އެމެރިކާގެ އަސްކަރީ މަނަވަރު، "ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓް" މެދުއިރުމަތީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން އިއްޔެ ބުނެފި އެވެ. މިއާ އެކު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕްތަކުގެ އަދަދު މި ވަނީ ތިނަކަށް އަރައިފަ އެވެ.

ރޫޒްވެލްޓް އާއި އެ މަނަވަރާ އެކު ދަތުރުކުރާ އެހެން އުޅަނދުތައް ގުޅިފައި ވަނީ، އެ ސަރަހައްދުގައި ކުރިންސުރެ ވެސް އޮތް އެމެރިކާގެ ބޮޑު ކަނޑުގެ ލަޝްކަރާ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އިތުރު ދެ އެއާކްރާފްޓް ކެރިއާ ކަމަށްވާ "ޖޯޖް އެޗް.ޑަބްލިއު ބުޝް" އާއި "ޖޯޖް ވޮޝިންޓަން" ގެ އިތުރުން 12 އަށް ވުރެ ގިނަ ޑެސްޓްރޯޔާ މަނަވަރު ހިމެނެ އެވެ.

މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންގެ ކަންކަން ބަލަހައްޓާ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އެއާކްރާފްޓް ކެރިއާ މިހާރު ހަރަކާތްތެރިވަމުން އަންނަނީ ތާވަލުކުރެވިފައިވާ ދަތުރެއްގެ ދަށުން ސެންޓްކޮމްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުގައި ކަމަށެވެ.

މި މަނަވަރު މެދުއިރުމައްޗަށް ފޮނުވާފައި މި ވަނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އަށް މަސް ދުވަސް ވެފައި ވަނިކޮށް މަސްރަހު އިތުރަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، ބަހްރޭންގައި ހުންނަ ހެލިކޮޕްޓަރު ބޭސްއެއްގެ އެމެރިކާގެ ރާޑަރު ސިސްޓަމަކަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް އީރާނުން ވަނީ އާދީއްތަ ދުވަހު ބުނެފަ އެވެ. ނަމަވެސް ބަހްރޭންގެ އަސްކަރިއްޔާއިން ބުނެފައި ވަނީ، އެ ޑްރޯންތައް އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލާފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ވެސް އީރާނުން ވަނީ ބަހްރޭނަށް ޑްރޯން ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މިއީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމައިގައި، ސެޕްޓެމްބަރު މަހުގެ ފަހުން ގަލްފުގެ ގައުމަކަށް އީރާނުން ދިން ފުރަތަމަ ހަމަލާ އެވެ. އެ ދުވަހު އީރާނުގެ ދެ ޑްރޯން ވައްޓާލި ކަމަށާއި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސެންޓްކޮމް އިން ބުނެ އެވެ.މެދުއިރުމަތީގެ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް ނުހަނު މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ޝަރުތުކުރަނީ، ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އެ ގައުމުގެ ފައިސާ ދޫކޮށްލުމަށާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ އިތުރުން އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން އެމެރިކާ އަސްކަރިއްޔާއިން ހިންގާ ހަރަކާތްތައް ހުއްޓާލުމަށެވެ.ހަނގުރާމަ ފެށުނީއްސުރެ އީރާނުން އެ ކަނޑުއޮޅި ބަންދުކޮށްފައި އޮތް ނަމަވެސް، އެމެރިކާއިން އެ ގައުމުގެ ޝަރުތުތަކަށް އެއްބަސްވެއްޖެ ނަމަ ދެ ދުވަހުގެ ތެރޭގައި އެ ކަނޑުއޮޅި ހުޅުވާލަން ތައްޔާރަށް އޮތް ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، މި ހަފްތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ އެކު ބާއްވާ ތިން ގައުމުގެ ބައްދަލުވުމުގައި މި ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިހާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު އިރު، ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވޭންސް ވެސް އެކަމުގެ ޒިންމާ އަޅުއްވާފައި ވަނީ އީރާން ހަނގުރާމައިގެ ބޮލުގަ އެވެ. އެ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އެމެރިކާގެ އާންމުންގެ މެދުގައި އެ ހަނގުރާމައަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.މިޑްޓާމް އިންތިހާބަށް ފަހު އީރާނަށް އަލުން ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާއިން ދެމުން އައި އިންޒާރުތައް މަޑުޖައްސާލާފައިވާ ކަމަށް ބެލެވުނު ނަމަވެސް، މިދިޔަ ހަފްތާގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ހަނގުރާމަ ނިންމުމަށް އީރާނާ އެކު އެއްބަސްވުމަކަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އޭގެ ބަދަލުގައި ފްރޯޑާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިސްކަންދިނުމަށް ނައިބު ރައީސް ވޭންސްއަށް އަންގަވާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.