މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނެފި އެވެ.
އޭޝިއަން ގޭމްސްގައި ވާދަކުރަން ގައުމީ ވޮލީބޯޅަ ޓީމު އިންޑޮނީޝިއާ އަށް ދިޔައީ ބެންކޮކްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހު އެވެ. ޓްރެއިނިން ކޭމްޕްގައި ގައުމީ ވޮލީ ޓީީމުން ވަނީ ފަސް މެޗެއް ކުޅެފަ އެވެ. އޭގެތެރެއިން ހަތަރު މެޗުން މޮޅުވިއިރު، އަނެއް މެޗުން ބަލިވީ ފަސް ސެޓަށް ގޮސްގެންނެވެ.
އޭޝިއަން ގޭމްސްގެ ވޮލީބޯޅަ އިވެންޓުގައި ރާއްޖެ އޮތީ އިންޑިއާ އާއި ގަތަރު އަދި ހޮންކޮންއާ އެއް ގްރޫޕެއްގަ އެވެ. މި ނިސްބަތުން ބަލާއިރު ރާއްޖެ އަށް އުނދަގޫ މެޗުތަކެއް ނަމަަވެސް ޓީމަށް ކުޅެލަން ލިބޭނެ ރަނގަޅު މެޗުތަކެކެވެ. ފުރަތަަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ގަތަރާ ދެކޮޅަށެވެ. ދެ ވަަނަ މެޗުގައި މި މަހު 23 ވަނަ ދުވަހު ހޮންކޮންއާ ކުޅުމަށް ފަހު ގްރޫޕްގެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅޭނީ 25 ވަނަ ދުވަހު އެވެ.
ނިސްބަތުން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭއިރު ލޯންގޭ ބުނީ މިއީ ކުޅުންތެރިންގެ ކުރިއެރުމަށް މުހިއްމު މެޗުތަކެއް ކަމަށެވެ.
"ކުޅުންތެރިން ފޯމްގައި ތިބީ. ޓްރެއިނިން މެޗުތަކުގައި ހަމަ ރަނގަޅު. އުއްމީދަކީ އިރާދަކުރެއްވިއްޔާ އެ ޓީމުތަކަށް ރަނގަޅު ފައިޓެއްދިނުން. މިއީ ކުޅެލަން ލިބޭ ރަނގަޅު މެޗުތަކެއް،" އުމުރުން 32 އަހަރުގެ ލޯންގޭ ބުންޏެވެ.
އޭޝިއަން ގޭމްސް އަކީ ކުރިމަގަށް ވޮލީބޯޅަ ޓީމު ބިނާކުރުމަށް ކުރާ މަސައްކަތަށް ވަރަށް ރަނގަޅު މެޗުތަކެއް ލިބިގެންދާނެ މުބާރާތެއް ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ. ރޭންކިން މެޗުތަކާ އެކު ގޭމްސްގައި ގިނަ މެޗުތަކެއް ލިބޭނެ ކަމަށާއި މިއީ ކުޅުންތެރިން ކުރިއަރުވަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ދެކެ އެވެ.
ހަތަރު އަހަރު ކުރިން އިޗިއޮންގައި އޮތް އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ވޮލީ ޓީމު ދިޔައީ ރޭންކިންގެ އެންމެ ފަހަތަށެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ރާއްޖެ އޮތީ ހޮންކޮން އާއި އިންޑިއާ އަދި އީރާންއާ އެއް ގްރޫޕެއްގަ އެވެ. އެ ތިން މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ކޮލިފިކޭޝަން ބުރުގައި ކަޒަކްސްތާން އާއި ޗައިނީސް ޓައިޕޭ އަތުން ތިން ސެޓުން ބަލިވިއިރު، އޭގެ ފަހުން ތުރުކުމެނިސްތާން އަތުން ބަލިވީ 3-1 ސެޓުންނެވެ. އަދި ރޭންކިން ފަހު މެޗުގައި ހޮންކޮން އަތުން ބަލިވީ 3-2 ސެޓުންނެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސް އަކީ އަންނަ އަހަރުގެ ސާފް ގޭމްސް އާއި ދެން ކުރިއަށް އޮތް ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިހާރު އޮތް ޓީމަށް މުހިއްމު ތަޖުރިބާއެއް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ދެކެ އެވެ. އޭޝިއަން ގޭމްސްގައި މި ފަހަރު ރާއްޖޭން ވޮލީގައި ވާދަކުރަނީ ފިރިހެން ދެ ޓީމެވެ. އެއީ އިންޑޯ އާއީ ބީޗްވޮލީ ބޯޅައިގަ އެވެ.