ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ވޮކޯ" ހޮޓަލަކާ އެކު ހުޅުމާލެ ވޯޓާ-ތީމް ޕާކް އަލުން ތަރައްގީކުރުމުގެ މަޝްރޫއު މިއަދު ފަށައިފި އެވެ.

ސޮލެންޒާރާ ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ވޯޓާ ތީމް ޕާކް ހަދަނީ "ވޮކޯ ރިސޯޓް ހޮޓެލް"ގެ  ނަމުގައި ހިންގާ ބޮޑު ހޮޓަލަކާ އެކުގަ އެވެ. 

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފައްޓަވައި ދެއްވީ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. 

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ އިސް އެހެން އޮފިޝަލުންނާއި ސޮލެންޒާރާ ކުންފުނީގެ އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. 

ހުޅުމާލެ ވޯޓާ ތީމް ޕާކަކީ 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ހުޅުމާލޭގެ ދެކުނު ކޮޅުން އިިރުމަތީ ފަރާތުގައި ކުރިން ކުނިކޮށި އޮތް ސަރަހައްދުން އަތިރިމައްޗަށް ވާ ގޮތަށް ހަދަން ނިންމި ވޯޓާ ތީމް ޕާކުގެ މަސައްކަތް އޭރު ހަވާލުކުރީ މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމެންޓާ ކަމަށް ވިޔަސް ވަކި ހިސާބަކުން އެ މަޝްރޫއުގެ މަސައްކަތް ހުއްޓުނު ގޮތަށް އޮތީ އެވެ.

އަދި މިރީ ހައުސިން ޑިވެލޮޕްމެންޓާ ހަވާލުކުރުމުގައި ނާޖައިޒު މަންފާތަކެއް، އެ ކުންފުންޏަށް ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަ އެޗްޑީސީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅި އެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ވޯޓާ ތީމް ޕާކް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް. ފޮޓޯ: އެޗްޑީސީ

ވޯޓާ ތީމް ޕާކް ހެދުމުގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން އެޗްޑީސީން ނިންމި ނިންމުމަށް އަމަލުކުރުން ހައި ކޯޓުން ސެޕްޓެމްބަރު 2022 ގައި ހުއްޓުވި އެވެ. އެކަމަކު، އެޗްޑީސީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އޭޕްރީލް 2023 ގައި އޮތީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.

ހައި ކޯޓާ ހިސާބަށް އޭރު މައްސަލަ ދިޔައީ ވޯޓާ ތީމް ޕާކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާ އެކު ހެދި އެއްބަސްވުން އެޗްޑީސީން ބާތިލްކޮށް، އެތަން ހަވާލުކުރަން އެންގުމުންނެވެ. އެ މައްސަލަ ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމަށް ފަހު، އެޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުނީ އެވެ. އެކަމަކު، ސިވިލް ކޯޓުން ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެނުދެވޭނަ ކަމަށެވެ. އެހެންވެ، އެ ނިންމުން ލެޝާ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

އެޗްޑީސީން މިއަދު ބުނީ އެކިސަބަބުތަކާ ހުރެ ހުއްޓިފައި އޮތް އެ މަޝްރޫއު އަލުން ފެށީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުރިހަމަ، ފުޅާ މާސްޓަ ޕްލޭނެއްގެ ދަށުން ކަމަށެވެ. 

ހުޅުމާލެ ވޯޓާ ތީމް ޕާކާ އެކު އަޅާ ހޮޓަލުގެ ކުރެހުމެއް. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ހުޅުމާލެ ވޯޓާ ތީމް ޕާކާ އެކު އަޅާ ހޮޓަލުގެ ކުރެހުމެއް. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ޖުމުލަ 41,549.70 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި، ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ  މި މަޝްރޫއުގައި  ވޯޓަރ ތީމް ޕާކް ތަރައްގީކުރާނީ 17،800 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އެއާ އެކު 23،749.70 އަކަމީޓަަރުގެ ސަރަހައްދެއްގައި ބިނާކުރާނީ އެޗްޑީސީން ބުނި ގޮތުގައި ރިސޯޓް ހޮޓަލެވެ. 

މޫދާއި ގުޅިފައި އޮންނަ ގޮތަށް ތަރައްގީކުރާ  ވޯޓަ ތީމް ޕާކްގެ މަސައްކަތް ނިމޭ އިރު މައިގަނޑު 11 ވޯޓާ އެޓްރެކްޝަނާއި ހިދުމަތްދޭ 30 ވަސީލަތެއް ހުންނާނެ އެވެ. އަށް ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި ޓޯނޭޑޯ ސްލައިޑަކާއި 290 މީޓަރުގެ ދިގު 'ލޭޒީ ރިވަ'، އަކާއި 900 އަކަމީޓަރުގެ 'ނިއުމެޓިކް ވޭވް ޕޫލަކާއި 1,900 އަކަމީޓަރުގެ 'ސްޕްލޭޝް ޕެޑް' އަދި 'ވޯޓަ ހައުސް' އެއް އޭގެ ތެރޭގައި ހިމެނޭނެ އެވެ. 

ހުޅުމާލެ ވޯޓާ ތީމް ޕާކުގެ ކުރެހުމެއް ހައުސިން މިނިސްޓަރު މުއްތަލިބާއި އެޗްޑީސީގެ އެމްޑީ ޒުހައިރު މިއަދު ބައްލަވާލައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހުޅުމާލެ ވޯޓާ ތީމް ޕާކުގެ ކުރެހުމެއް ހައުސިން މިނިސްޓަރު މުއްތަލިބާއި އެޗްޑީސީގެ އެމްޑީ ޒުހައިރު މިއަދު ބައްލަވާލައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކުޑަކުދިންނަށް ހާއްސަ "ކިޑްސް ބޫމަރޭންގް ސްލައިޑަކާއި 'ޓޮޑްލަ ޕޫލަކާއި ކިޑްސް ސްލައިޑްތަކާއި އަރާމުކޮށްލަން އެރޭނެ 200 އަކަމީޓަރުގެ ސްޕާ ޕޫލަކާއި މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ އިންފިނިޓީ ބަބްލް ޕޫލަކާއި މޫދު މަތީގައި އޮންނަ އިންފްލޭޓަބަލް ޗެލެންޖް ގޭމްސް ފެސިލިޓީއަކާއި ކޯސްޓަލް ވޯޓަ ސްލައިޑަކާއި އޯވަހޭންގިން ވިއުއިން ޕްލެޓްފޯމެއް ވެސް މަޝްރޫއު ނިމޭ އިރު އެތަނުގައި ހުންނާނެ އެވެ. 

އެޗްޑީސީން ބުނި ގޮތުގައި ޗުއްޓީ ހޭދަކުރަން ހާއްސަ ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް ވެސް އެ މަޝްރޫއުގައި އަޅާނެ އެވެ. 

އެ ތަނުގައި 1،120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް ތަރައްގީކުރަން އާ މާސްޓާ ޕްލޭންގައި ހިމަނާފައިވާއިރު އޮފީހާއި މުވައްޒަފުންގެ އެކޮމޮޑޭޝަނަށް ފަސްބުރީގެ އިމާރާތެއް އަޅާނެ އެވެ. އޭގެ އިތުރުން ރެސްޓޯރެންޓަކާއި ފޮޓޯ ނަަގަން ހާއްސަ ތަންތަނާއި މަލްޓިމީޑިއާ ޒޯން އަދި ޕާކިން ޖާގަތައް ވެސް އެތާ ހުންނާނެ އެވެ.

ހުޅުމާލެ ވޯޓާ ތީމް ޕާކާ އެކު އަޅާ ހޮޓަލުގެ ކުރެހުމެއް. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ހުޅުމާލެ ވޯޓާ ތީމް ޕާކާ އެކު އަޅާ ހޮޓަލުގެ ކުރެހުމެއް. ފޮޓޯ: ފަޔާޒް މޫސާ/މިހާރު

ވޮކޯ ރިސޯޓް ހޮޓެލް

އެޗްޑީސީސީން ބުނި ގޮތުގައި 13،749.7 އަކަމީޓަރުގެ ސަރަހައްދެއްގައި އަޅާ ވޮކޯ ރިސޯޓް ހޮޓަލްގައި ދިގުމުއްދަތަށް މީހުންނަށް މަޑުކުރެވޭ 15 އެޕާޓްމަންޓަކާއި 250 ކޮޓަރި އާއި ސުއިޓް ހުންނާނެ އެވެ. އޭގެ އިތުރުން 95 ސާވިސްޑް އެޕާޓްމަންޓާއި ބީޗްފްރަންޓް ތިން ހޮޓެލް ވިލާ ވެސް އެތަނުގައި ހުންނާނެ ކަމަށް އެޗްސީސީން ބުންޏެވެ. 

އޭގެ އިތުރުން 2،942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގަ އާއި ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓަކާއި، 3,550 އަކަމީޓަރުގެ ހަ ފަންގިފިލާ އާއި ތިން ފަންގިފިލާގެ ދެ އޮފީސް އިމާރާތް އެތަނުގައި އަޅާ އިރު މިހާރު ހުރި އިމާރާތްތައް ވެސް އެޗްޑީސީން ބުނި ގޮތުގައި މަރާމާތުކޮށްގެން ބޭނުންކުރާނެ އެވެ.

އެ އިމާރާތްތަކުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ ވަރުގެ ޕާކިން ޖާގައެއް އޮންނާނެ އެވެ.