މަޝްހޫރު ވީޑިއޯ ގޭމް ސީރީޒް ގްރޭންޑް ތެފްޓް އޯޓޯ (ޖީޓީއޭ) ގެ އާ ބައި، "ޖީޓީއޭ 6" ބުދަ ދުވަހު ރިލީޒްކުރުމާ އެކު މުޅި ދުނިޔޭގައި އުފެދިފައިވާ ފޯރިއާ އެކު، ބައެއް ކުންފުނިތައް ބަންދުކޮށް މުވައްޒަފުންނަށް ހާއްސަ ޗުއްޓީތަކެއް ދޭން ފަށައިފި އެވެ.

"ޖީޓީއޭ 5" ނެރުނުތާ 13 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ނެރުނު މި ގޭމް ކުޅުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ޗުއްޓީ ވެސް ނަގަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މި ގޭމާ ހެދި މުވައްޒަފުންނާއި ދަރިވަރުން ހާޒިރުނުވާ މައްސަލަ ހައްލުކުރުމަށް ބައެއް ތަންތަނުން ވަނީ ތަފާތު ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ޓެކް ކުންފުނި ލޮޖިޓެކް އިން ވަނީ އެ ކުންފުނީގެ 7،300 އަށް ވުރެ ގިނަ މުވައްޒަފުންނަށް "ލޮޖީ ގޭމް ޑޭ" ގެ ނަމުގައި މިއަދު ނުވަތަ އެހެން ދުވަހަކު ގޭމް ކުޅުމަށް ހާއްސަ ޗުއްޓީއެއް ދީފަ އެވެ.

ކެނެޑާގެ ޓްރަކް އުފައްދާ ކުންފުނި އެޑިސަން މޯޓާސް އިން ވަނީ ޗުއްޓީއަށް އެދޭ މުވައްޒަފުން ގިނަވުމުގެ ސަބަބުން ބުރާސްފަތި އަދި ހުކުރު ދުވަހު އެ ކުންފުނީގެ މަސައްކަތްތައް މެދުކަނޑާލަން ނިންމައިފަ އެވެ. އަދި އިންޑިއާގެ އިންޓީރިއާ ޑިޒައިން ކުންފުންޏަކުން ވަނީ މިއަދަކީ އެ ކުންފުނީގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

އިންޑިއާގެ ނިއު ދިއްލީގެ ފިހާރައެއްގައި މީހަކު ޖީޓީއޭ 6 ގެ ގޭމް ސީޑީ އިއްޔެ ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑިއާގެ ނިއު ދިއްލީގެ ފިހާރައެއްގައި މީހަކު ޖީޓީއޭ 6 ގެ ގޭމް ސީޑީ އިއްޔެ ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ އަސްކަރިއްޔާގެ ތާޑް އިންފެންޓްރީ ޑިވިޝަނުން ވަނީ ވަކި މުއްދަތެއްގެ ތެރޭގައި އިތުރަށް ހިދުމަތްކުރާ ސިފައިންނަށް ޖީޓީއޭ 6 ކުޅުމަށް ހަތަރު ދުވަހުގެ ހާއްސަ ޗުއްޓީއެއް ދޭން ނިންމައިފަ އެވެ.

އިމްތިހާނު ދުވަސްވަރާ ދިމާކޮށް ދަރިވަރުން ސްކޫލަށް ނުގޮސް ގޭގައި ތިބެދާނެތީ، އިނގިރޭސިވިލާތުގެ ބައެއް ސްކޫލްތަކުން ވަނީ މިއަދު ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ މެދުގައި ގިފްޓް ކާޑު ލިބޭ ގުރުއަތުލުމެއް ބާއްވަން ވެސް ނިންމައިފަ އެވެ.

އެޗްއާރު ޕްލެޓްފޯމް ބެމްބޫއެޗްއާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ އެހެން ދުވަސްތަކާ އަޅާބަލާއިރު މިއަދު އެމެރިކާގައި ޗުއްޓީއަށް އެދުނު މީހުންގެ އަދަދު ވަނީ 13 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން، ޒެޓީ އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގެ މަސައްކަތްތެރިންގެ 11 ޕަސެންޓް މީހުން ވަނީ މި ގޭމް ނެރޭ ދުވަހާ ދިމާކޮށް ޝެޑިއުލަށް ބަދަލު ގެންނަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ޖެންޒީގެ 22 ޕަސެންޓް އަދި މިލޭނިއަލްސްގެ 16 ޕަސެންޓް މީހުން ހިމެނެ އެވެ.

ނިއު ޒީލެންޑް، އޮސްޓްރޭލިއާ އަދި ޖަޕާން ފަދަ ގައުމުތަކުން އެންމެ ފުރަތަމަ މި ގޭމް ކުޅެން ފެށި މީހުން އަންނަނީ ސޯޝަލް މީޑިއާގައި ގޭމަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. ޖުމްލަ 212 ޖީބީގެ ބޮޑު ފައިލް ސައިޒަކާ އެކު ނެރުނު މި ގޭމުގައި ވައިސް ސިޓީގެ މަންޒަރުތައް ފެންނަ ގޮތާއި، ކުދިކުދި ޑީޓެއިލްތައް ގެނެސްދީފައިވާ ގޮތުގެ ފުރިހަމަކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.