މުޅި ދުނިޔޭގައި ކްރިސްޓިއަނުންނަށް ވުރެ މުސްލިމުންގެ އާބާދީ 2035 ވަނަ އަހަރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ކައިވެނިކޮށް ގިނައިން ކުދިން ހޯދަން  ވައިޓް ހައުސްގެ ކުރީގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ގޮވާލައިފި އެވެ.

ޕިއު ރިސާޗް ސެންޓަރާއި ޕޮލެންޑްގެ ސެންޓަ ފޯ އެޑްވާންސްޑް ސްޓަޑީޒް އޮފް ޕޮޕިއުލޭޝަން އެންޑް ރިލިޖަން (ކެސްޕާ) ގުޅިގެން ހެދި ދިރާސާއަކާ ހަވާލާދީ "ވޮޝިންޓަން ޕޯސްޓް" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރައްވަމުން ލީވިޓް ވިދާޅުވީ، "ކައިވެނިކޮށް، ގިނައިން ކުދިން ހޯދައި، ފައްޅީގައި އެ ކުދިން ތަރުބިއްޔަތުކޮށް، އެމެރިކާ ދެކެ ލޯބިވާން ދަސްކޮށްދޭން" ޖެހޭ ކަމަށެވެ.

ދިރާސާއިން ދައްކާ ގޮތުގައި 2035 ވަނަ އަހަރު އަންނައިރު ދުނިޔޭގައި މުސްލިމުންގެ އާބާދީ 2.57 ބިލިއަނަށް އަރާނެ އެވެ. އަދި އޭރު ކްރިސްޓިއަނުންގެ އާބާދީ ހުންނާނީ 2.52 ބިލިއަނުގައި ކަމަށް ލަފާކޮށްފައިވެ އެވެ.

ދިރާސާ ކުރި ފަރާތްތަކުން ބުނާ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ދީނުގެ ގޮތުގައި ގަރުނުތަކެއް ވަންދެން އޮތް ކްރިސްޓިއަން ދީނަށް ވުރެ އިސްލާމްދީނުގެ އާބާދީ ހަލުވިމިނުގައި އިތުރުވަމުން ދަނީ ދީން ބަދަލުކުރާ މީހުން ގިނަވެގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، މުސްލިމުންގެ މެދުގައި ޒުވާނުންގެ އާބާދީ ބޮޑުވުމާއި ދަރިމައިވާ ނިސްބަތް މަތިވުމަކީ މީގެ މައިގަނޑު ސަބަބު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ލީވިޓްގެ މި ޕޯސްޓާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފަ އެވެ. ބައެއް މީހުން އޭނާގެ ވާހަކައަށް ތާއީދުކޮށް ދީނާއި އާއިލީ ގުޅުންތައް ވަރުގަދަކުރުމަށް ބާރުއެޅި ނަމަވެސް، ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފަ އެވެ. ފާޑުކީ މީހުން ބުނި ގޮތުގައި، ގިނައިން ކުދިން ހޯދަން ގޮވާލާއިރު، ކުދިން ބެލުމަށާއި ސިއްހީ ހިދުމަތްތަކަށް ހިނގާ ބޮޑެތި ހަރަދުތަކާއި، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ފަދަ އިގްތިސާދީ ދަތިތަކަށް ހައްލެއް ހޯދައިދޭން ސިޔާސަތުތައް ބަދަލުކުރަން ޖެހެ އެވެ.

އުމުރުން 29 އަހަރުގެ ލީވިޓް އާއި އޭނާގެ ފިރިމީހާ ނިކޮލަސް ރިކިއޯގެ ދެ ކުދިން ތިބެ އެވެ. އެއީ 2024 ވަނަ އަހަރުގެ ޖުލައި މަހު ލިބުނު ފިރިހެން ދަރިފުޅު ނިކޯ އާއި މި އަހަރުގެ މެއި މަހު ލިބުނު އަންހެން ދަރިފުޅު ވިވިއާނާ އެވެ. ދެވަނަ ދަރިފުޅު ލިބުމަށް ފަހު، އާއިލާ އާއި ކުދިންނަށް އިތުރު ވަގުތު ދިނުމަށްޓަކައި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމުން އޭނާ އިސްތިއުފާ ދިނީ މިދިޔަ އޯގަސްޓް މަހު އެވެ.