މަސްބާނަން ހަފުތާއެއްހާ ދުވަހު ކަނޑުމަތީގައި އުޅުމަށް ފަހު އަބްދުލް ހާދީ ހުރީ ފެލިވަރަށް މަސްކިރުވާފައި ބާކީވި މަސްކޮޅު ވިއްކަން އަމިއްލަ ރަށް، ޅ. ނައިފަރަށް އައިހެވެ. ކުޅަދާނަ ކެޔޮޅުން ގިނަ، މަސްވެރި ރަށުން، އޭނާއާ ބައްދަލުވީ ދޯނި ހުސްކުރުމަށް ފަހު، އިރުއޮއްސޭ ވަގުތަށް އަލުން މަހަށް ފުރަން ތައްޔާރު ވަނިކޮށް ބަނދަރު މަތިންނެވެ.

މަސްވެރިކަން ތަދު ދުވަސްވަރަކަށް ފަހު، މިހާރު އަނެއްކާވެސް މަސްއައިންތައް ތިލަވާން ފެށުމުން ޅ. ނައިފަރުގެ ހުރިހާ މަސްދޯންޏެއްހެންވީ މަހަށް ފުރަ އެވެ. އަތޮޅުގެ އެތެރެވަރި އާއި ބޭރުގައި މަސްއައިންތައް އެބައޮތެވެ. އެކަމަކު، އެން ތަދުވުމުން، މަސްބޭނެ ވަރު އަދިވެސް މަދެވެ.

އޭނާ ފުރުމުގެ ކުރިން، މަސްވެރިކަމުގައި މިވެގެން އުޅޭ ގޮތް ކިޔައިދޭން އަހަރެން އެދުނީ، ނައިފަރުގެ މަސްވެރި ތާރީހެއް އޮތުމުންނެވެ. ޝައުގުވެރިވެ އޭނާ އެދުނީ އެ އިންޓަވިއުއަށް އަހަރެން ދޯންޏަށް އެރުމަށެވެ. މަސްވެެރިކަން ދަށަށް ދާ އެތައް ބައިވަރު ސަބަބެއް ކިޔައިދެވިދާނެއޭ ބުނިއިރު، މިކަމުގައި އޭނާގެ ކަންބޮޑުވުން ސިފަވެ އެވެ.  

މަސްދޯނީގެ ގެގަޑުގެ މަތީގައި ހުރި ޖޯލިފައްޗެއްގައި ހަމަޖެހިލައިގެން އިނދެ އޭނާގެ ވާހަކަ ފެށި އެވެ.

ޅ. ނައިފަރު މަސްމާރުކޭޓުގައި ބަޔަކު މަސް ކަނޑަނީ: މަސްވެރިކަމުން އާމްދަނީ ހޯދާ ގިނަ ބަޔަކު އަދިވެސް މި ރަށުގައި އުޅޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޅ. ނައިފަރު މަސްމާރުކޭޓުގައި ބަޔަކު މަސް ކަނޑަނީ: މަސްވެރިކަމުން އާމްދަނީ ހޯދާ ގިނަ ބަޔަކު އަދިވެސް މި ރަށުގައި އުޅޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހާދީ މަސްވެރިކަމުގައި އުޅޭތާ ފަންސަވީހަކަށް އަހަރުވީއިރު، މަސްވެރިކަން މިހާ ބޮޑަށް ދަށްވި ދުވަސްވަރެއް އަދި ނާދެ އެވެ. އައްޑު އަތޮޅު މަސްދޯންޏެއްގައި މަހަށް ދާ ނައިފަރުގެ މި ކެޔޮޅު ބުނި ގޮތުގައި، ދޮށީ މަސްވެރިކަން މާ ބޮޑަށް ދަށަށް ދިޔަ މައިގަނޑު ސަަބަބަކީ އެންވެރިކަން ދަށްވުމެވެ. 

"މިސާލަކަށް ބުނަންޏާމު މާލެ އަތޮޅު. ކުރީ ޒަމާނުއްސުރެ މީގެ ފަސްވަރަކަށް އަހަރު ކުރިން ފެށިގެން އެންވެރިކަން ހަމަ ވަރަށް ބޮޑަށް އޮންނަ ތަނެއް އެއީ. އަބަދުވެސް ކޮންމެވެސް އެމެއް ލިބޭ ތަނެއް އެއީ. އެކަމަކު ފަސް އަހަރު މިހާރު ވޭތުވެގެން މި ދިޔައީ އަބަދުވެސް ދަށަށް އެ އައީ އެންވެރިކަން،" މަސްވެރިކަމަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރާ ހާދީ ބުންޏެވެ. 

އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި، އެންވެރިކަން ދަށަށް ދާ މައިގަނޑު އެއް ސަބަބަކީ ބިން ހިއްކުމުގެ މަޝްރޫއުތައް ގިނަވުމުން މުރަކަ ހުދުވާ މައްސަލަ އިންތިހާއަށް ބޮޑުވެ ފަރުތައް ހަލާކުވުމެވެ. ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެއާޕޯޓް އެޅުން ކަހަލަ އުމްރާނީ ބޭނުންތަކަށް ވަރަށް ގިނަ ރަށްރަށުން ވަނީ ބިން ހިއްކައިފަ އެވެ. 

މާލެ އަތޮޅަކީ ރާއްޖޭގައި މިހާތަނަށް ބިން ހިއްކުމުގެ މަޝްރޫއުތައް އެންމެ ގިނައިން ހިންގާފައިވާ ވެސް އަތޮޅެވެ. ބިން ހިއްކުމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓާއި އިޖުތިމާއީ ދާއިރާއަށް ކޮށްފައިވާ އަސަރުތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއަކުން ވެސް އެނގޭ ގޮތުގައި، 2000-2024 ވަނަ އަހަރާ ދެމެދު މުޅި ރާއްޖެއިން ހިއްކި 4،000 ހެކްޓަރުގެ ބިމުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ މާލެ އަތޮޅުގަ އެވެ. 

 

ހުޅުމާލެ 3 ހިއްކި ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް: ބިން ހިއްކުމުގެ މަޝްރޫއުތައް ރާއްޖޭގައި ރެކޯޑް މިންވަރަކަށް ހިންގާފައިވާކަން ދިރާސާއަކުން ވަނީ އެނގިފައި.-- ފޮޓޯ: މިހާރު
ހުޅުމާލެ 3 ހިއްކި ދުވަސްވަރު ނަގާފައިވާ ފޮޓޯއެއް: ބިން ހިއްކުމުގެ މަޝްރޫއުތައް ރާއްޖޭގައި ރެކޯޑް މިންވަރަކަށް ހިންގާފައިވާކަން ދިރާސާއަކުން ވަނީ އެނގިފައި.-- ފޮޓޯ: މިހާރު

ބިން ހިއްކުން ނެތް އަތޮޅުތަކުން ވެސް އެން ލިބުން ދަތިވެފައި ވާތީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ވެސް މިކަން ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް މަސްވެރިން ބުނެ އެވެ. 

"އެންވެރިކަން މިހާރު ރަނގަޅަށް ނުކުރެވޭތާ ދެ އަހަރު ތިން އަހަރު ވެގެން މި ދިޔައީ. އެހެންވީމާ ދެން މީގައި، ނޭނގެ ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ވެސް މި ކިހިނެއް ކަމެއް މި ވަނީ،" ހާދީ ބުންޏެވެ.  

މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުންތަކާއި ކަނޑުމަހުގެ އާބާދީ ވެސް ވަނީ ނުރައްކަލަށް ހުށަހެޅިފަ އެވެ. ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ ގާތްގަނޑަކަށް 96 ޕަސެންޓަކީ މަހުގެ އުފެއްދުންތައް ކަމަށް ވުމުން، އާދަޔާ ހިލާފަށް ކަނޑު ހޫނުވުމަކީ މި ސިނާއަތް ދެމިއޮތުމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެކެވެ.

އެން ހޯދަން ދުރަށް ދުއްވަން ޖެހުމާއި ހަރަދުތައް ބޮޑުވުން

މަސްވެރިން ބުނީ އެން ހޯދަން މިހާރު ވަރަށް ދުރަށް ދަތުރުކުރަން ޖެހޭތީ ހަރަދުތައް ވެސް ބޮޑުވަމުންދާ ކަމަށެވެ. އެން ހޯދަން ކުރާ ދަތުރުތަކަށް އެކަނިވެސް ބައެއް ފަހަރު މިހާރު ދުވާލަކު 6-7 ފީފާ ތެޔޮ އަންދަން ޖެހެ އެވެ. ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، މިއީ މަސްވެރިން އުފުލަންޖެހޭ އިތުރު މާލީ ބުރައަކަށް ވަނީ ވެފަ އެވެ. 

މި އަހަރު ފެށުނުއިރު ޑީސަލް ލީޓަރެއްގެ އަގު 13.92ރ. އަށް ހުރިއިރު، އެ އަގު މިހާރު ވަނީ 26 ޕަސެންޓު އުފުލި 17.54ރ. އަށް އަރައިފަ އެވެ. 

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ކަޅުބިލަމަސް ގަންނަ އަގު ކަމަށްވާ ކިލޯއަކަށް 23ރ. ގެ ރޭޓުން ބަލާ ނަމަ، 17.54ރ. ގެ ރޭޓުން 6–7 ފީފާ ތެޔޮ އަޅާ ދޯންޏަކަށް ހަމައެކަނި ތެލުގެ ހަރަދު ފޫބެއްދުމަށް ގާތްގަނޑަކަށް 915 ކިލޯ އާއި 1,068 ކިލޯއާ ދެމެދުގެ ކަޅުބިލަމަސް ބާނަން ޖެހޭނެ އެވެ.

ހާދީއާ އެކު އޭނާގެ ދޯނީގައި އުޅޭ ވިއްސަކަށް މަސްވެރިންގެ މުޅި އާއިލާގެ އާމްދަނީ ބިނާ ވަނީ މަސްވެރިކަމުން ލިބޭ އެއްޗަކަށެވެ. އެހެންވެ، ތެލުގެ އަގަށް އަންނަ ބަދަލާއި، އަދި މަސްވެރިކަން ދަށްވުމާ އެކު މަސްވެރި އާއިލާތަކުގެ އާމްދަނީއަށް ސީދާ އަސަރު ކުރެ އެވެ.

އާބާދީގައި ފަސްހާހެއްހާ މީހުން ދިރިއުޅޭ ނައިފަރުގައި ދިހަ ވަރަކަށް މަސްދޯނި އޮންނައިރު، މަސް ކައްކައިގެންނާއި ހިއްކައިގެން އަދި ރިހާކުރު ކައްކައިގެން އާމްދަނީ ހޯދާ އެތައް އާއިލާއެއް އަދިވެސް އެބައުޅެވެ.

މަސްދޯންޏެއްގައި މަސްވެރިން ދޮށީ މަސްވެރިކަން ކުރަނީ: އެން ތަދުވުމާ އެކު ދޮށީ މަސްވެރިކަން ވަނީ މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައި.-- ފޮޓޯ: މޯލްޑިވްސް - އައިޕީއެންއެލްއެފް
މަސްދޯންޏެއްގައި މަސްވެރިން ދޮށީ މަސްވެރިކަން ކުރަނީ: އެން ތަދުވުމާ އެކު ދޮށީ މަސްވެރިކަން ވަނީ މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައި.-- ފޮޓޯ: މޯލްޑިވްސް - އައިޕީއެންއެލްއެފް

މި އަހަރު ކުރީކޮޅު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ އެކު، މިފްކޯއަށް މަސް ގަންނަ އަގު ދަށްކުރުމަށް ފަހު، މިދިޔަ ޖޫން މަހުން ފެށިގެން ފްލޯޓިން ޕްރައިސިންގެ އުސޫލުގެ ދަށުން އަހަރުގެ މިހާތަނަށް ވަނީ ޖެހިޖެހިގެން ހަ ފަހަރެއްގެ މަތިން އަގު ބޮޑުކޮށްފަ އެވެ.

މި އަހަރު ތެލުގެ އަގު އެންމެ ފުރަތަމަ އުފުލުނު ދުވަސްވަރު 17ރ. އަށް ކަޅުބިލަމަސް ކިލޯއެއް ގަތް ނަމަވެސް، މިހާރު ކިލޯއެއް ގަންނަމުން އަންނަނީ 23ރ. އަށެވެ. 

ޑައިވްކޮށްގެން އެންދަމާ އުޅޭ ނައިފަރުގެ މަސްވެރިއެއް ކަމަށްވާ އަލީ ނިޔާޒު ބުނީ މި އަހަރު ކުރީކޮޅު އެ ރަށުގެ ބިން ހިއްކަން ފެށުމުގެ ކުރިން ރަށް ކައިރިން އެން ލިބުނު ކަމަށެވެ. އެކަމަކު، ބިން ހިއްކަން ފެށި ފަހުން ރަށް ކައިރިންނާއި އެ އަތޮޅުން ވެސް އެއްވެސް ވަރަކަށް އެން ނުލިބޭތީ އެން ހޯދަން މިހާރު ވަރަށް ދުރަށް ދަތުރުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. 

އޭނާ ބުނި ގޮތުގައި، މި ދުވަސްވަރު ރާއްޖެއިން ކިރިޔާ ވެސް ރަނގަޅު އެންކޮޅެއް ލިބެނީ ވ. އަތޮޅާއި ރ. އަތޮޅުންނެވެ. 

"އެންމެ ދެކުނުގެ މަސްވެރިން އައިސް ވ. އަތޮޅުން އެން ނަގައިގެން ގޮސް އެކޮޅުގައި އެ މަސްވެރިކަން ކުރަނީ. އުތުރުގެ މަސްވެރިން ރ. އަތޮޅުން އެން ނަގައިގެން،" ނިޔާޒު ބުންޏެވެ. 

މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހާއި މި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ކުންފުނިތަކުން މަސްގަތް މިންވަރު ވެސް ދެބައިކުޅަ އެއްބަޔަށް ނުވަތަ 48.9 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ހާއްސަކޮށް ކަޅުބިލަމަސް ގަތް މިންވަރު 57.9 ޕަސެންޓު ދަށްވުމުން، މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 106.2 މިލިއަން ޑޮލަރުން، 58.2 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.

2020-206 އަށް ރާއްޖޭގެ ކުންފުނިތަކުން މަސް ގަތް މިންވަރާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ފެންނަ ޗާޓެއް | ތަފާސްހިސާބުތައް: ފިޝަރީޒް މިނިސްޓްރީ އާއި ކަސްޓަމްސް
2020-206 އަށް ރާއްޖޭގެ ކުންފުނިތަކުން މަސް ގަތް މިންވަރާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ފެންނަ ޗާޓެއް | ތަފާސްހިސާބުތައް: ފިޝަރީޒް މިނިސްޓްރީ އާއި ކަސްޓަމްސް

ކަނޑު ހޫނުވުމާއި އެންވެރިކަމާއި އޮތް ގުޅުން 

ވައިޖެހޭ މިސްރާބާއި އޮއިވަރު ހުރި ގޮތަށް ބަލައި، މަސްއައިންތައް ހޯދަން ދުއްވަންވީ މިސްރާބު ދިވެހި މަސްވެރިން ދަނެ އެވެ. ނަމަވެސް، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު، އެތައް ގަރުނެއް ކުރިން ފެށިގެން ވާރުތަވަމުން އައި މި ފަރިތަކަމަށް މިހާރު ބުރޫއަރާ ކަމަށް މަސްވެރިން ވެސް ބުނެ އެވެ. 

މަސްވެރިކަން ދަށްވާ އިތުރު އެއް ސަބަބަކީ، ރާއްޖެއާ އެތައް ހާސް މޭލެއްގެ ދުރުގައި، ޕެސިފިކް ކަނޑުގައި އުފެދިފައިވާ ބާރުގަދަ އެލް ނީނޯ އެކު ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވަމުން ދިއުން ކަމަށް ބުނާ ބުނުން ދިވެހި މަސްވެރިންނަށް ވެސް ގަބޫލުކުރެވެ އެވެ. 

"ނަކަތް ވެސް މިހާރު ދިމައެއް ނުވޭ ސީދާ. މިހާރު ބައެއް ފަހަރަށް ފޯނުން ބަލައިފައި ވެސް އެބަ ބުނޭ މިވެނި ސަރަހައްދަކުން އެން ވައްދަން އެބަ ރެޑީވެއޭ. އެކަމަކު ހަމަ ނުވައްދާ އެބަދޭ، ނުފެނި އެބަދޭ،" އެންވެރިކަމުގައި ގިނަ ދުވަހުގެ ތަޖުރިބާ ހުރި ނިޔާޒު ބުންޏެވެ. 

"[އެންވެރިކަން ދަށްވަނީ] މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ބޮޑަށް ލަފާކުރެވެނީ."

ޅ. ނައިފަރުގައި މަސް ހިއްކަން މަސް އަވީލައިފައި: މަސް ކައްކައިގެންނާއި ހިއްކައިގެން އަދި ރިހާކުރު ކައްކައިގެން އާމްދަނީ ހޯދާ ގިނަ ބަޔަކު އަދިވެސް މި ރަށުގައި އުޅޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޅ. ނައިފަރުގައި މަސް ހިއްކަން މަސް އަވީލައިފައި: މަސް ކައްކައިގެންނާއި ހިއްކައިގެން އަދި ރިހާކުރު ކައްކައިގެން އާމްދަނީ ހޯދާ ގިނަ ބަޔަކު އަދިވެސް މި ރަށުގައި އުޅޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އދ. ގެ މޫސުމާ ބެހޭ އިދާރާ (ޑަބްލިއުއެމްއޯ) އިން "ކޮޕް31" އާ ދިމާކޮށް ނެރުނު މި އަހަރުގެ ދުނިޔޭގެ މޫސުމީ ހާލަތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިއީ ތާރީހުގައި ވެސް ދުނިޔޭގެ ކަނޑުތަކުގެ ހާލަތު އެންމެ ގޯސްވި އަހަރެވެ. 

އެލް ނީނޯ އެންމެ ބާރުގަދަވާނެ ކަމަށް ލަފާކުރެވެނީ އަންނަ މަހު އެވެ. އިންޑިއާ ކަނޑަށް އޭގެ އަސަރުތައް ފޯރުމުގައި އަބަދުވެސް ކޮންމެވެސް ވަރެއްގެ ލަސްވުމެއް ހުރެ އެވެ. އެހެންވެ، ރާއްޖެއަށް މިކަމުގެ އަސަރުތައް އަންނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.

މިފަހަރުގެ އެލް ނީނޯގެ ބާރުމިން އަންދާޒާކުރަން ނުވަތަ އެހެން ފަހަރުތަކާ އަޅާކިޔަން އަދި ދަތި ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) ގައި ކުރިން މަސައްކަތް ކުރެއްވި ކްލައިމެޓޮލޮޖިސްޓް އަހްމަދު ޝާބިން ވިދާޅުވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، މިހާރު އުފެދެމުންދާ އެލް ނީނޯ އާދަޔާ ހިލާފަށް ބާރުގަދަވަމުން ދާތީ އާއި އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) އަށް އަންނަ ބަދަލުތަކާ ވެސް މިކަން ގުޅިފައި ވާތީ އެވެ.

ޕޮޒިޓިވް އައިއޯޑީއެއްގެ ސަބަބުން އިންޑިއާ ކަނޑުގެ ހުޅަނގުގެ ސަރަހައްދު ހޫނުވެ، އިރުމަތީ ސަރަހައްދު ފިނިވެ އެވެ. އެލް ނީނޯއާ އެކު މި ދެ ބައި އެއްވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއް މިސްރާބަކަށް ބާރު ފޯރުވުމުގެ ސަބަބުން، ކަނޑުގެ ހޫނުމިން އިތުރަށް މަތިވެ، ގިނަ ދުވަހަށް މި ހާލަތު ދެމިގެންދެ އެވެ.

"މިފަދަ ހާލަތެއް 1997-1998 ގައި ވެސް މެދުވެރިވި. އޭގެ ސަބަބުން ރާއްޖޭގެ ތާރީޚުގައި ވެސް ފަރުތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބި، ގިނަ އަދަދެއްގެ މުރަކަ މަރުވި. މި އަހަރު ވެސް އެ ކަންބޮޑުވުން އޮތީ،" އޭނާ ވިދާޅުވި އެވެ. 

އެލް ނީނޯގެ ދުވަސްވަރު ކަނޑުގެ ފިނި ފަށަލަ (ތާމޯކްލައިން) ފުނަށް ދިއުމާ އެކު، އެމުގެ ކާނާ ކަމަށްވާ ޕްލެންކްޓަން ވެސް ތިލަ ފަރުތަކާ ދުރަށް ފުނަށް ދެ އެވެ. މީގެ ސަބަބުން ރެއްސާއި މުގުރާން ކަހަލަ އެން މަދުވެ، އެން ހޯދުމަށް ދޯނިފަހަރު ދުރު ހިސާބުތަކަށް ދަތުރުކުރަން ޖެހެ އެވެ. ހަމައެއާ އެކު، ފިނި މާހައުލަކާއި ކާނާ ހޯދުމަށް ކަނޑުމަސް ވެސް ފުނަށް ދިއުމުން ދޮށީ މަސްވެރިކަން ދަށަށް ދެ އެވެ.

ނަތީޖާއެއްގެ ގޮތުން، މަސްދޯނިފަހަރުގެ ތެލުގެ ޚަރަދު ބޮޑުވެ، ބޭނޭ މަސް މަދުވުމުން އާމްދަނީއަށް ސީދާ އަސަރު ކުރެ އެވެ.

ޅ. ނައިފަރުގައި މަސް ހިއްކަނީ: މަސްވެރިކަމުން އާމްދަނީ ހޯދާ ގިނަ ބަޔަކު އަދިވެސް މި ރަށުގައި އުޅޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޅ. ނައިފަރުގައި މަސް ހިއްކަނީ: މަސްވެރިކަމުން އާމްދަނީ ހޯދާ ގިނަ ބަޔަކު އަދިވެސް މި ރަށުގައި އުޅޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޫސުމީ މޮޑެލްތަކުގެ ދިރާސާތަކާ ހަވާލާދީ ޝާބިން ވިދާޅުވީ ދުނިޔެ ހޫނުވަމުންދާ ވަރަކަށް އާދަޔާ ހިލާފަށް ބާރުގަދަ އެލް ނީނޯ ހާލަތްތައް ކުރިމަތިވާ މިންވަރު ގާތްގަނޑަކަށް ދެގުނައަށް އިތުރުވެދާނެ ލަފާކުރެވޭ ކަމަށެވެ. އެއީ، ކުރިން ކޮންމެ 20 އަހަރަކުން އެއްފަހަރު ކުރިމަތިވި ކަމެއް، ގާތްގަނޑަކަށް ކޮންމެ 10 އަހަރަކުން އެއްފަހަރު ކުރިމަތިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖައްވަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށް ނުކުރެވިއްޖެ ނަމަ، އާދަޔާ ހިލާފު ބާރުގަދަ ޕޮޒިޓިވް އައިއޯޑީގެ ހާލަތްތައް ކުރިމަތިވާ މިންވަރު ގާތްގަނޑަކަށް ތިން ގުނައަށް އިތުރުވެ، ކޮންމެ 17 އަހަރަކުން އެއްފަހަރުގެ ބަދަލުގައި ކޮންމެ ހަ އަހަރަކުން އެއްފަހަރު ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

"މި ހިސާބުތަކާ ގުޅުވައިގެން ކުރެވޭ ބަހުސްތައް ހުރި ނަމަވެސް، މިކަން މި ދާ މިސްރާބު ވަރަށް ސާފު؛ އެއީ މިފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކަކީ މަދުން ނޫނީ ނުފެންނަ ކުއްލި ސިހުމެއްގެ ބަދަލުގައި، މަސްވެރިންގެ ދިރިއުޅުމުގެ އާންމު ކަމަކަށް މިކަން ވެގެން ދިއުން."

މަސް ބާނާ ވަރު ކޮންޓްރޯލްކޮށް، ކަނޑު ހިމާޔަތްކުރަން ޖެހިފައި

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ރެޒިލިއެންޓް ރީފްސް (އެމްއާރުއާރު) އިން ޝާއިއުކޮށްފައިވާ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ކުރާ އަސަރުތަކާ ގުޅޭ ލިޓްރޭޗާ ރިވިއުއެއްގައި ބުނީ ކަނޑުމަހުގެ މަސްވެރިކަމަށް ބަލާއިރު، މޫސުމީ ބަދަލުތަކަށް ވުރެ ބޮޑަށް މިވަގުތު މި ސިނާއަތަށް ނޭދެވޭ އަސަރު ކުރަމުން ދަނީ މާ ގިނައިން މަސްބޭނުމާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކަށް އަންނަ ބަދަލުތަކުގެ ވެސް ސަބަބުން ކަމަށެވެ.

ބިން ހިއްކުން ކަހަލަ ފަރުތަކަށް އިންސާނުންގެ ފަރާތުން ލިބޭ ގެއްލުންތަކުގެ ސަބަބުން، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގުދުރަތީ މާހައުލުތަކަށް އޮތް ގާބިލުކަން ކުޑަވާ ކަމަށް ވެސް އެ ރިވިއުގައިވެ އެވެ.

އެ ރިވިއުގައި ބުނީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތައް ހުއްޓުވުމަކީ ރާއްޖެއަށް އެކަނި ކުރެވޭނެ ކަމަކަށް ނުވިޔަސް، މަސްބާނާ މިންވަރު ކޮންޓްރޯލްކޮށް، ފަރުތަކާއި ކަނޑުފަޅުގެ މާހައުލުތައް ރަނގަޅަށް ބަލަހައްޓައިފި ނަމަ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ގާބިލުކަން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރުކުރެވޭނެ ކަމަށެވެ.

ޅ. ނައިފަރު މަސްމާރުކޭޓުގައި ހުރި މަސްތަކެއް: އެން ތަދުވުމާއި ތެލުގެ އަގު މައްޗަށް ދިއުމާ އެކު މަސްވެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޅ. ނައިފަރު މަސްމާރުކޭޓުގައި ހުރި މަސްތަކެއް: އެން ތަދުވުމާއި ތެލުގެ އަގު މައްޗަށް ދިއުމާ އެކު މަސްވެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނީ އަދި ސިޔާސަތުގެ އޮނިގަނޑުގައި މޫސުމީ ބަދަލުތަކަށް ރިއާޔަތްކޮށްފައިވާ މިންވަރު ދެނެގަތުމަށް ހަމަ އެ ޖަމިއްޔާ އިން ކުރި ލީގަލް ރިވިއުއެއްގައި ބުނީ މޫސުމީ ބަދަލުތަކަށް ކުރިމަތިލުމަށް މަސްވެރިކަން ބެލެހެއްޓުމުގެ މުޅިން އާ ނިޒާމެއް އުފައްދަން ނުޖެހޭ ކަމަށެވެ. ކުރަން ޖެހިފައިވާ ކަމަކީ މިހާރު ވެސް ގާނޫނީ ބާރު ލިބިދީފައިވާ ނިޒާމުތަކާއި ސިޔާސަތުތައް ކަރުދާހުގައި ބޭއްވުމުގެ ބަދަލުގައި، މޫސުމީ ސައިންޓިފިކް މައުލޫމާތު ބޭނުންކޮށްގެން މަސްވެރިކަމުގެ އާންމު ނިންމުންތަކުގައި އަމަލީ ގޮތުން ތަންފީޒުކުރަން ފެށުމެވެ. 

މި ރިވިއުތަކުގެ ހޯދުންތައް އެ ޖަމިއްޔާ އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ކޮމިޓީއަށް ވެސް މިދިޔަ މަހު ހުށަހަޅައިފަ އެވެ. 

ކޮމިޓީގައި އެ ޖަމިއްޔާއިން ބުނި ގޮތުގައި، މަސްވެރިކަން ދަށްވާ މައްސަލަ ހައްލުކުރުމަށް އެހެން ބައެއް ގައުމުތަކުގައި އެމީހުން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ގޮތް ދޫކޮށްލައި ކޮމާޝަލައިޒްކުރުމުން އޭގެ ނަތީޖާ ރަނގަޅު ނުވި އެވެ. އެ ތަންތަނުގެ ކަނޑުން މަހުގެ ސްޓޮކް އިންތިހާއަށް ދަށްވި އެވެ. 

އެހެންވެ، ރާއްޖެއިން ޒަމާނުއްސުރެ ކުރަމުން އަންނަ ދޮށީ މަސްވެރިކަން ދޫކޮށްލައި، ބޮޑުދާ އަޅައިގެން މަސްބާނަން އުޅެފި ނަމަ އޭގެ ގެއްލުން ލިބޭނީ އާންމު ދިވެހި މަސްވެރިންނަށް ކަމަށް އެ ޖަމިއްޔާ އިން ދެކެ އެވެ. އަދި އޭގެ ސަބަބުން، ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ބްރޭންޑާއި ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ ރީތި ނަން ގެއްލި، މަހުގެ އަގު ވެސް ވެއްޓޭނެ އެވެ. 

އެމްއާރުއާރު އިން މަޖިލީހުގެ ކޮމިޓީގައި ބުނީ މިކަމަށް އޮތް ހައްލަކީ ރާއްޖޭގެ ކަނޑުފަޅުން މަދުވެގެން 30 ޕަސެންޓުގެ ސަރަހައްދެއް ހިމާޔަތްކޮށް، ގުދުރަތީ ވިލުންވެރިކަން އިތުރުކުރުން ކަމަށެވެ. 

މިވަގުތު ރާއްޖޭގެ ކަނޑުގެ 93 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ނަމަވެސް، އެއީ ރާއްޖޭގެ މުޅި ކަނޑުގެ ސަރަހައްދުގެ (އީއީޒެޑްގެ) 0.1 ޕަސެންޓަށް ވުރެ ކުޑަ މިންވަރެކެވެ.

ކުރެވެން އޮތް ކަމަކީ ތައްޔާރަށް ތިބުން

އެލް ނީނޯ އާއި ޕޮޒިޓިވް އައިއޯޑީ ކަހަލަ ގުދުރަތީ ބަދަލުތަކުގެ ކުރިމަތީގައި ކުރެވެން އޮތް ކަމަކީ އޭގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތައް ދެނެގަނެ، އެކަމަށް ތައްޔާރުވެ ތިބުމެވެ. އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުފަޅަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުތަކުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފުވާން ފުރުސަތު ނުދީގެންނެވެ. 

ބިން ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ޖަމިއްޔާތަކާއި އާންމުންގެ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ސިލްޓް ސްކްރީން ނުބަހައްޓައި ބިން ހިއްކުމާއި، ވެލި ނަގަން ހުއްދަ ދީފައިވާ ސަރަހައްދުން ބޭރުން ވެލި ނެގުމުގެ ސަބަބުން ފަރުތަކަށާއި މަސްވެރިކަމަށް ގެއްލުންވަމުން ދާތީ ގިނަ އަދަދެއްގެ ޝަކުވާތައް އެ އޮތޯރިޓީއަށް މި އަހަރުގެ ތެރޭގައި ހުށަހަޅާފައިވެ އެވެ.

ޅ. ނައިފަރުގައި މަސް ކައްކަނީ: މަސް ކައްކައިގެންނާއި ހިއްކައިގެން އަދި ރިހާކުރު ކައްކައިގެން އާމްދަނީ ހޯދާ ގިނަ ބަޔަކު އަދިވެސް މި ރަށުގައި އުޅޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޅ. ނައިފަރުގައި މަސް ކައްކަނީ: މަސް ކައްކައިގެންނާއި ހިއްކައިގެން އަދި ރިހާކުރު ކައްކައިގެން އާމްދަނީ ހޯދާ ގިނަ ބަޔަކު އަދިވެސް މި ރަށުގައި އުޅޭ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިދިޔަ ސެޕްޓެމްބަރު މަހު "މިހާރު"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި ގޮތުގައި، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) މެދުވެރިކޮށް ރާއްޖޭގެ ފަރުތަކުގެ ހާލަތު މިހާރު އަންނަނީ އަތޮޅުތައް ވަކިވަކިން ބަލަމުންނެވެ.

"ކުރިއާ ހިލާފަށް މިފަހަރު އަތޮޅު ވަކިން މޮނިޓާކޮށް، އެ މައުލޫމާތު އީއާރުއޭއާ ހިއްސާކުރާނަން. ސިޔާސަތުތައް ކަނޑައަޅައި ނިންމުންތައް ނިންމާނީ ކަމާބެހޭ އިދާރާތަކުން ލިބޭ މިފަދަ މައުލޫމާތުތަކުގެ އަލީގައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަހަށް ބައިނަލްއަގުވާމީ ބާޒާރުގައި ރަނގަޅު އަގު ހޯދަން އެންމެ ބޮޑަށް އިޝްތިހާރުކުރާ އެއް ކަމަކީ ދޮށްޓާއި ނަނުގައި މިކުރާ ދެމެހެއްޓެނިވި މަސްވެރިކަމުގެ ގޮތްތަކެވެ. އެހެންވީމާ، މަސްވެރިކަމުގެ "އޯލްޓަނޭޓިވްއެއް" ހޯދާއިރު އެކަމަށް ރިއާޔަތްކޮށް ގިނަ ބަޔަކާ މަޝްވަރާކުރަން ޖެހެ އެވެ. 

ދާ އަޅައިގެން މަސްވެރިކަން ކުރުމާ މެދު، ނައިފަރުން ދިމާވެ ވާހަކަ ދެއްކި އެކި މަސްވެރިންގެ މެދުގައި ވެސް ވަރަށް ހިޔާލު ތަފާތެވެ. އެއް ބަޔަކަށް މިވަގުތު ހައްލަކީ އެއީ ކަމަށް ފެނުނު ނަމަވެސް، ބޮޑުދާ އަޅަން ފަށައިފި ނަމަ ގެއްލެމުންދާ އެމާ އެކު، މަސްއައިންތައް ވެސް "ހުސްވެދާނެ" ކަމުގެ ބިރު މަސްވެރިންނަށް އެބައޮތެވެ. 

މަސް އުޅަނދުތަކަށް އައި ކުރިއެރުމާއި ޒަމާނީ ޓެކްނޮލޮޖީއާ އެކު ދުރު ކަނޑުތަކަށް ދަތުރުކޮށް، މަސްބޭނުމުގެ ގާބިލްކަމާއި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހުރި ނައިފަރު މަސްވެރިންގެ ތެރެއިން ހާދީ އާއި ނިޔާޒް ގޮތް ހުސްވެފައި ތިބީ ހައްލެއްގެ ކޮޅުމައްޗެއް މިހާތަނަށް ފެންނާން ނެތުމުންނެވެ. އެންވެރިކަން ގެއްލުނު ގޮތަށް، މަސްކަނޑުތައް ހިކޭތަން ބަލަން ދޯނިތަކުގައި ނުކުތުން ވާނީ މަސްވެރިކަމުގައި އެންމެ ހިތްދަތި ދަތުރަށެވެ. އެ ޖެހިލުންވުން ހުރި ވަރު ކިޔައިދެމުން، ހާދީގެ އިންޓަވިއު ނިންމާލީ، އުއްމީދެއްގަ އެވެ.  

ނޯޓް: މި ރިޕޯޓް ލިޔެފައި ވަނީ ކޮޕް31 އޯޝަން ވާޗުއަލް ރިޕޯޓިން ފެލޯޝިޕްގެ ދަށުން އިންފޯމްޑް އާތުގެ ސަޕޯޓާ އެކު އެވެ.