަކަށް ވެއްޖެ ނަމަ، ފަންސާހަކަށް މިލިއަން ރުފިޔާ އަށް ވިއްކާލެވޭނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން އެކި ދުވަސްވަރު މާވަހަރު ހޮވަ އެވެ. ބައެއް މީހުން މާވަހަރު ވިއްކައިގެން މިލިޔަނުން ފައިސާ ހޯދާފައި ވާއިރު އަނެއް ބައެއް މީހުން މާވަހަރު ކަމަށް ހީކޮށް ވިއްކަން އުޅުނު ބައެއް އެއްޗެހި މާވަހަރަށް ނުވެ އުކާލަން ވެސް ޖެހިފައިވެ އެވެ.