ވޮޝިންޓަން (އެޕްރީލް 20) - ވޯލްޑް ބޭންކުގެ ރައީސްގެ މަގާމު ބައްޕާފުޅު ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެ މަގާމަށް އެއްބަސްނުވީ ކަމަށް އިވަންކާ ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރައީސް ޓްރަމްޕް މިދިޔަ މަހު ވިދާޅުވީ ވޯލްޑް ބޭންކުގެ އެންމެ މަތީ މަގާމު ދަރިކަނބަލުންނަށް ހުށަހެޅުއްވި ކަމަށެވެ. ސަބަބަކީ އިވަންކާ އަކީ "ނަމްބަރުތަކަށް ވަރަށް ކުޅަދާނަ" މީހަކަށްވާތީ ކަމަށެވެ. ދަރިކަނބަލުންނަކީ ވަރަށް ގިނަ ވަޒީފާތަކަށް އެކަށޭނަ މީހެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭގެ ތެރޭގައި އދ.ގެ ސަފީރު ކަމަށް ވެސް އޭނާ އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

އެހެން ވަޒީފާއެއް ބައްޕާފުޅު ހުށަހެޅުއްވިތޯ ނޫސްވެރިން ސުވާލު ކުރުމުން އިވަންކާ ވިދާޅުވީ އެކަން ބާއްވާނީ ސިއްރެއްގެ ގޮތުގައި ކަމަށެވެ.

އިވަންކާ ވިދާޅުވީ ވޯލްޑް ބޭންކުގެ ރައީސްގެ މަގާމު ހުށަހެޅުއްވުމުން އެކަމަނާ ދެއްވި ޖަވާބަކީ ވައިޓް ހައުސްގެ އެޑްވައިޒަރެއްގެ ގޮތުން މިހާރު ކުރާ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ވޯލްޑް ބޭންކުގެ ރައީސްގެ މަގާމަށް ވަނީ އެމެރިކާގެ އިކޮނޮމިސްޓެއް ކަމަށްވާ ޑޭވިޑް މަލްޕާސް ހަމަޖައްސައިފަ އެވެ. ވޯލްޑް ބޭންކުގެ ރައީސްގެ މަގާމަށް މީހަކު ހޮވުމުގެ އިޚްތިޔާރު އޮންނަނީ އެމެރިކާއަށެވެ.