އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މިނިވަން މުއައްސަސާތަަކަށް ކަނޑައަޅާފައި އޮތް ބަޖެޓް މަދު ކަމަށް ބައެއް މުއައްސަސާތަކުން ބުނި ނަމަވެސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނުހުއްޓޭނެ ފަދަ ބަޖެޓެއް ހަމަޖައްސައިދެއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

ބަޖެޓަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހާޒިރުކުރުމުން، ފައިސާ މަދުކަމުގެ ކަންބޮޑުވުން ފާޅުކުރީ އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ޒަރީރު ވިދާޅުވީ މުއައްސަސާތަކަށް އަބަދުވެސްް ބަޖެޓް ކަނޑައަޅަނީ އެއްވެސް މަސައްކަތަކަށް ހުރަސް ނޭޅޭނެ ގޮތަށް ކަމަށެވެ. އަދި ކޮންޓިންޖެންސީ ބަޖެޓްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ކޮންމެހެން ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަަމަ އެކަމެއް ހަމަޖައްސަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަަޅުގަނޑު އެ ހުރިހާ މުއައްސަސާތަކަށް ވެސް އެޝުއަރެންސް ދޭން ބޭނުންވަނީ އެ ބޭފުޅުންގެ މަސައްކަތްތައް ނުހުއްޓޭނެ ގޮތަށް އަދި އިތުރަށް އެ ބޭފުޅުންނަށް ބޭނުންވެއްޖެ ނަމަ ވެސް ބަޖެޓް ތެރެއިން އެބޭފުޅުންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށް. މިނިވަން މުއައްސަސާތަކަށް މީގެ ކުރިން ވެސް އެގޮތަށް އަޅުގަނޑުމެން ކަންތައްތައް ހަމަޖައްސައިދީފައި ވާނީ،" ޒަރީރު ވިދާޅުވި އެވެ.

މުއައްސަސާތަކަށް ކުއްލިއަކަށް ބޭނުންވެދާނެ އިންފްރާސްޓްރަކްޗާ ފަދަ ކަންތައްތަކަށް އަބަދުވެސް އެގޮތަށް ފައިސާ ހަމަޖައްސަމުން އަންނަ ކަމަށާއި ބަޖެޓް ރާވާފައި އޮތީ އެ ތަންތަަނަށް ކުއްލިއަކަށް ބޭނުންވެދާނެ ކަންތައްތައް ކޮށްދެވޭނެ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އެހެންވީމާ އެ ބޭފުޅުން އެއްގޮތަކަށް ވެސް ކަންބޮޑުވެވަޑައިގަންނަވާކަށް ނުޖެހޭނެ މިހާރު އޮތް ގޮތަށް ބަޖެޓް ފާސްކޮށްގެނެއް،" ޒަރީރު ވިދާޅުވި އެވެ. 

ބައެއް މުއައްސަސާތަކުން ހުށަހެޅި ކަންތައްތަކަށް ފައިސާ ނުހިމަނާ ބަޖެޓް އެކުލަވާލީ މިނިސްޓަރު ވިދާޅުވި ގޮތުގައި މުއައްސަސާތަކުން ހުށަހެޅި ކަންތައްތަކަކީ "ޖަސްޓިފަޔަބަލް" ކަންތައްތަކަށް ނުވާތީ އެވެ. 

އޭނާ އެގޮތަށް ޖަވާބުދެއްވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު ވިދާޅުވީ ބައެއް މިނިވަން މުއައްްސަސާތަކުން އިތުރުކުރަން އެދިފައިވަނީ ބޮޑެތި އަދަދުތަކެއް ނޫން ކަމަށެވެ. އަދި ފިނޭންސަށް ލިޔެގެން ކަންކަމަށް ފައިސާ ހޯދުމަކީ ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އެހާ ބޮޑެތި އަދަދުތަކެއް ނޫން އަދި އެއީ މުޅި ބަޖެޓަށް އަސަަރުކުރާ ވަރުގެ އަދަދުަތަކެއް ވެސް ނޫން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ، އެ ބައިބައިތައް އިތުރުކޮށްލެވިދާނެތޯ ނޫނީ އެވަރު ވެސް ކޮށްލެވޭކަށް ނެތްތޯ؟" ނާޒިލް ސުވާލު ކުރެއްވި އެވެ.

ޒަރީރު ވިދާޅުވީ ވަޒީފާ އިތުރުކުރަން އަބަދުވެސް ހުއްދަދެނީ އެއީ ބޭނުންވާ ވަޒީފާއެއްތޯ ބަލާފައި ކަމަށާއި މުވައްޒަފުން އިތުރުކުރަން އަބަދުވެސް ގިނަ ހުށަހެޅުންތަކެއް މުއައްސަސާތަކުން ފޮނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ހުރިހާ ކަމަކަަށް ޖާގަ ދީފި ނަމަ ކިތަންމެ ބޮޑު ބަޖެޓެއް ހުށަހެޅިޔަސް އެ ބަޖެޓަކުން ފޫނުބެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންވެ، ދައުލަތުގެ މުއައްސަސާތަކުގައި މުވައްޒަފުން ތިބީ އެތަންތަނަށް ބޭނުންވާ އަދަދަށްތޯ ބަލަން އަންނަ އަހަރު ހާއްސަ އޮޑިޓެއް ކުރައްވާނެ ކަމަށް ވިދާޅުވާ ވާހަކަ މިިނިސްޓަރު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

މުވައްޒަފުން އިތުރުކުރަން ހުއްދަދޭނީ އެ އޮޑިޓަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.