އަންނަ މަހު އިންޑޮނީޝިއާގައި އޮންނަ އޭޝިއަން ގޭމްސްގެ އިންޑޯ އާއި ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭން ވާދަކުރަނީ ފިރިހެން ޓީމު ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.
ވީއޭއެމުން ބުނީ މި ފަހަރުގެ ގޭމްސް އިން އަންހެން ޓީމުތައް ބައިވެރިނުވީ އޮލިމްޕިކް ކޮމިޓީއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށާއި އަންހެން ޓީމު ޓްރެއިނިން ކޭމްޕެއްގައި ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވޮލީބޯޅަ އަންހެން ޓީމު އަންނަނީ ފަހަކަށް އައިސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި އެންމެ ފަހުން 2016 ވަނަ އަހަރު އޮތް ސާފް ގޭމްސްގައި ވެސް އެ ޓީމުން ރަނގަޅު ވާދައެއް ކުރި އެވެ. އަންހެން ވޮލީބޯޅަ ޓީމު ވަނީ އެންމެ ފަހުން 2014 އާއި 2010 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސްތަކުގައި ވާދަކޮށްފަ އެވެ.
މި އަހަރު ފެށިގެން ވެސް އަންހެން ވޮލީ ޓީމު ވަނީ ގިނަ ޕްރެކްޓިސްތަކެއް ކޮށްފަ އެވެ.
ވޮލީބޯޅަ ފިިރިހެން ޓީމު އޭޝިއަން ގޭމްސް އަށްދާނީ ތައިލެންޑުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހު އެވެ. އަދި އެ ޓްރެއިނިން ކޭމްޕް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އަށް ވަނަ ދުވަހު ކަމަށް ވީއޭއެމުން ބުނެ އެވެ.
އަަންނަ މަހު 20 އިން ސެޕްޓެމްބަރު 1 އަށް ޖަކާޓާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ވޮލީބޯޅަ އިވެންޓުގައި ރާއްޖެ އޮތީ އިންޑިއާ އާއި ގަތަރު އަދި ހޮންކޮންއާ އެއް ގްރޫޕެއްގަ އެވެ. މި ނިސްބަތުން ބަލާއިރު ރާއްޖެ އަށް އުނދަގޫ މެޗުތަކެއް ނަމަަވެސް ޓީމަށް ކުޅެލަން ލިބޭނެ ރަނގަޅު މެޗުތަކެކެވެ. އަދި މިހާރު އޮތް ގައުމީ ޓީމުގައި އާ ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު އެ ކުޅުންތެރިންނަށް ލިބޭނެ ރަނގަޅު ތަޖުރިބާ އެކެވެ.
އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ ދެ ޕެއާއެއް ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ފަހަކަށް އައިސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވޮލީބޯޅަ ޓީމުތަކަށް އެކި ސަބަބުތަކާ ހުރެ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ.