ސައޫދީ އަރަބިއްޔާއިން ޔަމަނުގެ ހުދައިދާ ބަނދަރަށް ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ޔަމަނުގެ ހޫތީ ޖަމާއަތުން މިއަދު ސައޫދީގެ އިރުމަތީ ތެޔޮ ސަރަހައްދަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފި އެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީ މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސައޫދީގެ އިރުމަތީ ޕްރޮވިންސްގައި ހުންނަ ރާސް ތަނޫރާ ތެޔޮ ސާފުކުރާ ކާރުހާނާއަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ ހަމަލާ ސީދާ އެ ތަނަށް އަރައި، އަލިފާން ރޯވެފައިވާ ކަމަށް ހޫތީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ސައޫދީގެ ޝުގާއިގް ޕަވާ ސްޓޭޝަނަކަށާއި ޖާޒާން ބަނދަރަށް ވެސް ހަމަލާދިން ކަމަށް ހޫތީން ބުނެ އެވެ.
ނަމަވެސް، ސައޫދީ އިސްވެ އޮންނަ ކޯލިޝަންގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، ރާސް ތަނޫރާގެ މަތިން ހޫތީން ފޮނުވާލި ހަތަރު ޑްރޯން ސައޫދީގެ ވައިގެ ދިފާއީ ނިޒާމުން ވައްޓާލައި ނައްތާލާފައިވާ ކަމަށެވެ. އަދި ސައޫދީގެ އިރުމަތީ ޕްރޮވިންސުން އިތުރު ތިން ޑްރޯނާއި، ދެކުނު ސަރަހައްދަށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވެސް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ކޯލިޝަނުން ބުނެ އެވެ. މި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މި ހަމަލާތައް ދީފައި މި ވަނީ، މިއަދު ފަތިހު ސައޫދީ ކޯލިޝަނުން ޔަމަނުގެ ހުދައިދާ ބަނދަރަށާއި އެ ސިޓީގެ އެއާޕޯޓުގެ އިތުރުން ސާދާ އަދި އަމްރާން ގަވަރުނޭޓަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވަނިކޮށެވެ. ހުދައިދާއަށް ދިން ހަމަލާތަކާ ގުޅިގެން، ސައޫދީގެ ޖިއްދާ، ޔަންބޫ އަދި ޖާޒާން ފަދަ ރަތް ކަނޑުގެ ހުރިހާ ބަނދަރުތަކަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީ، އެ ތަންތަނުން މުވައްޒަފުންނާއި އާގުބޯޓުފަހަރު ވަގުތުން ދުރަށް ގެންދިއުމަށް ހޫތީން ވަނީ މިއަދު އަންގައިފަ އެވެ.