ފަލަސްތީނުގެ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ، ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ފްލޮޓިލާ (ބޯޓުފަހަރުތަކުގެ ގާފިލާ) އަށް އިޒްރޭލުން ހުރަސް އަޅައި އަސްކަރީ ބޯޓުތަކުން ވަށާލާފައިވާ ކަމަށް ބުނެފި އެވެ.
މި ފްލޮޓިލާގައި 50 އަށްވުރެ ގިނަ ބޯޓު ހިމެނެ އެވެ. މިއީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ފްރާންސްގެ މާސޭ، ސްޕެއިންގެ ބާސެލޯނާ އަދި އިޓަލީގެ ސިރަކިއުސް އިން ފުރައިގެން ދަތުރުކުރަމުންދާ ގާފިލާއެކެވެ.
"ގްލޯބަލް ސުމޫދު ފްލޮޓިލާ" އިން އެކްސްގައި ރޭ ދަންވަރު ބުނި ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އިޒްރޭލުގެ އަސްކަރީ ބޯޓުތަކުން އެ މީހުންގެ ގާފިލާ "ޣައިރު ގާނޫނީ ގޮތެއްގައި" ވަށާލުމަށް ފަހު ވަނީ މީހުން ވަގަށް ނެގުމަށާއި އަނިޔާވެރި އަމަލުތައް ހިންގާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
މީގެ އިތުރުން، އެ ޖަމާއަތުން ބުނި ގޮތުގައި 11 އުޅަނދަކާ މުވާސަލާތީ ގުޅުން ވެސް މިހާރު ވަނީ ކެނޑިފަ އެވެ.
އެ ޖަމާއަތުގެ ވެބްސައިޓުގައިވާ ލައިވް ޓްރެކިންއަށް ބަލާއިރު، މި ފްލޮޓިލާ މިވަގުތު އޮތީ ގްރީސްގެ އައްސޭރިފަށުގައި، ކްރީޓް ކައިރީގަ އެވެ.
"އިޒްރޭލުގެ އަސްކަރީ ލޯންޗުތަކުން އަހަރެމެންގެ ބޯޓުތަކާ ކައިރިވެ، ލޭޒަ އާއި ސެމީ އޮޓޮމެޓިކް ހަތިޔާރުން އަމާޒުކޮށް، ބޯޓުގައި ތިބި މީހުން ބޭރަށް ނުކުމެ، ކަކޫ މައްޗަށް ތިިރިވުމަށް ވަނީ އަމުރުކޮށްފައި،" އެ ޖަމާއަތުން ބުންޏެވެ.
އަދި ބޯޓުފަހަރުގެ މުއާސަލާތީ ސިގްނަލްތަކަށް ހުރަސްއަޅަމުންދާތީ، އެހީއަށް އެދި "އެސްއޯއެސް" ސިގްނަލެއް ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު، ސިޔާސީ މީހުންނާއި ސްވިޑަންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަމްބާގް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 50 ބޯޓުގެ ފްލޮޓިލާއެއް އިޒްރޭލުގެ ކަނޑުގެ ސިފައިން ވަނީ ހިފަހައްޓައިފަ އެވެ. އެއީ އިންތިޒާމުކުރި ފަރާތްތަކާއި އެމްނެސްޓީ އިންޓަނޭޝަނަލުން ބުނާ ގޮތުގައި ގާނޫނާ ހިލާފު އަމަލެކެވެ.
އެ ފަހަރު ބޯޓުތަކުގައި ތިބި މީހުން ހައްޔަރުކުރުމަށްފަހު އިޒްރޭލުން ވަނީ އެ މީހުން ޑީޕޯޓްކޮށްފަ އެވެ.
ހަމާސް އިން ވެރިކަންކުރާ ޣައްޒާގެ ސަރަހައްދު 2007 ވަނަ އަހަރުން ފެށިގެން އޮންނަނީ އިޒްރޭލުގެ ހިސާރުގަ އެވެ. ޣައްޒާގައި ދެ އަހަރު ވަންދެން ދިން ހަމަލާތަކަށް ފަހު މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހަދައިގެން ތިބި ނަމަވެސް ޣައްޒާގައި އަދިވެސް ހަމަލާދެ އެވެ. އަދި މިކަމުގެ ޒިންމާ އިޒްރޭލާއި ހަމާސް އިން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ދަނީ އަޅުވަމުންނެވެ. -- އޭއެފްޕީ