ވޮޝިންޓަން (ޖުލައި 22) - އެމެރިކާގެ އެސްޓްރޮނޯޓް ނީލް އާމްސްޓްރޯންގް 1969 ވަނަ އަހަރު ހަނދަށް ގެންދިޔަ އެމެރިކާ ދިދަ ނީލަން ކިޔަން ނިންމައިފި އެވެ.

ހަނދުގައި ފުރަތަމަ ހިނގި ކަމަށް ބުނާ އާމްސްޓްރޯންގް ރައްކާކޮށްފައި ހުރި ތާރީޚީ ތަކެތި ނީލަން ކިޔުން އޮންނާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ނީލަން އޮންނާނީ އަންނަ ނޮވެމްބަރު 1 ގަ އެވެ. އަދި އަންނަ އަހަރުގެ މެއި މަހާއި ނޮވެމްބަރު މަހު ވެސް ނީލަން ކުރިއަށްދާނެ އެވެ.

ޑަލަސްގެ ހެރިޓޭޖް އޮކްޝަން އިން ބުނީ އާމްސްޓްރޯންގް 1969 ވަނަ އަހަރު އެޕޯލޯ 11 ގައި ހަނދަށް ކުރި މިޝަންގައި ގެންދިޔަ ވަރަށް ގިނަ ސާމާނު ނީލަން ކިޔާނެ ކަމަށެވެ. އޭގެ ތެރޭގައި އޭނާ ކިޔެވި ޕާޑިއު ޔުނިވާސިޓީގެ 100 ވަނަ އަހަރީ ދުވަހުގެ ދިދަ އާއި އދ.ގެ ދިދައަކާއި އެމެރިކާގެ ބައެއް ސްޓޭޓުތަކުގެ ދިދަ ހިމެނެ އެވެ. އަދި ހަނދުގައި ހިނގި މަންޒަރުތައް ފުރަތަމަ ރެކޯޑް ކުރި ކެމެރާ ވެސް އާމްސްޓްރޯންގް ވަނީ ރައްކާކޮށްފަ އެވެ. ނީލަން ކިޔާ އޭނާގެ އަމިއްލަ ބައެއް އައިޓަމްތަކުގެ ތެރޭގައި ބޯއީ ސްކޮޓް ތޮތްޕާއި ނާސާ އިން ދީފައިވާ ބައެއް މެޑަލްތައް ހިމެނެ އެވެ.

އާމްސްޓްރޯންގްގެ ދަރި މާކް އާމްސްޓްރޯންގް ބުނީ ބައްޕަ އެއްކޮށްފައިވާ ގިނަ އަދަދެއްގެ އައިޓަމްތަކަށް ހަދާނެ ގޮތަކާ ބެހޭ ގޮތުން އޭނާއާ މަޝްވަރާ ކޮށްފައި ނުވާނެ ކަމަށެވެ.

"އެ އައިޓަމްތަކާ މެދު ބައްޕާ މާބޮޑަށް ވިސްނިހެން ހިއެއް ނުވޭ. ހުރިހާ އައިޓަމެއް ވެސް ވަނީ ރައްކާކޮށްފައި. އެއީ އެ ތަކެތި ރައްކާ ކުރުމުގެ މުހިންމުކަން ބައްޕަ އަށް ވިސްނޭތީ،" މާކް އާމްސްޓްރޯންގް ބުންޏެވެ.

ނީލް އާމްސްޓްރޯންގް މަރުވީ 2012 ވަނަ އަހަރު އެވެ.