އައްޑޫގައި ވަކިން އޮތް ދެ ރަށް، ސިޓީ ކައުންސިލުން ވަކިކޮށް ރަށު ކައުންސިލް އުފެއްދުން، ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް ވުރެ ވެސް މުހިއްމު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އަބްދުއްރަހްމާން ވިދާޅުވީ އެހެން އެއްވެސް ސަރުކާރަކުން ކޮށް ނުދިން ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮށްދީފައިވާ ކަމަށާއި އެއީ "ރަށަށް މިނިވަންކަން ގެނެސްދެއްވުން" ކަމަށެވެ. އެކަމަށްޓަކައި ސަރުކާރަށާއި ރައީސަށް ދާއިރާގެ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިޔަ ބޮޑު ޕްރޮޖެކްޓަކަށް ވުރެ އަޅުގަނޑުމެންނަށް މާ މުހިއްމު އެކަން [ސިޓީ ކައުންސިލުން ހުޅުދު އާއި މީދޫ ވަކިކޮށް ރަށު ކައުންސިލް އުފެއްދުން]. ބަޖެޓުން އަޅުގަނޑުމެންގެ ރަށު ވާހަކަ މި ފެންނަނީ ވެސް އެހެންވެ،" އަބްދުއްރަހްމާން ވިދާޅުވި އެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓްގައި މީދޫ ކައުންސިލަށް ގްރާންޓްގެ ގޮތުގައި ދޭން 20.5 މިލިއަން ރުފިޔާ ހިމަނާފައި އޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ކައުންސިލްގެ ރިކަރެންޓް ހަަރަދު ހަމަޖައްސާފައި ބާކީވާހާ ފައިސާ ކަމަށެެވެ.
"ދެެން ކަައުންސިލް މެންބަރުންގެ ސިކުނޑި ތަން ދިން ވަރަަކަށް ސަރުކާރުން ފަހިކޮށްދެއްވި ފުރުސަތުގެ ބޭނުން ހިފުމުގެ ފުރުސަތު މި އޮތީ. މާ ބޮޑު ޕްރޮޖެކްޓަކާއި ކަމެއް ހިނގާނެ ކަމުގެ އުއްމީދެއް އަޅުގަނޑުމެންގެ ނެތް،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އަލަށް އާބާދުވި ސަރަހައްދަށް ކަރަންޓް ލުމާއި ދަތުރުފަތުރުގެ އިންތިޒާމާއި ބޭސް ލިބޭނެ އިންތިޒާމުގައި ހުރި "ކުދި ތަކުލީފުތައް" ސަރުކާރުން ހައްލުކޮށްދޭނެ ކަމަށް އުައްމީދުކުރައްވާ ކަމަށް ވެސް އަބްދުއްރަހްމާން ވިދާޅުވި އެވެ.
ދާއިރާގެ ވާހަކައަށް ވަޑައިގެންނެވުމުުގެ ކުރިންނާއި ވާހަކަ ނިންމަވާލައްވަމުން ވެސް އޭނާ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ވިދާޅުވީ ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށާއި ރައްޔިތުންނަށް ކަމެއް ނުވިޔަސް ވޯޓު ދެއްވާ މިއީ ތިން ވަނަ ބަޖެޓް ކަމަށެވެ.