ޖިއްދާ (ޖުލައި 19) - ސައުދީ އަރަބިއާގެ ޖިއްދާގައި ރޭ ބޭއްވި ފޯރިގަދަ މިއުޒިކް ފެސްޓިވަލްގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޖެނެޓް ޖެކްސަން، 50 ސެންޓް، ފިއުޗާ އަދި ކްރިސް ބްރައުން ފަދަ އާޓިސްޓުން ޕާފޯމްކޮށްފި އެވެ.

ރަތް ކަނޑުގެ ސައުދީ ސިޓީގެ ކިންގް އަބްދުﷲ ސްޕޯޓްސް ސްޓޭޑިއަމްގައި ބޭއްވި ޖިއްދާ ވޯލްޑް ފެސްޓްގައި އާޓިސްޓުން ޕާފޯމްކުރަމުން ދިޔައިރު ފެސްޓިވަލަށް ދިޔަ ސައުދީ މީހުން ނަށައި، ވަރަށް ބޮޑަށް ފޯރި ނެގި އެވެ. ނަމަވެސް މިއީ މީގެ ދެ އަހަރު ކުރިން ނަމަ ސައުދީގައި ބޭއްވިދާނެ ކަމަށް އެކަކުވެސް ޚިޔާލަށް ވެސް ގެނެވިފައިވާނެ ކަމެއް ނޫނެވެ.

ޖިއްދާ: ޖުލައި 18، 2019: ޖިއްދާ ވޯލްޑް މިއުޒިކް ފެސްޓިވަލްގައި އެމެރިކާގެ ލަވަކިޔުންތެރިޔާ ޖެނެޓް ޖެކްސަން ޕާފޯމް ކުރަނީ. --ފޮޓޯ:އޭއެފްޕީ
ޖިއްދާ: ޖުލައި 18، 2019: ޖިއްދާ ވޯލްޑް މިއުޒިކް ފެސްޓިވަލްގައި އެމެރިކާގެ ލަވަކިޔުންތެރިޔާ ޖެނެޓް ޖެކްސަން ޕާފޯމް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ޝޯގައި ޕާފޯމް ކުރަން ހަމަޖެހިފައިވާ ލަވަކިޔުންތެރިޔާ ނިކީ މިނާޖް ވަނީ ސައުދީގެ އިންސާނީ ހައްގުތަކުގެ މައްސަލާގައި ފެސްޓިވަލުގައި ބައިވެރިނުވާން އެންމެ ފަހު ވަގުތު ނިންމައިފަ އެވެ. މިނާޖް ބައިވެރިނުވާކަން އެނގުމުން ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި މާޔޫސްކަން ފާޅުކޮށް، ޓިކެޓުގެ ރިފަންޑް ހޯދަން ޑިމާންޑްކޮށްފަ އެވެ.

ޖިއްދާ މިއުޒިކް ފެސްޓް ސްޕޮންސާކޮށްފައި ވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ. ސައުދީގެ ޖެނެރަލް އެންޓަޓެއިން އޮތޯރިޓީން ވަނީ މުނިފޫހިފިލުމުގެ ދާއިރާ އަށް ކުރިއަށް އޮތް 10 އަހަރު ތެރޭ 64 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމައިފަ އެވެ.