ސަންއާ (ނޮވެމްބަރު 23) - ޔަމަނުގެ ބަނދަރުމަތީ ސަރަހައްދުގެ މުހިންމު ރަށެއް ކަމަށްވާ ހުދައިދާ އަށް ސައޫދީ އަރަބިއްޔާ އިން މިއަދު ދިން ހަމަލާއެއްގައި 10 މީހުން މަރުވެ، 20 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ހޫތީންގެ މީޑިއާތަކުން ބުނެފި އެވެ.

ހުދައިދާ ހިމެނޭހެން ޔަމަނުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލްކުރާ، އީރާނުގެ މަދަދު ލިބޭ ހޫތީ ހަނގުރާމަވެރިން ހަނގުރާމަ ކުރަމުން އަންނަނީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރަށް ވާގިވެރިވާ ސައުދީ އިސްވެ އޮންނަ ކޯލިޝަނާ ދެކޮޅަށެވެ.

ހޫތީންގެ އަލްމަސީރާ ޓީވީން އެކްސްގައި ބުނި ގޮތުގައި މި ހަމަލާ އަމާޒުކޮށްފައި ވަނީ ޔަމަނުގެ ޕަބްލިކް ޓެލެކޮމިއުނިކޭޝަންސް ކޯޕަރޭޝަންގެ އިމާރާތަކަށެވެ. އެ ޗެނަލުން ފުރަތަމަ ރިޕޯޓްކުރީ މި ހަމަލާގައި ހަތަރު މީހުން މަރުވި ކަމަށެވެ. ނަމަވެސް، އޭގެ ގަޑިއިރުތަކެއް ފަހުން، މަރުވި މީހުންގެ އަދަދު 10 އަށް އިތުރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މި ރިޕޯޓާ ގުޅިގެން ސައުދީ އަރަބިއްޔާ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މި ހަމަލާ ދީފައި މި ވަނީ، ސައޫދީގެ ހުޅަނގު ރަތް ކަނޑުގެ އައްސޭރިއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސައޫދީ ކޯލިޝަނުން އިއްޔެ ބުނެފައި ވަނިކޮށެވެ. އެ ސަރަހައްދަކީ ތެލުގެ ބޮޑެތި މަރުކަޒުތައް ހުންނަ ސަރަހައްދެކެވެ. ފާއިތުވި ހަފުތާތަކުގައި ހޫތީން ވަނީ އެ ތަންތަނުގެ އިތުރުން އެއާޕޯޓްތަކާއި އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާ ދީފަ އެވެ.

މީގެ އިތުރުން، ސަރުކާރު ސިފައިން ފަހަތަށް ޖެހުމުން، މީގެ މަހެއްހާ ދުވަސް ކުރިން އައްސޭރިފަށުގެ ރަށެއް ކަމަށްވާ މޮކާ ކައިރިން އަތުލައިގަތް ހަތިޔާރު ގުދަންތަކެއް ކަމަށް ބުނާ ތަންތަން ފެންނަ ވީޑިއޯއެއް ހޫތީ މީޑިއާތަކުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ހޫތީންގެ ނިއުސް އެޖެންސީ ސަބާ އިން އާންމުކުރި އެ ފުޓޭޖުން ފެންނަ ގޮތުގައި، އެމެރިކާގައި އުފައްދާފައިވާ ކަމަށް ބުނާ މިސައިލާއި، އުންޑަ އަދި ޑްރޯން ހުރި އެތައް ކޮންޓެއިނަރެއް އެ ތަނުގައި ހުއްޓެވެ. ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އެ ތަކެތި ހުރީ ވެލި ފުނިތަކެއްގެ ދަށުގަ އާއި ފަރުބަދައެއްގެ ކައިރީގަ އެވެ. އަދި އޭގައި ހުރި ވަޒަން ފޮށިތަކުގައި ޖަހާފައިވާ ލޭބަލްތަކުން އެނގޭ ގޮތުގައި އެ ތަކެތި ގެނެސްފައި ވަނީ ސައޫދީގެ އިރުމަތީ ދައްމާމް މަގުންނެވެ.

ސަބާ ނިއުސް އެޖެންސީން ބުނި ގޮތުގައި މިއީ ހޫތީން މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ހަތިޔާރުގެ ޝިޕްމަންޓެވެ. އަދި މި ތަކެތީގެ ސަބަބުން "އަހަރުތަކެއް ވަންދެން ދުޝްމަނުންނާ ހަނގުރާމަ ކުރުމުގެ" ގާބިލްކަން ލިބިގެންދާނެ ކަމަށް އެ އެޖެންސީން ބުންޏެވެ.

އަހަރުތަކެއް ވަންދެން ދާހިލީ ހަނގުރާމައިގެ ތެރޭގައި އޮތް ޔަމަނު، އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ބޮޑު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުނީ ހޫތީންނާއި ސައުދީން ވާގިވެރިވާ ސަރުކާރާ ދެމެދު ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިދިޔަ ޖުލައި މަހު ރޫޅުމާ ގުޅިގެންނެވެ.

އދ. ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ފަހުން ހިނގަމުންދާ ހަމަނުޖެހުންތަކުގައި، އަރަބި ޕެނިންސިއުލާގެ އެންމެ ފަގީރު ގައުމު ކަމަށްވާ ޔަމަނުން 1،600 އަށް ވުރެ ގިނަ މީހުން މަރުވެ، 300،000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފަ އެވެ. -- އޭއެފްޕީ