މި ސަރުކާރަށް މިިއަދަށް ތިން އަހަރު ފުރުމާ ގުޅިގެން މިރޭ ހުޅުމާލޭގައި ބޮޑު ހަފްލާއެއް ބާއްވަން ނިންމައިފި އެވެ. 

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިރޭ 8:00 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ފަށާ އެ ޖަލްސާގައި ތިން އަހަރުގެ ކާމީޔާބީ އާއި މިހާތަނަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ޕްރެޒެންޓޭޝަނެއް އޮންނާނެ ކަމަށެވެ. 

"އެ ޕްރެޒެންޓޭޝަންގެ ތެރެއިން، ކުރިއަށް ރާވާފައި ހުރި ކަންކަން ވެސް ރައީސް ވިދާޅުވެދެއްވާނެ،" އޭނާ ވިދާޅުވި އެވެ. 

އޮފިޝަލް ވިދާޅުވީ މިއީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރާ ހަފްލާއަކަށް ވާތީ ސަރުކާރުގެ ވީހާ ވެސް ގިނަ މުވައްޒަފުން އެ ހަފްލާގައި ބައިވެރިވެރިމަަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މިދިޔަ ތިން އަހަރު ކާމިޔާބުކަމާ އެކު، ކުރިއަށް ގެންދެވުނީ އޮފިޝަލް ވިދާޅުވި ގޮތުގައި ސަރުކާރުގެ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. 

"ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި އެންމެ ބޮޑު ބާރުވެރިންނަކީ އެ މުވައްޒަފުން. ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރީ ސަރުކާރު މުވައްޒަފުން ކަމަށް ވާތީ އެ މުވައްޒަފުންގެ ބައިވެރިވުން އަޅުގަނޑުމެންނަށް މުހިންމުވަނީ،" ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު ހަފްލާ ބޭއްވީ ސޯޝަލް ސެންޓަރުގަ އެވެ. އެ ހަފްލާގައި ވެސް ރައީސް މުއިއްޒު ވަނީ ސަރުކާރުން އެނާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައި ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ.