އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މެދުވެރިއެއްގެ ދައުރެއް އަދާކުރަމުން އަންނަ ޕާކިސްތާނު މެދުވެރިކޮށް، އީރާނުން ސުލްހައިގެ އާ ހުށަހެޅުމެއް އެމެރިކާއަށް ހުށަހަޅައިފި އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި، މި ހުށަހެޅުމުގެ ލިޔުންތައް ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިސްލާމްއާބާދާ ވަނީ ހަވާލުކޮށްފަ އެވެ. މި ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ހަނގުރާމަ ނިމުމަކަށް ގެނެސް، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކަކަށްފަހު ފެށުނު މި ހަނގުރާމަ، އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން އޮތީ އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލައިފަ އެވެ. ނަމަވެސް، އޭގެ ފަހުން ކުރިއަށްދިޔަ ސީދާ މަޝްވަރާތަކަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ.

އީރާނުގެ ހުށަހެޅުމުގައި އިސްކަންދީފައިވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ކަނޑުގެ ދަތުރުފަތުރުގެ ހުރަސްތައް ނައްތާލުމަށެވެ. އަދި ނިއުކްލިއާ މަޝްވަރާތައް ފަހުގެ މަރުހަލާއަކަށް މަޑުޖައްސާލުމަށް ވެސް ހުށަހަޅާފައިވެ އެވެ.

އީރާނުގެ ޖުޑިޝަރީގެ ވެރިޔާ ޣުލާމްހުސައިން މޮހްސެނީ އެޖާއީ ވިދާޅުވީ، އީރާނުން މަޝްވަރާތަކާ ދުރަށް ނުދާ ކަމަށާއި ހަނގުރާމައެއް ކުރުމަށް ނޭދޭ ކަމަށެވެ. ނަމަވެސް، އީރާނުގެ މިނިވަންކަމަށް އަރައިގަންނަ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ތެލާއި ގޭހުގެ ސަޕްލައިއަށް ބޮޑު ހުރަހެއް ކުރިމަތިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 50 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ސުލްހައިގެ ވާހަކަ އަކުން ދެކެވެން ފެށި އިރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމައަށް ރުހުން ހޯދުމުގެ މުއްދަތާ ގުޅިގެން ބަހުސްތަކެއް ވަނީ ފެށިފަ އެވެ. ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ވިދާޅުވީ، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ ސަބަބުން ހަނގުރާމައިގެ ހަމަލާތައް ހުއްޓިފައިވާތީ ގާނޫނުގައިވާ 60 ދުވަހުގެ މުއްދަތަށް މިހާރު ބަލަން ނުޖެހޭނެ ކަމަށެވެ. 

 'ވޯ ޕަވާސް ރިޒޮލިއުޝަން' ގާނޫނުގައި ބުނާ ގޮތަށް، 60 ދުވަހަށް ވުރެ ދިގުދެމިގެންދާ އަސްކަރީ ހަރަކާތްތަކަށް ރައީސް ކޮންގްރެސްގެ ރަސްމީ ހުއްދަ ހޯދަން ޖެހޭއިރު އަދިވެސް އެކަން ކޮށްފައެއް ނުވެ އެވެ. ހަނގުރާމަ ފެށިތާ 60 ދުވަހުގެ މުއްދަތު ރާއްޖޭ ގަޑިން މާދަމާ ހެނދުނު 9:00 އަށް ހަމަވާނެ އެވެ.