ތުރުކީގެ އަންތާލިއާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ސަމިޓް (ކޮޕް31) ގައި، ފޮސިލް ފިއުލް (ތެލާއި ގޭހާއި ބޯޓުދެލި) ގެ ވާހަކަ ނުހިމަނައި އެކުލަވާލި އެއްބަސްވުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އާއި އެހެނިހެން ގައުމުތަކުން ދެކޮޅު ހެދުމާ ގުޅިގެން، އެއްވެސް އެއްބަސްވުމަކަށް ނާދެވި ސަމިޓް މިއަދު ނިމިއްޖެ އެވެ.
ސަމިޓް ރަސްމީކޮށް ނިންމަން އޮތް ވަގުތަށް ވުރެ 44 ގަޑިއިރު ފަހުން، ހަލަބޮލިކަމުގެ ތެރޭގައި ނިންމާލި މި ބައްދަލުވުމުގައި މައިގަނޑު އެއްބަސްވުމަށް ގިނަ ގައުމުތަކަކުން ވަނީ އިންކާރުކޮށްފަ އެވެ. މިއީ އދ. ގެ މޫސުމީ ސަމިޓެއްގެ ތާރީހުގައި ވެސް އެންމެ ދިގުލައިގެން ދިޔަ ބައްދަލުވުމެވެ.
"މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު ސަބަބު ކަމަށްވާ ފޮސިލް ފިއުލްގެ ނަން ވެސް ނެތް ނިންމުމަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަން،" އީޔޫގެ ރިޔާސަތު ބަލަހައްޓާ އަޔަލެންޑްގެ ކްލައިމެޓް މިނިސްޓަރު ޑަރާ އޯބްރަޔަން ވިދާޅުވި އެވެ.
ކޮޕް31 ގެ ރައީސް މުރާތު ކުރުމް ވެސް ވަނީ އެއްބަސްވުމަކަށް ނާދެވުނުކަން އިއުލާން ކުރައްވައިފަ އެވެ. ސަމިޓްގެ ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ ލިޔުމާ މެދު އިއްތިފާގު ވެވިފައި ނުވާތީ އެ ނިންމުންތައް ފާސްނުވާ ކަމަށެވެ.
މެދުއިރުމަތީގައި އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލި، ސިޔާސީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބޭއްވި މި ސަމިޓްގައި ފޮސިލް ފިއުލްގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ފޮސިލް ފިއުލްއާ ގުޅޭ އިބާރާތްތައް ހިމެނުމަށް ސައުދީ އަރަބިއްޔާ ފަދަ، ތެޔޮ އުފައްދާ ގައުމުތަކުން ވަނީ ވަރުގަދައަށް ދެކޮޅު ހަދައިފަ އެވެ.
މި ސަމިޓްގެ މަޝްވަރާތަކުގައި އިސްކޮށް އުޅުނު އޮސްޓްރޭލިއާއިން މަސައްކަތްކުރީ ކުރިއަށް އޮތް ތަނުގައި މޫސުމީ ފިޔަވަޅުތައް އަޅާނެ މިސްރާބު ދައްކުވައިދޭ ފަދަ މައިގަނޑު ނިންމުމެއް ފާސްކުރުމަށެވެ. ނަމަވެސް، އެންމެ ފަހުން ހުށަހެޅި ދެލިކޮޕީގައި ބޯޓުދެއްޔާއި ތެލާއި ގޭހުގެ އެއްވެސް ވާހަކައެއް ނެތުމުން ސަމިޓް ހަލަބޮލިވެގެން ދިޔަ އެވެ.
"ފޮސިލް ފިއުލްގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އަޅުގަނޑުމެންގެ މުސްތަގުބަލު ގުރުބާނެއް ނުކުރާނަން،" މާޝަލް އައިލެންޑްސްގެ މަންދޫބު ކެތީ ޖެޓްނިލް-ކިޖިނާ ވިދާޅުވި އެވެ.
މާޝަލް އައިލެންޑްސްގެ އިތުރުން ޕެނަމާ، ވަނުއާޓޫ އަދި ބެލީޒް އިން ވެސް ވަނީ އެ އެއްބަސްވުމަށް ދެކޮޅުހަދައިފަ އެވެ. ޖަލްސާކުރާ މާލަމުން ބޭރުގައި އޭއެފްޕީއާ ވާހަކަ ދައްކަވަމުން އޯބްރަޔަން ވިދާޅުވީ، ތެޔޮ އުފައްދާ ބައެއް ގައުމުތަކުން މި ސަމިޓް "ހައިޖެކް" ކޮށްފައިވާ ކަމަށެވެ. އދ. ގެ މޫސުމީ މަޝްވަރާތަކުގައި ކަންކަން ނިންމަނީ ބައިވެރިވާ 200 އެއްހާ ގައުމުގެ އިއްތިފާގުން ކަމަށް ވާތީ، އެންމެ ގައުމަކުން ދެކޮޅު ހެދިޔަސް އެއްބަސްވުމެއް ފާހެއް ނުވާނެ އެވެ.
"ތިމާވެށި ކިލަނބު ކުރުމަށް ދެވޭ ލައިސަންސެއް"
ބައެއް ގައުމުތަކުން ސަމިޓް ދޫކޮށް ހިނގައިދާނެ ކަމުގެ އިންޒާރު އިއްޔެ ދިނުމާ ގުޅިގެން، ތުރުކީ އާއި އޮސްޓްރޭލިއާއިން އިސްނަގައިގެން އީޔޫ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ކުއްލި ބައްދަލުވުމެއް ބޭއްވި ނަމަވެސް އެއްބަސްވުމަކަށް ނާދެވުނެވެ.
އެންމެ ފަހުގެ ދެލިކޮޕީގައި 2023 ވަނަ އަހަރުގެ އެއްބަސްވުމަކަށް ނުސީދާކޮށް އިޝާރާތް ކޮށްފައިވީ ނަމަވެސް، ފޮސިލް ފިއުލްގެ ނަން ސީދާކޮށް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި، ތެޔޮ ކުންފުނިތަކުން ތާއީދުކުރާ "ކާބަން ކެޕްޗާ" ޓެކްނޮލޮޖީ ފުޅާކުރުމަށް އެ ލިޔުމުގައި ބާރުއަޅާފައިވެ އެވެ. ނަމަވެސް ތިމާވެށީގެ މާހިރުން ބުނާ ގޮތުގައި އެއީ ހަރަދު ބޮޑު އަދި ވިހަ ގޭސް މަދުކުރުމުގައި ނަތީޖާ ނުނެރެވޭ ޓެކްނޮލޮޖީއެކެވެ.
އަރަބި ގައުމުތަކުގެ ފަރާތުން ވާހަކަ ދެއްކެވި ސައޫދީގެ މަންދޫބު މުހައްމަދު އައްޔޫބް ވިދާޅުވީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ހުރިހާ ހައްލުތަކެއް ވެސް އޮންނަން ޖެހޭނެ ކަމަށާއި، ގައުމުތަކުގެ ހާލަތަށް ބަލައި އެ ހައްލުތައް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.
ތިމާވެށީގެ އެކްޓިވިސްޓުން ވެސް ވަނީ މި އެއްބަސްވުން ބަލައިނުގަތުމަށް ގައުމުތަކަށް ގޮވާލައިފަ އެވެ.
"މިއީ މޫސުމީ ޕްލޭނެއް ނޫން. މިއީ ތިމާވެށި ކިލަނބު ކުރުމަށް ދެވޭ ލައިސަންސެއް،" 350.އޯގް ޖަމިއްޔާގެ ސާރާ ޝޯ ވިދާޅުވި އެވެ.
ފޮސިލް ފިއުލްގެ މައްސަލައިގައި ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، ތުރުކީ އާއި އޮސްޓްރޭލިއާއިން ވަނީ ކަރަންޓަށް ބަދަލުވުން ނުވަތަ "އިލެކްޓްރިފިކޭޝަން" އަށް ބާރުއަޅައިފަ އެވެ. ދެލިކޮޕީގައި، 2035 ވަނަ އަހަރުގެ ނިޔަލަށް މުޅި ދުނިޔޭގައި ބޭނުންކުރާ ހަކަތައިގެ 35 ޕަސެންޓަކީ ކަރަންޓަށް ހެދުމަށް ގޮވާލާފައިވީ ނަމަވެސް، އެ ކަރަންޓު އުފައްދަން ޖެހޭނީ އިއާދަކުރަނިވި ހަކަތައިން ކަމަށް ލާޒިމްކޮށްފައެއް ނުވެ އެވެ.
"ބޮޑު މާޔޫސްކަމެއް"
މީގެ އިތުރުން، ސައުދީ އަރަބިއްޔާ، އިންޑިއާ އަދި ކެންޔާއިން އިސްވެ، އައިޕީސީސީގެ ކުރިއަށް އޮތް މުހިންމު ރިޕޯޓްތައް ލަސްކުރުމަށް ކުރި މަސައްކަތަކީ ވެސް މަޝްވަރާތައް ހޫނުވި ސަބަބެކެވެ. އަދި ޕެރިސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމުގެ އަމާޒު ގެއްލެމުންދާތީ އެކަމަށް އިޖާބަދޭނެ ގޮތަކާ މެދު ވެސް ގައުމުތަކުގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.
އިނގިރޭސިވިލާތުގެ މަންދޫބު ކޭޓް ހިއުސް ވިދާޅުވީ، ހުށަހެޅި ދެލިކޮޕީގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންނެވި ކަމަށާއި، އެއީ ސައިންސްގެ ގޮތުން ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.
މި މަޝްވަރާތައް ހުއްޓުމަކަށް އައި އަނެއް ސަބަބަކީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް، ތަރައްގީވަމުން އަންނަ ގައުމުތަކަށް މުއްސަނދި ގައުމުތަކުން ދޭން ޖެހޭ މާލީ އެހީގެ މައްސަލަ އެވެ. ކްލައިމެޓް އެޑަޕްޓޭޝަނަށް ކަނޑައަޅާފައި އޮތް 120 ބިލިއަން ޑޮލަރުގެ އަމާޒު ދެލިކޮޕީން އުނިކުރުމުން، ތަރައްގީވަމުން އަންނަ ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް މާލީ އެހީ ބޭނުންވޭ. އެކަމަކު ބައިވެރިން މި ސަމިޓަށް އައީ ހުސްއަތާ. ހުސް ވައުދުތަކަކުން އަޅުގަނޑުމެންނަކަށް ސަލާމަތެއް ނުވެވޭނެ،" މާޝަލް އައިލެންޑްސްގެ މަންދޫބު ވިދާޅުވި އެވެ. -- އޭއެފްޕީ