ބައިނޭންސް އިން ގާތްގަނޑަކަށް 6.3 ބިލިއަން އެމެރިކާ ޑޮލަރުގެ ކްރިޕްޓޯކަރަންސީ ހެކްކޮށްފި އެވެ. މިއީ ސައިބާ ވައްކަމުގެ ތާރީހުގައި ވެސް މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަމުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

މި ސައިބަ ހަމަލާއާ ގުޅިގެން ބައިނޭންސް އިން ވަނީ ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. 

މި ހަމަލާ ދީފައިވަނީ ބައިނޭންސްގެ އިންޖިނިއަރެއްގެ ލެޕްޓޮޕް މެދުވެރިކޮށް، ސާވިސް ކޮންޓެއިނަރަކަށް ވަދެގެން ކަމަށް ބައިނޭންސްގެ އިބްތިދާއީ ތަހުގީގުން ދައްކަ އެވެ. 

ބައިނޭންސް އާއި ބްލޮކްޗެއިން ސެކިއުރިޓީ އިދާރާތަކުން ގުޅިގެން ކުރި އަވަސް މަސައްކަތުން ވަނީ ވަގަށް ނެގި ފައިސާގެ ތެރެއިން ތިން ބިލިއަން ޑޮލަރު ފްރީޒް ކުރެވިފަ އެވެ.   ބައިނޭންސުން ބުނީ ކަސްޓަމަރުންނަށް ލިބުނު ހުރިހާ ގެއްލުމެއް ކުންފުނީގެ އަމިއްލަ ފަންޑުތަކާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ރިޒާވް ބޭނުންކޮށްގެން ހަމަޖައްސައިދޭނެ ކަމަށެވެ. 

ބައިނޭންސްގެ ކޯ-ފައުންޑާ ޔީ ހޭ ވިދާޅުވީ، ސެކިއުރިޓީ ސިސްޓަމްތައް އަޕްގްރޭޑް ކުރުމަށްފަހު، ފައިސާ ނެގުމުގެ ހިދުމަތް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އަލުން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

ބްލޮކްޗެއިން އިންޓެލިޖެންސް އިދާރާއެއް ކަމަށްވާ ޓީއެމްއާރް ލެބްސްއިން ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ އުތުރު ކޮރެއާގެ ސަރުކާރުގެ އެހީތެރިކަމާ އެކު ހިންގާ ހެކަރުންގެ ލެޒަރަސް ގްރޫޕާ ގުޅުން އޮންނަ އެލީޓް ޔުނިޓެއް ކަމަށްވާ "ޓްރޭޑް ޓްރެއިޓާ" އިން ކަމަށެވެ. މިފަދަ ބޮޑެތި ވައްކަންތަކުން ލިބޭ ފައިސާ އުތުރު ކޮރެއާއިން ބޭނުންކުރަނީ ހަތިޔާރު އުފެއްދުމަށާއި ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އދ. ގައި ހުންނަ އުތުރު ކޮރެއާގެ މިޝަނަށް މި މައްސަލައިގައި ބަހެއް ހޯދުމަށް ސީއެންއެން އިން ގުޅުމުން އަދި އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް، މީގެ ކުރިން ކުރި މިފަދަ ހެކްތަކުގެ ހުރިހާ ތުހުމަތުތަކަކަށް އުތުރު ކޮރެއާއިން ވަނީ އިންކާރުކޮށްފަ އެވެ.

މި ހާދިސާގެ ޚަބަރު ފެތުރުމާ އެކު ކްރިޕްޓޯ މާކެޓަށް ބޮޑު ސިހުމެއް ލިބި، ބިޓްކޮއިން  ގެ އަގު 5 ޕަސެންޓް ވެއްޓި، މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް 77,000 ޑޮލަރަށް ވުރެ ދަށަށް ދިޔަ އެވެ. ނަމަވެސް ފަހުން އަގުތައް ވަނީ ކުޑަކޮށް މައްޗަށް ޖެހިލައިފަ އެވެ.

މީގެ ކުރިން ކްރިޕްޓޯގެ ތާރީހުގައި ހިންގި އެންމެ ބޮޑު ވައްކަމަކީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބައިބިޓް  އެކްސްޗޭންޖުން އުތުރު ކޮރެއާގެ ހެކަރުން ވަގަށް ނެގި 1.5 ބިލިއަން ޑޮލަރެވެ. އިއްޔެގެ ހަމަލާއަކީ އޭގެ ހަތަރު ގުނަ ބޮޑު ވައްކަމެކެވެ.