އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން 23 އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރުމަށް ފަހު ނިންމީ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރާށެވެ. އެ ގޮތަށް ފާސްކޮށް އެކުލަވައިލި ރިޕޯޓް  ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހުށަހަޅައި ބަހުސް ފަށައިފަ އެވެ.

ބަހުސަށް ފުރުސަތު ހުޅުވައިލައްވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި ގޮތުގައި ބަޖެޓަށް 23 އިސްލާހެއް ހުށަހަޅާފައި ވެ އެވެ. އެކަމަކު އެއީ ކޮން މެންބަރުންތަކެއް ހުށަހެޅުއްވި އިސްލާހުތައް ކަމެއް އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ. 

ބަޖެޓް ރިޕޯޓަށް ބަހުސް ކުރައްވަން ކޮންމެ މެމްބަރަކަށް ހަތް މިނިޓުގެ ވަގުތެއް ދެއްވަން މަޖިލިހުގެ ރިޔާސަތުން ނިންމެވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލައަކީ 59.7 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މިއީ މި އަހަރުގެ އާމްދަނީއަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 77 ޕަސެންޓަކީ ޓެކްސް އިން ލިބޭ އާމްދަނީ އެވެ. ޓެކްސް އިން ލިބޭނެ ކަމަށް ލަފާކުރަނީ 33.6 ބިލިއަން ރުފިޔާ އެވެ.

ބަޖެޓުގެ މުހިއްމު އަދަދުތައް:

  • ޖުމްލަ ބަޖެޓު: 59.7 ބިލިއަން ރުފިޔާ
  • ޖުމްލަ ހަރަދު:52.6 ބިލިއަން ރުފިޔާ
  • ޖުމްލަ އާމްދަނީ: 43.2 ބިލިއަން ރުފިޔާ
  • ރިކަރަންޓް ހަރަދު: 42.7 ބިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދު: 9.8 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 8.2 ބިލިއަން ރުފިޔާ
  • ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
  • ދަރަނި:161.3 ބިލިއަން ރުފިޔާ
  • ޖީޑީޕީ: 129.5 ބިލިއަން ރުފިޔާ