ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް، ބައިނޭންސް ހެކްކޮށް، ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު ޑިޖިޓަލް ވައްކަމުގެ ފަހަތުގައިވަނީ އުތުރު ކޮރެއާ ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި އިން ރަސްމީކޮށް ތުހުމަތުކޮށްފި އެވެ.

މި ބޮޑު ސައިބާ ހަމަލާއާ އެކު، ހުކުރު ދުވަހު ދުނިޔޭގެ ކްރިޕްޓޯ މާކެޓަށް ބޮޑު ލޮޅުމެއް އަރައި، އަގުތައް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެފްބީއައި އިން ނެރުނު ބަޔާނެއްގައި ބުނީ، އޮކްޓޯބަރު 29 ގައި ބައިނޭންސުން 6 ބިލިއަނަށް ވުރެ ގިނަ ޔޫއެސް ޑޮލަރުގެ ވާޗުއަލް އެސެޓްސް އަތުލައިގަތް މި ހަމަލާގެ ފަހަތުގައި ވަނީ އުތުރު ކޮރެއާއާ ގުޅުން އޮންނަ "ޓްރޭޑާޓްރެއިޓާ"  ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕެއް ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބައިބިޓް ޕްލެޓްފޯމުން 1.5 ބިލިއަން ޑޮލަރު ވަގަށް ނެގި ގްރޫޕް ވެސް މެ އެވެ. މި ގްރޫޕަކީ މަޝްހޫރު ލާޒަރަސް ގްރޫޕްގެ ބައެއް ކަމަށް ބެލެވެ އެވެ.

 އެފްބީއައި އިން ހާމަކުރި ގޮތުގައި ހެކަރުން ވަނީ ވަގަށް ނެގި ފައިސާ އެތީރިއަމް އަށް ބަދަލުކޮށްފަ އެވެ. މި ފައިސާ ދެން ލޯންޑާ ކުރާނީ ޑިސެންޓްރަލައިޒްޑް ފައިނޭންސް އަދި އިންސްޓަންޓް ސްވޮޕް ހިދުމަތްތައް ބޭނުންކޮށްގެން ކަމަށް އެފްބީއައި އިން ލަފާކުރެ އެވެ.

ހެކަރުން ފައިސާ ލޯންޑާ ކުރަން ބޭނުންކުރާ އެޑްރެސްތަކާ އެކު ކުރާ މުއާމަލާތްތައް ހުއްޓުވުމަށް އަމިއްލަ ފަރާތްތަކަށް އެފްބީއައި އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ހަމަލާއާ އެކު، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ކްރިޕްޓޮގްރަފީ އަދި އައިޓީ ސެކިއުރިޓީއަށް ހުރި ނުރައްކާ ބޮޑުވަމުންދާ ކަމުގެ ކަންބޮޑުވުން ތަޖުރިބާކާރުން ދަނީ ފާޅުކުރަމުންނެވެ.

ކަސްޓަމަރުންގެ ފައިސާއަށް ވީ ކިހިނެއް؟

މި ހާދިސާއާ ގުޅިގެން ބައިނޭންސް އިން އެކްސް އެކްސްގައި ބުނީ، ގެއްލުމުގެ ބަދަލު ދިނުމަށް ކުންފުނީގެ އަމިއްލަ ފަންޑުން 6.34 ބިލިއަން ޑޮލަރު ހާއްސަކޮށްފައިވާ ކަމަށެވެ. އަދި ގެއްލުނު ފައިސާގެ 90 ޕަސެންޓް ޓޯކަންސް ކުންފުނީގެ ފައިސާއިން ގަނެ މިހާރު ވެސް ވަނީ އިއާދަކޮށްފަ އެވެ. ބާކީ 10 ޕަސެންޓަކީ މާކެޓުގައި ދައުރުވުން މަދު (ލެސް ލިކުއިޑް) ޓޯކަންސްތަކަކަށް ވުމުން، އެ ތަކެތި ހޯދަން ވަގުތު ނަގާނެ ކަމަށް ބުނެފައިވެ އެވެ.

މި ހަމަލާއާ އެކު މެދުކަނޑާލި، ފައިސާ ނެގުމުގެ ހިދުމަތްތައް އާދިއްތަ ދުވަހު އަލުން ހުޅުވާލާނެ ކަމަށް ބައިނޭންސް އިން ބުނެ އެވެ.

މި ހާދިސާއާ އެކު ބިޓްކޮއިންގެ އަގު 5 ޕަސެންޓް، އެތީރިއަމް 6 ޕަސެންޓް އަދި ބައިނޭންސްގެ އަމިއްލަ ކޮއިން ކަމަށްވާ ބީއެންބީގެ އަގު ވަނީ 10 ޕަސެންޓަށް ވެއްޓިފަ އެވެ.