ވޮޝިންޓަން (ޖެނުއަރީ 15) - ވޯލްޑް ބޭންކުގެ ރައީސްގެ މަގާމަށް މީހަކު އިޚްތިޔާރު ކުރުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އަދި އެޑްވައިޒަރު އިވާންކާ ޓްރަމްޕުގެ އެހީތެރިކަން ލިބޭ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ވޯލްޑް ބޭންކުގެ ރައީސް ޖިމް ޔޮންގް ކިމްގެ ޓާމް ނިމުމުގެ ތިން އަހަރު ކުރިން، ކުއްލި ގޮތަކަށް އިސްތިއުފާ އިއުލާން ކުރެއްވީ މިދިޔަ ހަފުތާގަ އެވެ. ކިމްގެ ބަދަލުގައި ވޯލްޑް ބޭންކުގެ ރައީސްގެ މަގާމަށް އައްޔަން ކޮށްފާނެ ކަމަށް ބެލެވުނު މީހުންގެ ތެރޭގައި އިވަންކާ ހިމެނެ އެވެ. ނަމަވެސް ވައިޓް ހައުސް އިން ބުނެފައި ވަނީ ވޯލްޑް ބޭންކުގެ ރައީސްގެ މަގާމަށް އިވަންކާ ކުރިމަތިނުލައްވާނެ ކަމަށެވެ.

ވައިޓް ހައުސްގެ ޑިޕިއުޓީ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ޖެސިކާ ޑިރޯ ވިދާޅުވީ ޓްރެޝަރީ ސެކްރެޓަރީ ސްޓީވް ނުޗިން އަދި ވައިޓް ހައުސްގެ ޗީފް އޮގް ސްޓާފް މިކް މުލްވަނީ، ވޯލްޑް ބޭންކަށް ރައީސަކު ހޮވުމުގައި އިވަންކާގެ އެހީތެރިކަމަށް އެދިވަޑައިގެންފައި ކަމަށެވެ.

ލަންޑަންގެ ފައިނޭންޝަލް ޓައިމްސް އިން ބުނެފައި ވަނީ އިވަންކާގެ އިތުރުން އެމެރިކާގެ ކުރީގެ އދ. ސަފީރު ނިއްކީ ހޭލީ އަކީ ވެސް ވޯލްޑް ބޭންކުގެ ރައީސް ކަމަށް ވަޑައިގެންފާނެ ކެންޑިޑޭޓުން ކަމަށެވެ. އެހެން ނަންތަކުގެ ތެރޭގައި ޓްރެޝަރީ އަންޑަސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އެފެއާޒް ޑޭވިޑް މަލްޕާސް އަދި ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް މާކް ގްރީން ހިމެނޭ ކަމަށެވެ.

އާއްމު ގޮތެއްގައި ވޯލްޑް ބޭންކަށް ރައީސަކު އިޚްތިޔާރު ކުރަނީ އެމެރިކާ އިންނެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރައީސްގެ މަގާމަށް ބޭފުޅަކު އިޚްތިޔާރު ކުރަނީ ޔޫރަޕުންނެވެ.