މުނިފޫހިފިލުވުމުގެ ދާއިރާގެ ތާރީހުގައި މިހާތަނަށް ނެރުނު އެންމެ ކާމިޔާބު އުފެއްދުމުގެ ރެކޯޑާ އެކު، މަޝްހޫރު ވީޑިއޯ ގޭމް "ގްރޭންޑް ތެފްޓް އޮޓޯ 6" (ޖީޓީއޭ 6) ރިލީޒްކުރިތާ އެންމެ ދުވަހެއްގެ ތެރޭގައި 2.36 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.
އިންޑަސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 13 އަހަރށް ފަހު އިއްޔެ ނެރުނު މި ގޭމުގެ ޕްރީ-އޯޑަރާއި ފުރަތަމަ ދުވަހުގެ ވިޔަފާރި ވަނީ 24.5 މިލިއަން ކޮޕީ އަށް ވުރެ މައްޗަށް އަރައިފަ އެވެ. ގޭމް ނެރުމުގެ ކުރިން ވެސް ޑިޖިޓަލް ޕްރީ-އޯޑަރުތަކުން އެކަނި 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މީގެ ކުރިން "ސައިބަޕަންކް 2077" އަދި "ޖީޓީއޭ 5" އިން ހަދާފައިވާ ރެކޯޑްތައް ވަނީ މުގުރާލައިފަ އެވެ.
ވިޔަފާރީގެ ރެކޯޑްތަކުގެ އިތުރުން، ޖީޓީއޭ 6 އިން ވަނީ ލައިވްސްޓްރީމިން އާއި އިންޓަނެޓް ޓްރެފިކްގެ ރެކޯޑްތައް ވެސް އާކޮށްފަ އެވެ. ގޭމް ނެރުނު ވަގުތު ޔޫޓިއުބާއި ޓްވިޗް އަދި ކިކް މެދުވެރިކޮށް އެއްވަގުތެއްގައި ގާތްގަނޑަކަށް އަށް މިލިއަން މީހުން މި ގޭމް ބަލާފައިވެ އެވެ. މިއީ މީގެ ކުރިން 2020 ވަނަ އަހަރު "ވެލޮރަންޓް" އިން ހެދި 1.74 މިލިއަން ވިއުއާސްގެ ރެކޯޑަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.
މި ގޭމުގެ 212 ޖީބީގެ ބޮޑު ފައިލް ޑައުންލޯޑް ކުރުމަށް ގިނަ ބަޔަކު އެއްފަހަރާ މަސައްކަތް ކުރުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި އިންޓަނެޓް ކުންފުނިތަކުގެ ޓްރެފިކް ވެސް ރެކޯޑް މިންވަރަކަށް މައްޗަށް ދިޔަ އެވެ. އަދި ގޭމް ނެރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޕްލޭސްޓޭޝަން ނެޓްވޯކް ވެސް ވަގުތީ ގޮތުން ޑައުންވި އެވެ.
ރޮކްސްޓާ ގޭމްސް އިން އުފެއްދި މި ގޭމަށް ފާޑުކިޔުންތެރިންގެ ފަރާތުން ވެސް ވަނީ ތައުރީފު ލިބިފަ އެވެ. މަޝްހޫރު ރިވިއު ވެބްސައިޓް "މެޓާކްރިޓިކް" ގައި ޖީޓީއޭ 6 އަށް 99 ޕޮއިންޓް ލިބިފައިވާއިރު، މިއީ 1998 ވަނަ އަހަރު ނެރުނު "ދަ ލެޖެންޑް އޮފް ޒެލްޑާ: އޮކަރީނާ އޮފް ޓައިމް" އާ އެއްވަރަށް ތާރީހުގައި އެންމެ މަތިން މާކްސް ލިބުނު ވީޑިއޯ ގޭމެވެ.
މިހާތަނަށް ކޮންސޯލްތަކަށް އެކަނި ނެރެފައިވާ މި ގޭމުގެ ޕީސީ ވާޝަން އަދި މަލްޓިޕްލޭޔާ އެކްސްޕޭންޝަން ނެރޭނެ ތާރީހެއް ރޮކްސްޓާ އިން އަދި އިއުލާނެއް ނުކުރެ އެވެ.