ޓޫރިސްޓް ހޮޓަލަކާ އެކު ހުޅުމާލޭގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކުން 500 ވަޒީފާ އުފެއްދުމަކީ އަމާޒެއް  ކަމަށާއި އެ ވަޒީފާތަކުގެ 85 ޕަސެންޓް ހާއްސަކުރާނީ ދިވެހިންނަށް ކަަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.

ވޯޓާ ތީމް ޕާކް މަޝްރޫއުގެ މަސައްކަތް އަލުން ފަށަން ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޒުހައިރު ވިދާޅުވީ އެ މަޝްރޫއު ނިމޭއިރު ހުޅުމާލޭގެ މޫނުމަތި ބަދަލުވެ، އިގުތިސާދަށް އާ ދިރުމެއް ލިބޭނެ ކަމަށާއި ވަޒީފާއާއި ވިޔަފާރީގެ ދޮރުތައް ހުޅުވޭނެ ކަމަށެވެ. އެއީ ހުުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުމަށާއި ހުޅުމާލޭގެ އިގުތިސާދަށް ދިރުން އަންނާނެ މަޝްރޫއެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

"މި ފެށީ މީގެ ކުރިން ފަޅުވެފައި އޮތް ބިމެއް ދިވެހި އާއިލާތަކަށް ހިތްފަސޭހަ އުފާވެރި މަންޒިލަކަށް ބަދަލުކުރުމުގެ މަސައްކަތް. ޒުވާނުންނަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި ވިޔަފާރިތަކަށް އާ ދިރުމެއް ލިބި، ފަތުރުވެރިކަމުގެ އާ ބާބެއް ހުޅުމާލޭގެ އައްސޭރިފަށުން ފެށުމުގެ މަސައްކަތް. މިއީ ހުޅުމާލެއަށް އަންނަ އާ ދިރުމެއް. ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ލިބޭނެ އުފާވެރިކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ މި މަޝްރޫއު ނިމޭއިރު މުޅިން އާ 500 ވަޒީފާ މި ތަނުން އުފެއްދުން. އޭގެ ތެރެއިން 85 ޕަސެންޓް ވަޒީފާ ދިވެހީންނަށް ހާއްސަކުރުން،" ޒުހައިރު ވިދާޅުވި އެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކް މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވާހަކަދައްކަވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ހުޅުމާލެ ވޯޓާ ތީމް ޕާކް މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވާހަކަދައްކަވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ވަޒީފާ އުފެއްދުމުގެ އިތުރުން ޓޫރިޒަމް ދާއިރާއަށް ތަމްރީނުކޮށްގެން ނެރުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައިި އެޗްޑީސީގެ އަމާޒެކެވެ. 

ހުޅުމާލެ ވޯޓާ ތީމް ޕާކަކީ 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެ މަސައްކަތް އޭރު 35 އަހަރުގެ މުއްދަތަކަށް ހަވާލުކުރީ މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމެންޓާ ކަމަށް ވިޔަސް ވަކި ހިސާބަކުން އެ މަޝްރޫއުގެ މަސައްކަތް ހުއްޓުނު ގޮތަށް އޮތީ އެވެ.

އަދި މިރީ ހައުސިން ޑިވެލޮޕްމެންޓާ ހަވާލުކުރުމުގައި ނާޖައިޒު މަންފާތަކެއް، އެ ކުންފުންޏަށް ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަ އެޗްޑީސީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅި އެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން އިިރުމަތީ ފަރާތުގައި ކުރިން ކުނިކޮށި އޮތް ސަރަހައްދުން އަތިރިމައްޗަށް ވާ ގޮތަށް ހަދާ ވޯޓާ ތީމް ޕާކްގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން އެޗްޑީސީން ނިންމި ނިންމުމަށް އަމަލުކުރުން ހައި ކޯޓުން ސެޕްޓެމްބަރު 2022 ގައި ހުއްޓުވި އެވެ. އެކަމަކު، އެޗްޑީސީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އޭޕްރީލް 2023 ގައި އޮތީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ވޯޓާ ތީމް ޕާކް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ

ހައި ކޯޓާ ހިސާބަށް އޭރު މައްސަލަ ދިޔައީ ވޯޓާ ތީމް ޕާކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާ އެކު ހެދި އެއްބަސްވުން އެޗްޑީސީން ބާތިލްކޮށް، އެތަން ހަވާލުކުރަން އެންގުމުންނެވެ. އެ މައްސަލަ ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމަށް ފަހު، އެޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުނީ އެވެ. އެކަމަކު، ސިވިލް ކޯޓުން ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެނުދެވޭނަ ކަމަށެވެ. އެހެންވެ، އެ ނިންމުން ލެޝާ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

އެޗްޑީސީން މިއަދު ބުނީ އެކިސަބަބުތަކާ ހުރެ ހުއްޓިފައި އޮތް އެ މަޝްރޫއު އަލުން ފެށީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުރިހަމަ، ފުޅާ މާސްޓަ ޕްލޭނެއްގެ ދަށުން ކަމަށެވެ.

ޖުމުލަ 41,549.70 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި، ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މި މަޝްރޫއުގައި ވޯޓަ ތީމް ޕާކް ތަރައްގީކުރާނީ 17،800 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އެއާ އެކު 23،749.70 އަކަމީޓަަރުގެ ސަރަހައްދެއްގައި ބިނާކުރާނީ އެޗްޑީސީން ބުނި ގޮތުގައި ރިސޯޓް ހޮޓަލެވެ.