މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއާ ދެމެދު އިބްތިދާއީ އެއްބަސްވުމެއްގައި ސޮއިކުރި ފަހުން، ހޮރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ބެހޭގޮތުން އުމާނާ އެކު ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނެފި އެވެ.
މިލްކުވެރިކަމަށް އީރާނާއި އުމާނުން ވެސް ދައުވާކުރާ މި ކަނޑުއޮޅިއަކީ ގަލްފުގެ ހަކަތަ އެކްސްޕޯޓަށް ބޭނުންކުރާ މުހިންމު މަގެކެވެ. ހަނގުރާމައިގެ ތެރޭގައި އީރާނުން އޮތީ މި މަގު ބަންދުކޮށްފަ އެވެ.
"މަސްކަޓަށް ކުރި ދަތުރެއްގައި، ޖޮއިންޓް ހޮރްމޫޒް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފައި،" ބައްދަލުވުން ބޭއްވި ތާރީހު ހާމަނުކޮށް، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒެމް ޣަރީބްއާބާދީ 'އެކްސް' ގައި ވިދާޅުވި އެވެ.
"ކަނޑުއޮޅިއާ ގުޅުންހުރި މިހާރުގެ މައްސަލަތައް މުރާޖައާ ކުރަމުން، މުސްތަގުބަލުގައި އެތަން މެނޭޖްކުރާނެ ގޮތްތަކާ މެދު ހިޔާލު ބަދަލުކުރި" ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނާއި އޮމާން ވަކިކޮށްދޭ، ގާތްގަނޑަކަށް 30 ކިލޯމީޓަރު (18 މޭލު) ފުޅާ ކަނޑުގެ ހަނި ސަރަހައްދެކެވެ.
މި ކަނޑުއޮޅީގެ މުސްތަގުބަލަކީ ހަނގުރާމަ ހުއްޓާލުމަށް އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި އެންމެ ބޮޑަށް ހިޔާލުތަފާތުވި އެއް ކަންތަކެވެ.
ހަނގުރާމައިގެ ކުރިން ނުނަގާ "ހިދުމަތުގެ ފީތަކެއް" ނެގުމަށް އީރާނުން ވިސްނަމުންދާއިރު، އެމެރިކާއިން އެކަމާ ދެކޮޅު ހަދަ އެވެ. އެމެރިކާއިން ވަކާލާތު ކުރަނީ ހޮރްމުޒަކީ ބައިނަލްއަގުވާމީ ކަނޑުގެ މަގެއްގެ ގޮތުގަ އެވެ.
އުމާނުން މިކަމުގައި މިހާރު ގެންގުޅޭ ސިޔާސަތު ސާފެއް ނޫނެވެ.
މިދިޔަ އަންގާރަ ދުވަހު އީރާނުގެ އޮފިޝަލުން ކުރެއްވި ޒިޔާރަތަކަށްފަހު، އުމާނާއި އީރާނުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ތަނުގައި ކަނޑުއޮޅި ބެލެހެއްޓުމަށް ހިނގާނެ ހަރަދުތަކާ ބެހޭގޮތުން ދިރާސާކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް، އެ ހަފުތާގެ ފަހުކޮޅު އުމާނުން ވަނީ "ކަނޑުއޮޅި ހުރަސްކުރުމުގެ ފީއެއް" ނެގުމަށް ރާވާފައި ނުވާނެ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ. އަދި އެގައުމުގެ އައްސޭރިފަށާ ކައިރިން "ވަގުތީ ކޮރިޑޯއެއް" އދ. އާ ގުޅިގެން ހުޅުވާލާފައިވާކަން އިއުލާނުކުރި އެވެ.
މިކަމަށް ރައްދުދެމުން އީރާނުން ބުނީ، ހުއްދަ ދެވިފައިވާ ހަމައެކަނި މަގަކީ އެގައުމުގެ އައްސޭރިފަށުންދާ ކޮރިޑޯ އެކަނި ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާދީއްތަ ދުވަހު އިންޒާރު ދެއްވި ގޮތުގައި، އެހެން މަގުތައް ބޭނުންކުރަން އުޅުމަކީ ސަރަހައްދީ "ނުތަނަވަސްކަން އިތުރުވެގެންދާނެ" ކަމެކެވެ.
މި ނުތަނަވަސްކަން ބޮޑުވެފައިވަނީ، އީރާނުން ކަނޑުއޮޅީގެ ތެރޭގައި އޮތް ވިޔަފާރި އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެން، އެމެރިކާއިން އީރާނުގެ އައްސޭރިފަށުގެ އަމާޒުތަކަށް ރައްދު ހަމަލާދިން ހާދިސާއަކަށް ފަހުގަ އެވެ.
އީރާނާއި އެމެރިކާއިން ވެފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ، "ބައިނަލްއަގުވާމީ ގާނޫނުތަކާއި ހޮރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގެ ގައުމުތަކުގެ ސިޔާދަތީ ހައްގުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފާރްސީ ކަނޑުގެ އެހެން ގައުމުތަކާ މަޝްވަރާކޮށްގެން، ހޮރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލުގެ އިދާރީ ހިންގުމާއި މެރިޓައިމް ހިދުމަތްތައް ކަނޑައެޅުމަށްޓަކައި އީރާނުން އުމާނާ އެކު މަޝްވަރާކުރާނެ" ކަމަށެވެ.
އެ ލިޔުމުގައިވާ ގޮތުން، އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން "60 ދުވަހުގެ މުއްދަތަށް" އޮންނާނީ ކަނޑުއޮޅިން ދަތުރުކުރަން އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ. ނަމަވެސް އެ މުއްދަތަށްފަހު ވާނެގޮތެއް އަދިވެސް ސާފެއް ނުވެ އެވެ. -- އޭއެފްޕީ