އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް ވެރިންނަށް އަމާޒުކޮށް ވޮޝިންޓަންގައި ރޭޑިއޯއެކްޓިވް މާއްދާ ހިމެނޭ "ޑާޓީ ބޮން" ނުވަތަ ކެމިކަލް ހަމަލާއެއް ދިނުމަށް އީރާނުން ރާވަމުންދާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން އިންޒާރު ދީފައިވާ ކަމަށް ސީއެންއެން އިން ބުނެފި އެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރުން މިހާރަށް އެފަދަ ހަމަލާއެއް ދޭން އީރާނުން ތައްޔާރުވަމުންދާ ކަމުގެ ހެއްކެއް ނެތް ނަމަވެސް، ވޮޝިންޓަންގެ ވަކި ތަންތަނާއި އިސް ވެރިންނަށް އަމާޒުކޮށް ހަމަލާ ދެވިދާނެ ގޮތްތަކުގެ ޕްލޭންތައް އީރާނުން ދަނީ އެކުލަވާލަމުންނެވެ. އަދި ބޮން ހެދުމަށް ބޭނުންވާ ބައެއް ސާމާނު އެމެރިކާގެ އެތެރޭގައި މިހާރުވެސް ރައްކާކޮށްފައި ހުރި ކަމަށް އީރާނުގެ މުއާމަލާތްތަކުން އިންޓެލިޖެންސަށް ވަނީ އެނގިފައި ކަމަށް ވަނީ ބުނެފަ އެވެ.

މި ނުރައްކަލާ ގުޅިގެން އެމެރިކާގެ ކެބިނެޓްގެ ބައެއް އިސް ވެރިންގެ ސަލާމަތީ ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަދި ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އަސްކަރީ މަރުކަޒުތަކުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެ ރިޕޯޓްތައް އެމެރިކާ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ ނުރައްކަލެއް އޮތް ނަމަ، މީގެ ކުރިން އެއްވެސް ގައުމަކަށް ނުދޭ ފަދަ ހަރުކަށި އަދަބެއް އީރާނަށް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ މި ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ހަމަލާތަކެއް ދިނުމަށް އެމެރިކާއިން އުފައްދައިގެން ދައްކާ ދޮގު ވާހަކަތަކެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ނުވަ މަސް ވެފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް މިވަގުތު އޮތީ ހުއްޓިފަ އެވެ.