ކޯޓުން ބޭރުގައި ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ހިންގައިފި ނަމަ 100،000ރ. އާ ހަމައަށް ޖޫރިމަނާކޮށް، ތިން މަސް ދުވަހަށް ޖަލަށް ލެވޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި، ޝަރީއަތުގެ މަޖިލީހުގެ ތެރޭގަ އާއި ކޯޓުގެ ތެރޭގައި އަދި މަޖިލީހުން ބޭރުގައި ވެސް ހުރުމަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބެލެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެ އެވެ. 

މިހާރު ގާނޫނުގައިވާ ގޮތުން، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގޮތުން ކޯޓުގެ އަމުރުތަކަށް ނުކިޔަމަންތެރިވާ މީހުންނާއި ކޯޓުގެ ނިޒާމާ ހިލާފުވާ މީހުންނަށް އަދަބު ދިނުމުގެ އިހުތިޔާރު ކޯޓުތަކަށް ލިބިގެންވެ އެވެ. އަދި މިހާރު ގާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަބަކީ ގިނަވެގެން 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ގިނަވެގެން ތިން މަސް ދުވަހަށް ޖަލަށް ލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

ނަމަވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ވަކިވަކި އަމަލުތަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އިސްތިސްނާވާނެ ހާލަތްތައް މިހާރު އޮތް ގާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައެއް ނުވެ އެވެ.

އާ އިސްލާހުގައި ވަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ދެ ބަޔަކަށް ބަހާލައި، ތަފްސީލުކޮށްފަ އެވެ. 

 ޝަރީއަތުގެ މަޖިލީހުގައި ހުރުމަތް ކެނޑުން ކަމަށް ބެލެވޭ އަމަލުތައް:

  • ފަނޑިޔާރަކަށް، ކޯޓުގެ މުވައްޒަފަކަށް ނުވަތަ ޝަރީއަތަށް ހާޒިރުވެ ހުރި މީހަކަށް މަލާމާތްކޮށް، ފުރައްސާރަކޮށް ނުވަތަ ބަދުބަސް ބުނުން.
  • ހުއްދަ ނެތި ޝަރީއަތުގެ މަޖިލީހުގެ އަޑު ނުވަތަ މަންޒަރު ރެކޯޑުކުރުން ނުވަތަ އެފަދަ ވަސީލަތެއް ބޭނުންކުރުން.
  • ޝަރީއަތުގެ މަޖިލީހުގެ ނިޒާމު ގެއްލޭ ފަދަ ގޮތަކަށް އަޑުގަދަކޮށް ހަމަނުޖެހުން ހިންގުން.
  • މަގުބޫލު އުޒުރެއް ނެތި، ޝަރީއަތަށް ހާޒިރުވެ ހެކިބަސް ނުވަތަ މައުލޫމާތު ދިނުމަށް އިންކާރުކުރުން.
  • ފަނޑިޔާރެއްގެ ނުވަތަ ކޯޓުގެ މުވައްޒަފެއްގެ ގަޔަށް ނުރުހުމުގައި އަތްލުން، އަނިޔާއެއް ދިނުން ނުވަތަ ކޯޓުގެ މުދަލަކަށް ގެއްލުން ދިނުން.

މަޖިލީހުން ބޭރުގައި ހުރުމަތް ކެނޑުން ކަމަށް ބެލެވޭ އަމަލުތައް:

  • ކޯޓަކުން ނެރެފައިވާ އަމުރަކަށް ނުވަތަ ހުކުމަކަށް ގަސްދުގައި ނުކިޔަމަންތެރިވުން.
  • ފަނޑިޔާރަކަށް، ކޯޓުގެ މުވައްޒަފަކަށް ނުވަތަ ހެކިވެރިއަކަށް ބިރުދައްކައިގެން ނުވަތަ ރިޝްވަތު ދީގެން ޝަރީއަތަށް ހުރަސްއެޅުން.
  • ހިނގަމުންދާ ޝަރީއަތެއްގެ އަދުލުވެރިކަމަށް ހުރަސްއެޅޭ ގޮތަށް، ނުވަތަ ފަނޑިޔާރަކާ މެދު އާންމުންގެ އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް އާންމުކޮށް ދެއްކުން ނުވަތަ ޝާއިއުކުރުން.
  • ހުއްދަ ނެތި ނަގާފައިވާ ޝަރީއަތުގެ މަޖިލީހެއްގެ އަޑު ނުވަތަ ފޮޓޯ އާންމުކޮށް ފެތުރުން.

ބިލުގެ 85 ވަނަ މާއްދާގައިވާ ގޮތުން، ޝަރީއަތުގެ މަޖިލީހުގެ ތެރޭގައި ކޯޓުގެ ހުރުމަތް ކަނޑައިފި ނަމަ އެ މީހަކު 25،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 14 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ.

އަދި ޝަރީއަތުގެ މަޖިލީހުން ބޭރުގައި ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ހިންގައިފި ނަމަ، 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ގިނަވެގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. ނަމަވެސް ޖަލު އަދަބެއް ކަނޑައެޅޭނީ ގަސްދުގައި އެ އަމަލު ހިންގާފައިވާކަން ސާބިތުވާ ނަމަ އެވެ.

މިހާރު އޮތް ގާނޫނާ ހިލާފަށް، އަލަށް ހުށަހެޅި ބިލުގައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނުބެލެވޭނެ އިސްތިސްނާ ހާލަތްތައް ވެސް ހިމަނާފަ އެވެ. އޭގެ ތެރޭގައި ޝަރީއަތުގެ ރިޕޯޓުތައް ތެދުވެރިކަމާއެކު ޝާއިއުކުރުމާއި، ކޯޓުގެ ނިންމުންތަކާއި ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ނިޔަތުގައި ބިނާކުރަނިވި ފާޑުކިޔުމާއި، ޖޭއެސްސީއަށް ޝަކުވާ ހުށަހެޅުން ހިމެނެ އެވެ.

މީގެ އިތުރުން، އަދަބު ކަނޑައެޅުމުގެ ކުރިން އެ މީހަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި، ހެޔޮ ނިޔަތުގައި މައާފަށް އެދިއްޖެ ނަމަ އަދަބު ލުއިކޮށްދިނުން ނުވަތަ މައާފުކޮށްދިނުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށް ވެސް ބިލުގައިވެ އެވެ.