އިންޑިއާގެ ޗެއްނާއީގައި ކާޅުތައް މަރުވަމުން ދާތީ ޓެސްޓުކުރި އިރު އެޗް5އެން1 (ދޫނިރޯގާ) އަށް ޕޮޒިޓިވްވެއްޖެ އެވެ. 

މި ނުރައްކާތެރި ބަލި ދޫނިތަކުގެ މެދުގައި ފެތުރެމުންދާކަން އެނގުމާ އެކު ޓެމިލްނާޑޫގެ އެކި ސަރަހައްދުތަކުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް އިތުރަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. 

މިދިޔަ މަހުގެ 29 އިން  މި މަހުގެ 4  އާ ދެމެދު އަދްޔާރު، ވެލަޗެރީ، ތިރުވަންމިޔޫރު އަދި އީސްޓް ކޯސްޓް ރޯޑްގައި ގަސްތަކުންނާއި އިމާރާތްތަކުގެ މަތިން ކާޅުތައް މަރުވެގެން ވެއްޓޭ ކަމުގެ ޝަކުވާ ލިބެމުން ދިޔަ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. މިގޮތަށް މަރުވި ކާޅުގެ އަދަދު 1،500 އާ ގާތްކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

ޓެމިލް ނާޑޫގައި މިހާރު ވަނީ ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އަދި ޓެމިލް ނާޑޫގައި ޕޯލްޓްރީ ފާމްތަކާއި، ވައިލްޑްލައިފް އޭރިއާތަކާއި، ދޫނި ވިއްކާ މާރުކޭޓުތައް މޮނިޓަކުރުން އިތުރުކޮށް، ބަޔޯ ސެކިއުރިޓީ އަދި ރިޕޯޓިން ސިސްޓަމް ހަރުދަނާ ކުރުމަށް ވެސް މައި ސަރުކާރުން ވަނީ ލަފާދީފަ އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގައި އެޗް5އެން1 ރޯގާގެ 11 އައުޓްބްރޭކެއް ރިޕޯޓްކޮށްފައިވެ އެވެ. 

ހެލްތު މިނިސްޓަރު މާ ސުބްރަމާނިއަން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ވެސް އަޅާފައިވާ ކަމަށެވެ.

"ހާސްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަދި ވެޓެރިނަރީ އަދި ޕަބްލިކް ހެލްތު ޓީމުތައް ގުޅިގެން ހާލަތު ވަރަށް ގާތުން މޮނިޓާ ކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ސިއްހީ އިދާރާތަކުން ވަނީ މިހާތަނަށް އެއްވެސް މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ ކަމުގެ ޔަގީންކަން ދީފަ އެވެ.

އިންސާނުންނަށް މި ބަލި ޖެހެން އާންމު ގޮތެއްގައި ދިމާވަނީ ބަލި ޖެހިފައިވާ ދޫންޏާ ސީދާ ކޮންޓެކްޓް ވުމުންނެވެ.

މަރުވެފައި ހުންނަ ދޫނީގައި އަތް ނުލުމަށާއި ކުކުޅާއި އެ ބާވަތުގެ ދޫނިސޫފާސޫފީގެ މަސް ރަނގަޅަށް ކައްކައިގެން ނޫނީ ނުކެއުމަށް އޮފިޝަލުން ވަނީ ލަފާ ދީފަ އެވެ.