މިހާރު އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، 2035 ވަނަ އަހަރާ ހަމައަށް ދާއިރު ކްރިސްޓިއަން ދީން ފަހަތަށް ޖައްސާލުމަށް ފަހު، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދީނަކަށް އިސްލާމްދީން ވާނެ ކަމަށް އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުން ލަފާކޮށްފި އެވެ.

އެ ސެންޓަރުން އާންމުކުރި ދިރާސާ ރިޕޯޓެއްގައިވާ ގޮތުން، 2030 ވަނަ އަހަރު ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 26 ޕަސެންޓަކީ މުސްލިމުންނަށް ވާނެ އެވެ. އަދި އޭގެ ފަސް އަހަރު ފަހުން، 2035 ވަނަ އަހަރު މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށް ވުރެ އިތުރުވާނެ އެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުގައި:

  • 2020 އިން 2070 ވަނަ އަހަރާ ދެމެދު ދުނިޔޭގެ މުސްލިމުންގެ އާބާދީ 80 ޕަސެންޓް އިތުރުވެ، 3.6 ބިލިއަނަށް އަރާނެ.
  • އެ މުއްދަތުގައި ކްރިސްޓިއަނުންގެ އާބާދީ އިތުރުވާނީ 30 ޕަސެންޓަށް. އެއީ ގާތްގަނޑަކަށް 3 ބިލިއަން.

އިސްލާމްދީން މިހާ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ މައިގަނޑު ސަބަބަކީ މުސްލިމުންގެ އާބާދީ އިތުރުވުމުގެ ނިސްބަތް ނުވަތަ ދަރިމައިވުމުގެ ނިސްބަތް އެހެން ދީންތަކުގެ މީހުންނާ އަޅާބަލާއިރު މަތިވުން ކަމަށް ޕިއު ރިސާޗް ސެންޓަރުގެ ސީނިއާ ޑިމޮގްރަފަރު ކޮންރެޑް ހެކެޓް ވިދާޅުވި އެވެ. އެގޮތުން 2020 އިން 2025 އަށް، މުސްލިމް އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބޭއިރު، ކްރިސްޓިއަން އަންހެނަކަށް ލިބެނީ 2.5 ކުދިންނެވެ.

މީގެ އިތުރުން، ދުނިޔޭގެ ބޮޑެތި ދީންތަކުގެ ތެރެއިން އެންމެ ޒުވާން އާބާދީއެއް އޮތީ ވެސް މުސްލިމުންގެ ތެރޭގަ އެވެ. ދަރިމައިވާ އުމުރުފުރާގެ ޒުވާނުން މުސްލިމުންގެ ތެރޭގައި ގިނަވުމަކީ ކުރިއަށް އޮތް އަހަރުތަކުގައި މުސްލިމުންގެ އާބާދީ އިތުރުވުމަށް މެދުވެރިވާނެ މުހިންމު ސަބަބެއް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މުސްލިމުންގެ އާބާދީ އިތުރުވުމުގެ 74 ޕަސެންޓް ހިއްސާކުރާނީ މިހާރު ވެސް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުންނެވެ. ހާއްސަކޮށް ސަބް-ސަހާރަން އެފްރިކާ އާއި ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ ޕާކިސްތާނާއި ނައިޖީރިއާ ފަދަ ގައުމުތަކުގެ އާބާދީ ބޮޑުތަނުން އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.