ސޯޝަލް މީޑިއާގައި ރޭ އެންމެ ގިނައިން ފެނުނު އެއް ފޮޓޯ އަދި ވީޑިއޯ އަކީ ދިރާގު ހެޑް އޮފީހުގައި ދިއްލާފައިވާ ހިތެވެ.
ދިރާގުން މި ހިތްގައިމު މަންޒަރު ދައްކުވައިދޭން ބޭނުންވީ ބައިނަލްއަގުވާމީ ހިތުގެ ދުވަހާ ގުޅުވައިގެން ހޭލުންތެރިކަން ބޮޑުކުރުމެވެ.
ސެޕެޓެމްބަރު 29 އަކީ ދުނިޔޭގެ މަޝްހޫރު ބިނާތަކާއި ބިލްޑިންތައް، ވޯލްޑް ހާޓް ޑޭގެ މުނާސަބަތުގައި ރަތް ކުލައިން ދިއްލާލާ ދުވަހެކެވެ.
ރާއްޖޭގައި ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އިން ބުނީ ރާއްޖޭގެ 40 ޕަސެންޓް މީހުން އަދި ކުޑަކުދިން ޕްރިމެޗުއާކޮށް މަރުވާ ސަބަބަކީ ހިތާއި ލޭނަރުތަކުގެ ބަލިތައް ކަމަށެވެ. އަދި މިއީ ހޭލުންތެރިކަން ބޮޑުކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރުމަށް ބޭނުން ވެފައިވާ މައްސަލައެއް ކަމަށް ވެސް އެ ޖަމިއްޔާއިން ދެކެ އެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަށް އެއްބާރުލުންދީ އަދި އެ ޖަމިއްޔާއާ ގުޅިގެން މަސައްކަތް ކުރެ އެވެ.
އެ ކުންފުނިން ބުނީ މިދިޔަ ރޯދަ މަހަށް ހާއްސަކޮށް ތައާރަފުކުރި މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޑޭޓާ ޕެކޭޖްތައް ގަތުމުން އޭގެ ޕަސެންޓެއް ޓައިނީ ހާޓްސް އަށް ހަދިޔާކުރި ކަމަށެވެ. އެގޮތުން 411,068ރ. ޓައިނީ ހާޓްސްއާ ވަނީ ހަވާލުކޮށްފަ އެވެ.
"އެ ފައިސާ ވެގެން ދިޔައީ ސީދާ ދިރާގު ކަސްޓަމަރުންގެ ފަރާތުން ނާޒުކު ކުދިކުދި ހިތްތަކަށް ދެވުނު ހަދިޔާއަކަށް،" ދިރާގުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޓައިނީ ހާޓްސްގެ ސެކްރެޓަރީ ޖެނެރަލް ޖީހާން އަހުމަދު ވިދާޅުވީ ދިރާގުގެ ފަރާތުން އެ ހާއްސަ ޕެކޭޖްތައް މެދުވެރިކޮށް ދިން އެހީއަކީ އެއް ތަނަކުން މިހާތަނަށް ޓައިނީ ހާޓްސް އަށް ލިބުނު އެންމެ ބޮޑު އެހީ ކަމަށެވެ.
"މީގެ ސަބަބުން ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރަން ޓައިނީ ހާޓްސްއިން ކުރަމުން ގެންދާ މަސަކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ. އަދި ޓައިނީ ހާޓްސްގެ މެނޭޖްމެންޓާއި ކުދިންގެ ފަރާތުން ވަރަށް ބޮޑަށް ދިރާގަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.