ރިޔާޒް (ފެބްރުއަރީ 9) - އިންޑިއާގައި ދޫނި ރޯގާ އުޅޭތީ އެ ގައުމުގެ ދިރޭ ކުކުޅާއި ފިނިކުރި ކުކުޅު އަދި ކުކުޅު ބިސް ސައުދީ އަރަބިއާ އަށް އެތެރެ ކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށް ސައުދީގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ރިޕޯޓަކާ ހަވާލާދީ ވޯލްޑް އޮގަނައިޒޭޝަން ފޯ އެނިމަލް ހެލްތު (އޯއައިއީ) އިން ބުނެފައި ވަނީ ބެންގަލޫރާ ކައިރި ހިސާބުތަކުން ދޫނި ރޯގާ ފެނިފައިވާ ކަމަށެވެ. އޯއައިއީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެޗް5އެން8 ފެނިފައި ވަނީ ދަސަރަހައްލީ އަވަށުން ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.

ސައުދީ އަރަބިއާގެ އެންވަޔަރްމެންޓް، ވޯޓާ އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުނީ އިންޑިއާގެ ކުކުޅު އެތެރެ ކުރުން މަނާކޮށްފައި ވަނީ ޕެރިހުގައި ހުންނަ އޯއައިއީގެ އިންޒާރާ ގުޅިގެން ކަމަށެވެ.