މި މަހުގެ އެއް ވަނަ ދުވަހު މާވަހަރެއް ކަމަށް ބެލެވޭ 82 ކިލޯގެ އެއްޗެއް ހޮވި ނަމަވެސް، ށ. ފީވަކު ބްލޫހެވަން އަހުމަދު މަނިކަށް ލިބުނު މާ ބޮޑު އުފަލެއް ނެތެވެ. އެއާ ދޭތެރޭ މާ ބޮޑު އުންމީދެއް ވެސް އޭނާގެ ނެތެވެ. ސަބަބަކީ، އެއީ މާވަހަރެއް ކަން އޭނާ އަށް އަދި މުޅިން ޔަގީން ނުވާތީ އެވެ. އެކަމަށް ޓަކައި އޭނާ ދިގު އިންތިޒާރެއް ކުރަން ޖެހެ އެވެ. އެ މާވަހަރު އޮތީ، އޭނާގެ ގޭގެ ކޮޓަރިއެއްގައި ބާއްވައިފަ އެވެ.
އެކަނިމާއެކަނި މަހަށް ގޮސް އުޅެނިކޮށް، ފީވަކާއި ށ. ނަލަންދު ދޭތެރޭ މެދުން މަނިކު ހޮވީ، އޭނާ އާއި އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، 82 ކިލޯގެ ހުދަންބަރެކެވެ. މިއީ މާވަހަރުގެ އެންމެ އަގުބޮޑު ވައްތަރެވެ. އެ މާވަހަރު މިހާރުގެ އަގުގައި ވިއްކާ ލެވިއްޖެ ނަމަ 52 މިލިއަަން ރުފިޔާ ލިބިދާނެ އެވެ.
އާންމު ގޮތެއްގައި ރާއްޖެ އިން ފެންނަ މާވަހަރު ޓެސްޓްކުރަން ގިނަ ދުވަސްތަކެއް ނަގަ އެވެ. އެހެންވެ، މާވަހަރު ހޮވި މީހާ ވެސް މިފަހަރު ވަނީ ދިގު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. އެގޮތުން މާވަހަރު ޓެސްޓް ކުރުމަށްޓަކައި ތިން އިންޗިއެއްހާ އެތިކޮޅެއް ދުބާއީ އަށް ވަނީ ފޮނުވައިފަ އެވެ.
މަނިކު "މިހާރު" އަށް ބުނީ މާވަހަރުގެ އެތިކޮޅެއް ޓެސްޓް ކުރުމަށް ދުބާއީ އަށް ފޮނުވިތާ ހަފްތާ އަކަށް ވުރެ، ގިނަ ދުވަސް ވެފައިވާ އިރު، ޓެސްޓްގެ ނަތީޖާ ލިބޭނެ އިރެއް ބުނަން ނޭނގޭ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެން މަހެއް ވެސް ނަގާފާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"މާވަހަރެއް ކަން ޔަގީން ވަންދެން އޭތި ބާއްވާނަން. އަޅުގަނޑަށް ބުނާކަށް ނޭނގޭ ސީދާ ކޮން ދުވަހެއްގައި ކަން ޓެސްޓްގެ ނަތީޖާ ލިބޭނީ. އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް ލިބޭނެ ކަމަށް،" މަނިކު ބުންޏެވެ. "ހޮވި އެތި އަދިވެސް އޮންނާނީ ކޮޓަރީގައި ރައްކާތެރި ކަމާއެކު ބާއްވާފައި."
މަނިކު ހޮވި މާވަހަރު ބާއްވާފައި އޮތީ 200 ލީޓަރުގެ ފީފާ ބުރިއަކަށް ލައި ގޭގެ ކޮޓަރިއެއް ތެރޭގަ އެވެ. އޭނާ ބުނި ގޮތުގައި އެއީ މީހުން ދިރިނޫޅޭ ކޮޓަރިއަކަށް ވާތީ، އެ ކޮޓަރި ހުންނަނީ ތަޅު ވެސް ލައިފަ އެވެ. އިތުރު މީހަކަށް އެތަނަށް ވަނުމުގެ ފުރުސަތެއް ނެތެވެ. ކޮޓަރި ތަޅުލާފައި ބެހެއްޓުން ފިޔަވައި ރައްކާތެރިކަމުގެ އެހެން ކަމެއް ކޮށްފައެއް ނެތެވެ.
އާންމުކޮށް މާވަހަރު ބާއްވަނީ މޫދު ލޮނު އަޅާފައި އޭގަ އެވެ. އެހެން ނުހަދައިފި ނަމަ މާ ގިނަ ދުވަސްތަކެއް ނުވެ މާވަހަރު ކުޑަވެ، ލުއިވާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެކަމަކު މަނިކު ބުނި ގޮތުގައި އޭނާގެ މާވަހަރު ބާއްވާފައި އޮތީ މޫދު ލޮނުގެ ތެރެއަކު ނޫނެވެ.
"އަޅުގަނޑަށް މައްސަލައެއް ނެތް ކުޑަވިޔަސް، އެއީ ވަރަށް ބަރު އެއްޗެއް. އެހެންވީމަ އަޅުގަނޑު ބޭނުންވަނީ މާވަހަރެއް ކަން ޔަގީންވާ އިރަށް ވިއްކާލާން،" އަހުމަދު މަނިކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ޓެސްޓުތަކުން އެއީ މާވަހަރެއްކަން ޔަގީން ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ. އެއީ މާވަހަރެއް ކަމަށް މިހާތަނަށް ބައްދަލުވި ގިނަ މީހުން ބުނާތީ ކަމަށް އޭނާ ބުންޏެވެ.