ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 11 އިން 15 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

ކޯޓުތަކުގެ ގާނޫނަށް ގިނަ އިސްލާހުތަކަކާ އެކު ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ވަނީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޝަރީއަތްތައް އަވަސްކުރުމާއި އަދުލު އިންސާފަށް ވާސިލުވުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމެވެ. 

މިހާރު އަމަލުކުރަމުން އަންނަ ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގައިވާ ގޮތުން ހައި ކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އިތުރު 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ۔ ނަމަވެސް އަލަށް ހުށަހެޅި އިސްލާހުގައި ވަނީ އިސްފަނޑިޔާރާއެކު ޖުމްލަ 15 ފަނޑިޔާރުންނަށް އެ އަދަދު ބަދަލުކުރުމަށެވެ. 

މި އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި، އިތުރުކުރާ ހަތަރު ފަނޑިޔާރުން އައްޔަންކޮށް ނިންމަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. 

މީގެ އިތުރުން ޝަރުއީ ދާއިރާގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމާއި ކޯޓުތައް ހިންގުމުގެ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމަށް "ޖުޑީޝަލް ކައުންސިލް" ގެ ނަމުގައި ވަކި ކައުންސިލެއް ގާއިމުކުރަން ބިލުގައި ހިމަނާފައިވެ އެވެ۔ އުއްތަމަފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ މި ކައުންސިލްގައި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ އިތުރުން މެޖިސްޓްރޭޓުން ހިމެނެ އެވެ. 

ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ އަހަރަކު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ މަދުވެގެން ދެ ޕަސެންޓް ޝަރުއީ ދާއިރާގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅައި ދޫކުރަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ޝަހުސެއްގެ ގޮތުގައި ކަނޑައަޅަން ވެސް ބިލުގައި ހިމަނާފައިވެ އެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކުރުމާއި ވަކިކުރުމުގެ އުސޫލުތައް ވެސް ތަފުސީލުކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޖުޑީޝަލް ދާއިރާތަކުގައި ރަޖިސްޓްރާއިންނާއި އެސިސްޓެންޓް ރަޖިސްޓްރާއިން އައްޔަންކުރުމާއި އެ ބޭފުޅުން އުއްތަމަ ފަނޑިޔާރަށް ނުވަތަ އިސްގާޒީއަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ބިލުގައި ބަޔާންކުރެ އެވެ.

ޝަރީއަތުގެ މަޖިލީހުގަ އާއި މަޖިލީހުން ބޭރުގައި ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ސާފުކޮށް ބަޔާންކޮށް، އެފަދަ އަމަލުތަކަށް 25،000ރ. އިން ފެށިގެން 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 14 ދުވަހާއި ތިން މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ދެވޭނެ ގޮތަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކޮންމެ ރަށެއްގައި އެ ރަށެއްގައި ގާއިމުވެ ހުންނަ ފަނޑިޔާރަކު ހުންނަންވާނެ އެވެ. އަދި ފަނޑިޔާރަކު ނެތް ރަށްރަށަށް ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަންކުރަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. 

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލައި، އެ ކޯޓުގެ މަސައްކަތްތަކާއި މުވައްޒަފުން ޑީޖޭއޭގެ ދަށަށް ބަދަލުކުރުމަށް ވެސް ވަނީ ހިމަނާފަ އެވެ۔