ބޯޑޯ، ފްރާންސް (ޖޫން 21) - ސްޕެއިނާއި ކްރޮއޭޝިއާ މިރޭ ކުޅޭ މެޗުގައި ސްޕެއިނުގެ އަންދްރޭ އިނިއެސްޓާ އާއި ސާޖިއޯ ބުސްކެޓްސް އަށް އޮޅިގެން، އޭނާ އަށް ޕާސް ދޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ދެ ކުޅުންތެރިންނާ އެކު ބާސެލޯނާ އަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފި އެވެ.

މި ތިން ކުޅުންތެރިންނަކީ ބާސެލޯނާގެ މެދުތެރެ ބަލަހައްޓާ ހުނަރުވެރި ތިން މިޑްފީލްޑަރުންނެވެ. އެކަމަކު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާ އާއި ސްޕެއިން ބައްދަލުކުރާ މުހިއްމު މެޗުގައި ރަކިޓިޗް ނުކުންނާނީ އެ ދެ ކުޅުންތެރިންނާ އިދިކޮޅަށެވެ.

މިރޭގެ މެޗުން މޮޅުވެގެން ކްރޮއޭޝިއާ އަށް ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ކޮލިފައިވޭވެނެ އެވެ. މިރޭގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ދެ ވަނަ ޓީމުގެ ގޮތުގައި ކްރޮއޭޝިއާ އަށް ދެ ވަނަ ބުރުން ފުރުސަތު ހޯދޭނެ އެވެ. އަދި އެ ޓީމު މިރޭ ބަލިވިޔަސް ދެ ވަނަ މަގާމް ގެއްލޭނީ ތުރުކީ އަތުން ޗެކް ރިޕަބްލިކް މޮޅުވެ، އަދި ލަނޑުގެ ތަފާތުން ކުރި ނުލިބިއްޖެ ނަމަ އެވެ.

"އަހަރެން އުއްމީދުކުރަން އެ ދެ ކުޅުންތެރިން އޮޅިގެން އަހަންނަށް ޕާސްދޭނެ ކަމަށް،" ރަކިޓިޗް ސަމާސާއަކަށް ބުންޏެވެ. "ސީރިއަސްކޮށް ބުނަންޏާ، ބުނެވޭނީ އަހަންނަށް އެނގެޔޭ ސްޕެއިނުގެ ގޮތް ވަރަށް ބޮޑަށް. އަހަރެމެން ވަރަށް ބޮޑަށް އިހުތިރާމް ކުރަން އެ ޓީމަށް. އެއީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު."

ރަކިޓިޗް ބުނީ އެހެން ޓީމަކަށް ވާނެ ގޮތަކާ މެދު ނުވިސްނާ ކަމަށާއި ހުރިހާ ވެސް ވިސްނުމަކީ ފަސޭހަ މަގަމަކުން ދެ ވަނަ ބުރަށް ދިއުން ކަމަށެވެ.

"އެކަމަކު ސްޕެއިން ވެސް އެއް ވަނަ ހޯދަން ބޭނުންވާނެ. އެހެންވީމާ މިރޭގެ މެޗު ފަސޭހަ ނުވާނެ،" ރަކިޓިޗް ބުންޏެވެ.