ރިޔާޒް (އޮކްޓޯބަރު 28) - ސައުދީ އަރަބިއާގެ ސިނާއީ ސިޓީގައި މި އަހަރު ނިމޭ ހިސާބުގައި ޖޭޒް މިއުޒިކް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

މުނިފޫހިފިލުމުގެ ގޮތުން އާއްމުކޮށް ހަރަކާތްތައް ބޭއްވުމާއި ނެށުމާއި މިއުޒިކަކީ ސައުދީގައި އެހާ އާއްމު ކަންތަކެއް ނޫނެވެ. އެކަމަކު ޖިއްދާގައި ޖެނުއަރީ މަހު ވަނީ އަރަބި މިއުޒިކް ހިމެނޭ ގޮތަށް ޕަބްލިކް ކޮންސެޓެއް ބާއްވައިފަ އެވެ.

ރަސްގެފާން ސަލްމާންގެ ދަރިކަލުން މުހައްމަދަށް ވަލީ އަހުދުގެ މަގާމު ޖުލައި މަހު ދެއްވުމާ އެކު އޭނާ ގެންދަވަނީ ގައުމަށް ބަދަލުތައް ގެނެސް ވިޔަފާރި އަށް ހުޅުވާލަމުންނެވެ. ޓޫރިޒަމާއި މުނިފޫހިފިލުވުމަކީ އާމްދަނީ އިތުރު ކުރެވޭނެ މުހިންމު ދެ ދާއިރާ ކަމަށް މުހައްމަދު ގަބޫލް ކުރައްވަ އެވެ.

ރަތް ކަނޑުގެ އައްސޭރީގައި، ޖިއްދާއާ ކައިރީގައި ކިންގް އަބްދުﷲ އިކޮނޮމިކް ސިޓީ (ކޭއޭއީސީ) ތަރައްގީ ކުރަމުން އަންނަ އީމާރު އިކޮނޮމިކް ސިޓީ (އީއީސީ) ގެ ޗީފް އެގްޒެކެޓިވް ފަހުދު އަލް ރަޝީދު ވިދާޅުވީ ޖޭޒް ފެސްޓިވަލުގައި ބޭރުގެ މިއުޒީޝަނުން ވެސް ބައިވެރިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވިސާ ދޫކުރުގެ މިހާރުގެ އުސޫލު އޮންނަ ގޮތުން ބޭރުގެ ބޮޑު އޯޑިއެންސަކަށް ފެސްޓިވަލުން ޖާގަ ދެވިދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެކަމަކު ސައުދީ މީހުން ގިނަ އަދަދަށް ފެސްޓިވަލުގެ ޓިކެޓް ގަންނާނެ ކަމަށެވެ.

ސައުދީގެ އިންޑަސްޓްރިއަލް ސިޓީ 2005 ވަނަ އަހަރު ފެށީ މެނުފެކްޗާރިން ދާއިރާ އަށް އަމާޒުކޮށްގެން ކަމަށް ވިޔަސް މިހާރު ބޮޑަށް ބަލަނީ ޓޫރިޒަމްގެ ފެސިލިޓީޒް ގާއިމް ކުރުމަށެވެ. ކޭއޭއީސީ އަށް މި އަހަރު ޒިޔާރަތް ކުރި މީހުން ވަނީ ތިން ލައްކަ އަށް އަރައިފަ އެވެ. މިދިޔަ އަހަރު އެ ސިޓީ އަށް ޒިޔާރަތް ކުރީ 170،000 މީހުންނެވެ. ކޭއޭއީސީގައި މިހާރު ދެ ހޮޓާ ހުރި ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް 10 ހޮޓާ ހަދަން ވަނީ ގަސްދުކޮށްފަ އެވެ.