ފާރްސީ ކަނޑުގައި ދެ ގައުމުގެ މެދުގައި ބަދަލުކުރަމުންދިޔަ ވަރުގަދަ އަސްކަރީ ހަމަލާތަކަށް ފަހު، އެމެރިކާ އާއި އީރާނުން "މިވަގުތަށް" ހަމަލާދިނުން ހުއްޓާލައި ފަހަތަށް ޖެހުމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ގައުމުން މިގޮތަށް ނިންމީ މަސްރަހު ފިނިކޮށް، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އަމާންކަން ދިނުމަށެވެ. އަދި މިއީ ކުއްލި ސިޔާސީ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި އެއްބަސްވުމާ އެކު، ދެ ފަރާތުން ވެސް އެއްބަޔަކު އަނެއްބަޔަކަށް އަމާޒުކޮށް ހަމަލާދިނުން ވަގުތުން ހުއްޓާލައި، އިގްތިސާދީ ގޮތުން މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހޮރްމޫޒްގެ ޝިޕިން ޗެނަލްތައް މިހާރު ވަނީ އަލުން ހުޅުވާލައިފަ އެވެ. މީގެ އިތުރުން ކުރިން ސޮއިކޮށްފައިވާ 14 ނުކުތާގެ އެއްބަސްވުމާ (އެމްއޯޔޫ) އާ ބެހޭ ފަންނީ މަޝްވަރާތައް އަލުން ކުރިއަށްގެންދަން ވެސް ދެ ގައުމުން ވަނީ ނިންމައިފަ އެވެ.

މި ބަދަލާ އެކު، ގަތަރުގެ ދޯހާގައި އަންގާރަ ދުވަހު ދެ ގައުމުގެ އިސް ވަފުދުތައް ބައްދަލުކޮށް، ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ މެދު ކުއްލި މަޝްވަރާތަކެއް ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.

ފާރްސި ކަނޑުގެ މަސްރަހު އެންމެ ބޮޑަށް ގޯސްވީ މި މަހުގެ 17 ގައި ދެ ގައުމުގެ މެދުގައި ގާއިމުކުރި ވަގުތީ ސުލްހައިގެ އެއްބަސްވުމާ ހިލާފް ހަމަލާތަކާ ގުޅިގެންނެވެ. އީރާނުން ވަނީ 25 ވަނަ ދުވަހު ބޯޓަކަށް ހަމަލާ ދީފަ އެވެ. އެއާ އެކު  އެމެރިކާއިން ވަނީ އީރާނުގެ ޑްރޯން އަދި މިސައިލް ރައްކާކުރާ ގުދަންތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މީގެ ރައްދުގައި އީރާނުން ވަނީ ކުވައިތާއި ބަހުރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯނުން ހަމަލާ ދީފަ އެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ކުރީގެ އެއްބަސްވުންތަކަށް އީރާނުން އިހުތިރާމް ނުކޮށްފި ނަމަ އެ ގައުމު އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރު "ޓްރުތު ސޯޝަލް" މެދުވެރިކޮށް ދެއްވައިފަ އެވެ.

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި، ބަހުރޭން އަދި ކުވައިތުގައި ހުރި އެމެރިކާގެ ބައެއް އަސްކަރީ މަރުކަޒުތަކަށް އީރާނުގެ ހަމަލާތަކުގެ ސަބަބުން ގެއްލުންތަކެއް ލިބުނަސް، މި ހަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. އަދި ބޮޑު ގެއްލުމަކީ ކުރިމަތިލާންޖެހިފައި ނުވާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

ސްވިޓްޒަލޭންޑްގައި ކުރިން ބޭއްވުމަށް ތާވަލްކުރި ނިއުކްލިއާ މަޝްވަރާތައް މިހާރު ވަނީ ހަމަލާތަކާ ގުޅިގެން ކެންސަލްކޮށްފަ އެވެ. އަދި ދޯހާގައި ބާއްވާ ކުއްލި ސަމިޓް މިހާރު ހާއްސަކޮށްފައި ވަނީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ބެހޭ ކަންކަމަށް ހާއްސަކޮށް އަސްކަރީ ހޮޓްލައިނެއް ގާއިމުކުރުމަށާއި، މިހާރު އޮތް ވަގުތީ ސުލްހަ ދެމެހެއްޓުމަށެވެ.