ޓައިނީ ހާޓްސް އިން ކޮންމެ އަހަރަކު ވެސް ބާއްވާ "ކެއާ ފޯ ޓައިނީ ހާޓްސް" ކޭމްޕް އަންނަ ބުރާސްފަތިދުވަހު ހުޅުމާލޭ ހޮސްޕިޓަލްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ކޭމްޕް އޮންނާނީ ބުރާސްފަތިދުވަހުން ފެށިގެން ހޮނިހިރުދުވަހުގެ ނިޔަލަށެވެ. ކޭމްޕް ފަށާނީ ބުރާސްފަތިދުވަހު ހެދުނު 8:00 ގަ އެވެ.
މިއީ މިދިޔަ މާޗްމަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ކޭމްޕެވެ. ނަމަވެސް އެ ދުވަސްވަރު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރުނު ހުމާއި އަރިދަފުސް ރޯގާގެ ސަބަބުން ކޭމްޕް ފަސްކުރީ އެވެ.
ޓައިނީ ހާޓްސް އިން ކޮންމެ އަހަރަކު ބާއްވާ މި ކޭމްޕަކީ ހިތުގެ ބަލި ހުންނަ ކުދިން ޑޮކްޓަރަށް ދެއްކުމަށް ބާއްވާ ކޭމްޕެކެވެ. މިދިޔަ އަހަރު ޖުމްލަ 160 ކުދިން ވަނީ މި ކޭމްޕްގައި ޑޮކްޓަރަށް ދައްކާފަ އެވެ.
"ކެއާ ފޯ ޓައިނީ ހާޓްސް" ގެ ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ޓައިނީ ހާޓްސްގެ ޗެއާ ޕާސަން ފިއުނާޒް ވަހީދު ވިދާޅުވި އެވެ.
އެ ޖަމިއްޔާ އިން ވަނީ މިފަދަ އަށް ކޭމްޕެއް ބާއްވާފަ އެވެ. މީގެ ކުރިން ޓައިިނީ ހާޓްސްގެ ކޭމްޕްތައް ބޭއްވީ އައިޖީއެމްއެޗްގަ އެވެ. ނަމަވެސް މި އަހަރުގެ ކޭމްޕް އޮންނާނީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ.