އީރާނުގެ ހުޅަނގު އުތުރުގައި އޮންނަ ޒަންޖާން ޕްރޮވިންސްގައި ނުގޮވައި ހުރި ގޮވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެއްޗެއް ގޮވައި އިރާންގެ އިންގިލާބީ ލަޝްކަރުގެ 14 މީހަކު މަރުވެއްޖެ އެވެ.
"ދުޝްމަނުންގެ ވައިގެ ހަމަލާތަކުގައި ކްލަސްޓާ ބޮމާއި ވައިގެ މަގުން އަޅާ މައިނު ބޭނުންކުރުމުގެ ސަބަބުން ޒަންޖާން ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކާއި، ގާތްގަނޑަކަށް 1،200 ހެކްޓަރުގެ ދަނޑުބިންތައް ވަނީ ނުރައްކާތެރި ގޮވާތަކެތިން ފުރިފައި. ރިވޮލިއުޝަނަރީ ގާޑުގެ ހާއްސަ ޓީމުތަކުން އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 15،000 އަށްވުރެ ގިނަ ތަކެތި ވަނީ ނައްތާލާފައި،" އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާ ހަވާލާދީ ފާސް ނިއުސް އެޖެންސީން ބުންޏެވެ.
ނަމަވެސް ހުކުރު ދުވަހު ކުރިއަށްދިޔަ އެފަދަ އޮޕަރޭޝަނެއްގެ ތެރޭގައި 14 ސިފައިން މަރުވެ ސިފައިންގެ ދެ މީހަކު ޒަހަމްވެފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
ކްލަސްޓާ ބޮމަކީ ވައިގެ ތެރޭގައި ގޮވައި، އެއިން ކުދި ބޮންތަކެއް އެކި ދިމާއަށް ފެތުރިގެންދާ އެއްޗެކެވެ. މީގެ ތެރެއިން ބައެއް ބޮންތައް ނުގޮވައި ހުރުމުގެ ސަބަބުން، އެތައް އަހަރެއް ވަންދެން އާންމުންނަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ އެވެ. އީރާނުން މީގެ ކުރިން ވެސް އެމެރިކާ އާއި އިޒްރޭލުން މިފަހަރުގެ ހަމަލާތަކުގައި ކްލަސްޓާ ބޮން ބޭނުންކުރި ކަމުގެ ތުހުމަތުކޮށްފައިވެ އެވެ.
އޭގެ އިތުރުން، އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކުގައި ކްލަސްޓާ ބޮން ބޭނުންކޮށްފައިވާ ކަމަށް އިޒްރޭލުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
ކްލަސްޓާ ބޮން ބޭނުންކުރުމާއި، އުފެއްދުމާއި އަދި ރައްކާކުރުން މަނާކުރާ 2008 ވަނަ އަހަރުގެ ބައިނަލްއަގްވާމީ މުއާހަދާގައި 100 އަށްވުރެ ގިނަ ގައުމު ބައިވެރިވެފައިވެފައި ވިޔަސް އީރާނާއި އިޒްރޭލު އަދި އެމެރިކާ އިން މި މުއާހަދާގައި ސޮއެއް ނުކުރެ އެވެ.
އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތައް މި ވަގުތު ވަނީ މެދުކަނޑާލައިފަ އެވެ. ސުލްހައިގެ މަޝްވަރާތައް ހުއްޓިފައި ވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ހަމަ ކޮންމެ ވަގުތެއްގައި ވެސް އަލުން ހަނގުރާމަ ފެށިދާނެ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ