މިއަދަކީ މީގެ 17 އަހަރު ކުރިއަށް ޖެހިލާއިރު ވ. ކެޔޮދު އަށް އުފަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހިތަށް ވެސް ނާންނަ ދުވަހެކެވެ. އެއީ ގައުމީ ޖޯޒީ ލައިގެން ފުރަތަމަ މެޗެއް ކުޅުމަށް ފަހު އެކަން އެންމެ ފަހުން އޭނާ ކުރަން ޖެހޭނީ ކޮން ދުވަހަކު ކަމާ މެދު ދުވަހަކު ވެސް ވިސްނާފައިނެތީމަ އެވެ. މި ފަހަރުގެ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރަން ލޯންގޭ ނިންމާފައިވާއިރު، މިއަދު ތިން ވަނަ ހޮވާ މެޗުން ތުރުކުމެނިސްތާން އަތުން ބަލިވުމާ އެކު ލޯންގޭގެ ގައުމީ ކެރިއަރަށް ނިމުން އައީ އެވެ.

ލޯންގޭ ވަނީ ގައުމީ ޓީމާ އެކު ދެ ރިހި މެޑަލާއި ދެ ބްރޯންޒް މެޑަލް ހޯދި އެވެ. ރަން މެޑަލެއް ހޯދުމުގެ އަޒުމުގައި މި ފަހަރުގެ މުބާރާތަށް ކުރިމަތިލިިއިރު ރާއްޖޭގެ ޓީމަށް އެކަން ހާސިލެއްނުވި އެވެ. ލޯންގޭ "މިހާރަ"ށް ބުނީ ގައުމީ ކެރިއަރުގައި އަންނާނެ ހަމައެކަނި ހުސްކަމަކީ ރަން މެޑަލެއް ނެތުން ކަމަށެވެ.

"ގައުމީ ޓީމާ އެކު ނިންމާލަން ބޭނުންވީ އެންމެ ފަހުން މުބާރާތުން ވިޔަސް ރަން މެޑަލަކާ އެކީ. ރަން މެޑަލެއް ނުލިބުން ވާނެ ކެރިއަރުގައި އައި ހުސްކަމަކަށް. އެކަމަކު ފަހުރުވެރިވާ ގިނަ ކަންތައްތަކެއް ވެސް ގިނަ،" ލޯންގޭ ބުންޏެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މިދިޔަ އަހަރު ހާސިލްކުރި ލޯންގޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2004 ވަނަ އަހަރުގެ ސާފް ގޭމްސް އިންނެވެ. އޭގެ ފަހުން އޭނާ އަންނަނީ މެދުކެނޑުމެއްނެތި ގައުމީ ޓީމަށް ކުޅެމުންނެވެ. އަނިޔާވެގެން ނޫން ގޮތަކަށް އޭނާ އަަށް ގައުމީ ޓީމުން ފުރުސަތު ގެއްލިފައެއް ނުވެ އެވެ.

ގައުމީ ޓީމުގެ ކުރީގެ މެޗެއްގެ ތެރެއިން ލޯންގޭ.
ގައުމީ ޓީމުގެ ކުރީގެ މެޗެއްގެ ތެރެއިން ލޯންގޭ.

ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އިއުލާނުކުރީ މާލޭގައި މި މަހު 13 ވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު އެވެ. އެ މެޗަށް ފަހު ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ލޯންގޭގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން ހަނދާނީ ފިލައެއް ލޯންގޭ އަށް ދިނެވެ.

އުމުރުން 33 އަހަރުގެ ލޯންގޭ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުމަކީ ހަޔާތުގައި އެންމެ އުނދަގޫ އެއް ނިންމުމަށްވާނެ ކަމަށެވެ.

"މިއީ މިހާރުގެ ހާލަތު އޮތްގޮތުންނާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް. ރަނގަޅު އެޓިޓިއުޑާއި ރަނގަޅު ފުރުސަތުތަކާ އެކު މިހާރު އޮތް ޓީމު އިތުރަށް ވަރުގަދަކޮށްގެން ގައުމީ ޓީމަށް ރަން މެޑަލެއް ހޯދިދާނެ. ބޭނުންވަނީ އެ މަސައްކަތްކުރާއިރު ކޯޗިން ޓީމު ތެރޭގައި ވިޔަސް ހުންނަން. ހިތް އަބަދުވެސް އޮންނާނީ ގައުމީ ޓީމާ އެކު އެހީތެރިވާން ތައްޔާރަށް،" ލޯންގޭ ބުންޏެވެ.

ލޯންގޭ ވަނީ ވަރަށް ފަހަކާ ޖެހެންދެން ވެސް ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) މީގެ ކުރިން ބުނީ ލޯންގޭ ގައުމީ ޓީމަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެ އަށް ވުރެ ގިނަ ގޮތްގޮތުން އޭނާ މަސައްކަތްކޮށްދީފައިވާ ކަމަށެވެ. އަދި އުއްމީދަކީ ގައުމީ ޓީމުގައި ކުޅުންތެރިއެއްގެ މަގާމުގައި ނޫނަސް ލޯންގޭ ބައިވެރިވުން ކަމުގައި ކާއްޓޭ ބުންޏެވެ.

ކޯޗު އިބްރާހިމް ރަޝީދު (ސަތޯ)ގެ ކޯޗުކަމުގެ ދަށުން 2001 ވަނަ އަހަރު އެމްއީއެސް ވޮލީ ޓީމުން ވިދާލި ލޯންގޭ އަކީ ރާއްޖޭގެ ވޮލީގައި ގިނަ ކާމިޔާބީތެއް ހޯދައި ރަން އަކުރުން ފަވާލެވޭނެ ފެންވަރުގެ ކުޅުންތެރިޔެކެވެ. ލޯންގޭ ކާމިޔާބީގެ ހިއްސާއެއްވާ އަނެއް ކޯޗަކީ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ކުރިން ހުރި މުހައްމަދު ޝަރަފް އެވެ.

ލޯންގޭ ރިޓަޔާކުރުކަން އިއުލާނުކުރި މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ވެގެން އޭނާ އުރާލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ލޯންގޭ ރިޓަޔާކުރުކަން އިއުލާނުކުރި މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ވެގެން އޭނާ އުރާލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވަރަށް އުނދަގޫވި ވަގުތުތަކުގައި ވެސް އެކުގައި ވަރަށް ރަނގަޅު މީހުން ތިބި. އޭގެ ތެރެއިން ފާހަގަކޮށްލަން ކޯޗު ސަތޯ އާއި ޝަރަފް. ދެން އެމްއެންޑީއެފް މީހުން. ހަގީގަތުގައި މިއީ ވަރަށް ރަނގަޅަށް އަހަންނަށް އެހީތެރިވި މީހުން. އެކުގައި ގައުމީ ޓީމުގައި އެކި ފަހަރު ކުޅުނު ކުޅުންތެރިން ވެސް ރަނގަޅު،" ލޯންގޭ ބުންޏެވެ.

ހަވީރު ސްޕޯޓްސް އެވޯޑްސްގައި ދޭ އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމް ދެ ފަހަރު ހޯދައި ތިން ފަހަރެއްގެ މަތިން ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ލޯންގޭ އަކީ މިދިޔަ އަހަރުގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އިން ފެންނާނެ އެވެ. ކުޅެމުންދިޔަ ނަމަވެސް ކޯޗިންގެ އެކި ފާސްތައް ނަގައި އެ މަސައްކަތުން ކުރިއަށްދިއުމަކީ ލޯންގޭގެ އަނެއް އަމާޒެވެ.