ފާޑުކިޔުންތަކާ އެކު މީހުންދޭ އެކި އެކި ލޭބަލްތަކާ މެދު މާބޮޑަށް ނުވިސްނަވާ ކަމަށާއި ކުރިއަށް ދާނީ އެންމެ ފުރަތަމަ ގައުމު ޝިއާރާ އެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ހަފްލާގައި ރައީސް ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާކުރުން އުޅުނު ދަނޑިވަޅުގައި އެކަން ނުކުރުމަށާއި އެއީ ވަރަށް ގިނަ ބައެއްގެ ވިޔަފާރިތައް ބަނގުރޫޓުވާނެ ކަމެއް ކަމަށް އަދި އެ ފަދަ ނިންމުމެއް ސަަބަބުން ވޯޓު ނުލިބޭނެ ކަމަށް ބުނެ އެތައް ވާހަކަތަކެއް އެމަނިކުފާނާ ހަމައަށް އައި ކަމަށެެވެ.

ވޭޕް މަނާކުރަން އުޅުނު ވަގުތުގައި ވެސް އެމަނިކުފާނާ ހަމައަށް އައީ އިޒްރޭލު ޕާސްޕޯޓު ބޭންކުރަން މަސައްކަތްކުރުމުން އައި ކަހަލަ ކަންބޮޑުވުންތަކެއްގެ ގޮތުގައި ސިފަ ކުރައްވާ ރައިސް ވިދާޅުވި އެވެ. 

"މިއީ އަޅުގަނޑު އެންމެ ފުރަތަމަ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖޭއަށް އައުން މަނާކުރަން ނިންމިއިރު ވެސް އައި ކަމެއް. އޭރު ވެސް ރިސޯޓު އިންޑަސްޓްރީގެ ބޮޑެތި މީހުން އަޅުގަނޑު ކައިރިގައި ދެންނެވީ ތިކަން ނުކުރާށޭ. ޓޫރިޒަމް އިންޑަސްޓްރީ ހަލާކޭ ވާނީ. މިތަނުގައި ވަރަށް ގިނައޭ އިޒްރޭލުގެ އިންވެސްޓަރުން، އޮޕަރޭޓްކުރާ މީހުން،" ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް އެ ކަންކަމަށް ނުވިސްނަވައި އެމަނިކުފާނަކީ ގައުމަށްޓަކާ "އަންޕޮޕިއުލާ" ނިންމެވުންތަކެއް ނިންމެވި ވެރިއެއް ކަމަށް ވިދާޅުވި އެވެ. 

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ވިދާޅުވީ ވޭޕް މަނާކުރުމުން ފައިދާތަކެއް ދިވެހި ގައުމަށް ކުރަމުން އަންނަކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެއްވި ނަމަ، އޮންނާނީ ވަރަށް ބިރުވެރި ހާލަތެއްގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވޭޕް މަނާނުކުރި ނަމަ ތުއްތު ކުދިން ބޭރަށް ނުކުތުމުން އެ ކުދިން އެކްސްޕޯސް ވާނީ ވަރަށް ނުބައި މާހައުލަކަށް ކަަމަށެވެ. 

ވަކި އުމަރެއްގެ ކުދިންނަށް ދުންފަތް މަނާކުރާ ގޮތަށް ސަރުކާރުން ގެނައި ޖެނަރޭޝަން ބޭންއަކީ ވެސް ޒުވާނުންގެ މުސްތަގުބަލަށްޓަކާ އެޅުއްވި ފިޔަވަޅެއް ކަމަށާއި އެ ފިޔަވަޅު އެޅުއްވުމުން ފާޑުކިޔަސް، އެ ނިންމުން ދުނިޔޭގެ ގައުމުތަކުން ބަލައިގަނެ، މިސާލު ނަގަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

"ޖެނަރޭޝަން ބޭން ވެސް ހަމަ އެކަހަލަ އަންޕޮޕިއުލާ ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން ނިންމީ ދުންފަތުގެ އިސްތިއުމާލަށް އަދި އެކްސްޕޯސް ނުވާ ކުދިންނަށް އެކުދިންނަށް ބޭންކުރަން،" 

ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވިޔަސް ރާއްޖޭގައި އިހްލާސްތެރިކަން ބޮޑުވެފައި، ގައުމު ދެކެވާ ލޯބި ބޮޑު ކަމަށެވެ. 

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ގައުމަށްޓަކާ ގައުމުގެ މުސްތަގުބަލަށްޓަކާ ހެޔޮކަންކަން ކުރަން،"

ރައީސް ވިދާޅުވީ ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ އެންމެ ރަނގަޅު ނިންމުންތަކެއް ކަމަށް މިވަގުތު ގަބޫލުނުކުރި ނަމަވެސް އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާކުރާނެ ކަމަށެވެ. 

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ދުވަސްވީ ރަށްވެއްސަކު އެމަނިކުފާނުގެ އަރިހުގައި ދެންނެވި ވާހަކައެއް ހަނދުމަފުޅު ކުރައްވަމުން ރައީސް ވިދާޅުވީ ރަނގަޅު ނިންމުންތައް ނިންމާއިރު ގިނަ ފަހަރަށް އެކަންކަން މީހުން ބަލައި ނުގަންނާނެ ކަމަށާއި އެކަމަކު ދުވަސްކޮޅަކުން އޭގެ ފައިދާ ގަބޫލުކޮށް، އެކަމަށް މީހުން ތާއީދުކުރާނެ ކަމަށެވެ. އަދި ރަނގަޅު ކަންކަމަށް ވަގުތު ނަގާނެ ކަމަށާއި އެކަމަކު ގައުމު އިސްކޮށް ކުރާކުރަންޖެހޭ ކަންކަން ފަސްނުކުރުމަށް ދުވަސްވީ އެމީހާ ވެސް އެމަނިކުފާނަށް ނަސޭހަތް ދެއްވި ކަމަށް ވިދާޅުވި އެވެ. 

"ތިގޮތުގައި ކުރިއަށްދާށޭ. ނިންމާ ނިންމުންތައް އެއީ ކޮންމެހެނުން މީހުން ބަލައިގަންނަ ކަމަކަށް ނުވެދާނެއޭ. ރަނގަޅު ކަމެއް ނިންމާއިރު ހަމަ ގިނަ ފަހަރު ފުރަތަމަ ބަލައި ނުގަންނާނެއޭ. އެއްޗެއްސޭ ކިޔާނީ. ދުވަސްކޮޅެއް ފަހުން މީހުން އެކަމާ މެދު އެއްޗެހި ކިޔުން ހުއްޓާލާނޭ. އޭގެ ދުވަސްކޮޅެއް ފަހުން އެކަން ކުރީތީ އެކަމަށް ޝުކުރުވެރިވެ އެ ވާހަކަ ރަނގަޅަށް ދައްކާނޭ. އެހެންވީމަ ކުރިއަށް ގެންދާށޭ،" 

"ދެން އަސްލުގައި އަޅުގަނޑަށް ވަރިހަމަ ކޮންމެ ކަހަލަ ނަމެއް ކިޔަސް. އަޅުގަނޑަކީ ދެން މީސް މީހުން ކިޔާ ލޭބަލަށް މާބޮޑަށް ވިސްނާ މީހެއް ނޫން. އެންމެ ފުރަތަމަ ގައުމު އެ ލޭބަލާ އެކު އަޅުގަނޑަށް ކުރިއަށް ދެވެންޏާ ރަނގަޅުވާނެ."  ރައީސް ވިދާޅުވި އެވެ.