ޕެރިސް، ފްރާންސް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެގެން ގެއަށް ދާން ޖެހުނީ މޮޅަށް ކުޅުނު ޓީމު ކަަމަަށް ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފި އެވެ.

ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަަހައްޓައި ރަނގަޅު ކުޅުމެއް ދެއްކީ ކްރޮއޭޝިއާ އިންނެވެ. ނަމަވެސް ޕޯޗުގަލް މޮޅުވީ އިތުރު ވަގުތުގެ ދެ ވަނަ ހާފް ނިމެން ތިން މިނިޓެއް ވެފައި ހުއްޓައި ރިކާޑޯ ކުއަރެސްމާ ޖެހި ލަނޑުންނެވެ.

ރަކިޓިޗް ބުނީ ޕޯޗުގަލް ލަނޑު ޖެހުމަކީ ކިހިނެއް ދިމާވި ކަމެއް ކަން ބުނެދޭން ނޭނގޭ ކަމަށެވެ.

"ޕޯޗުގަލް ޓީމުގެ ކުޅުންތެރިންނަށް ވެސް ބުނެދޭން ނޭނގޭނެ އެމީހުންނަށް ލަނޑު ޖެހުނީ ކިހިނެއް ކަމެއް. މިއީ އިންސާފުވެރި ނަތީޖާއެއް ނޫން. ފުޓްބޯޅަ އަކީ އެންމެ ފުރިހަމަ ކުޅިވަރު ކަމަށް ގިނަ ބަޔަކު ބުނޭ. އެކަމަކު ބައެއް ފަހަރު މިއީ އެންމެ ހަމަނުޖެހޭ ކަންތައް ހިނގާ ކުޅިވަރު. އެކަން މި ހިނގީ މި މެޗުގައި. މޮޅަށް ކުޅުނު ޓީމު ދާން މި ޖެހުނީ ގެއަށް،" ބާސެލޯނާ އަށް ކުޅޭ ރަކިޓިޗް ބުންޏެވެ.

ޕޯޗުގަލް ދެ ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ ތިން މެޗު އެއްވަރުކޮށް، އެންމެ ރަނގަޅު ނަތީޖާ ހޯދި ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ކްރޮއޭޝިއާ ވަނީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ސްޕެއިން ފަހަތަށް ޖައްސާލުމަށް ފަހު އެ ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ.

ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ބުނީ ޕޯޗުގަލް މޮޅުވީ ނަސީބު އެ ޓީމަށް އެހީވުމުން ކަމަށެވެ.

"މޮޅަށް ކުޅުނު ޓީމަކީ ކްރޮއޭޝިއާއޭ ބުނުމުން އެކަމަށް ދެބަސްވާނެ މީހެއް ހުންނާނެ ހެނެއް ހިއެއްނުވޭ. މި މުޅި މުބާރާތުގައި ވެސް މޮޅަށް ކުޅެމުން އައީ ކްރޮއޭޝިއާ. އަހަރެމެން ކެޓުމަކީ ބޭއިންސާފެއް،" ރެއާލް މެޑްރިޑަށް ކުޅޭ މޮޑްރިޗް ބުންޏެވެ.