އެމެރިކާ އަދި އިޒްރޭލް ގުޅިގެން އިރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދު ދެ ހަފުތާގެ މުއްދަތަށް މެދުކަނޑާލަން އެއްބަސްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީ 250 އަށް ވުރެ ގިނަ މީހުން އިއްޔެ އެކަނި ވެސް މަރާލައިފި އެވެ.

ލުބުނާނުގެ ސިވިލް ޑިފެންސުން ބުނީ އެ ގައުމުގެ ބެކާ ވާދީ، މައުންޓް ލެބަނަން އަދި ސައިދަން ހިމެނޭހެން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ދިން މި ހަމަލާތަކުގައި 254 މީހުންމަރުވެފައިވާ ކަމަށެވެ. އަދި 1,165 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި އެވެ. މިއީ މާޗް މަހުގެ 2 ވަނަ ދުވަހު އިޒްރޭލުން ލުބުނާނުގައި ފެށި އަސްކަރީ އޮޕަރޭޝަނުގައި ދިން އެންމެ ވަރުގަދަ ހަމަލާ ތަކެކެވެ. 

ލުބުނާނުން ވަނީ މިއަދަކީ އެ ގައުމުގައި ގައުމީ ހިތާމައިގެ ދުވަހެއްކަމަށް އިއުލާންކޮށްފި އެވެ. ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވީ، އިޒްރޭލުގެ މި ލޭއޮހޮރުވުންތައް ހުއްޓުވުމަށްޓަކައި ލުބުނާނުގެ ސިޔާސީ އަދި ޑިޕްލޮމެޓިކް ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފާނެ ކަމަށެވެ.

އިޒްރޭލުގެ މި އަނިޔާވެރި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ބައިނަލްއަގުވާމީ މުޖުތަމައުން މިކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ބޮޑުވަޒީރު ނަވާފް ގޮވާލެއްވި އެވެ.

ލުބުނާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަބީހް ބެރީ މި ހަމަލާތައް ސިފަކުރެއްވީ  "ހަނގުރާމައިގެ ޖަރީމާއެއް" ގެ ގޮތުގައެވެ. 

 "މިއަދުގެ މި ޖަރީމާއަކީ ބައިނަލްއަގުވާމީ މުޖުތަމައަށް ކުރިމަތިލާން ޖެހިފައިވާ ސީރިއަސް އިމްތިހާނެއް. އިޒްރޭލުން ދަނީ ކޮންމެ ދުވަހަކު ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުން،" އޭނާ ވިދާޅުވި އެވެ.

މި ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސް އިލިއާސް ޗްލޭލާ ވަނީ ޒަހަމްވެފައިވާ މީހުންނަށް ލޭ ފޯރުކޮށް ދިނުމަށް އާންމުންގެ އެހީ އަށް އެދިފަ އެވެ. 

އިރާނަށް ދޭ ހަމަލާތައް މެދުކަނޑާލުމަށް މެދުވެރިއެއްގެ ދައުރު އދާކުރެއްވި ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގައި ލުބުނާނާއި އެހެން ސަރަހައްދުތައް ވެސް ހިމެނޭ ކަމަށެވެ. 

އިޒްރޭލުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ ބުނީ، އީރާނާއެކު ވެފައިވާ އެއްބަސްވުމުގައި ލުބުނާނު ނުހިމެނޭ ކަމަށާއި، ހިޒްބުالله އަށް ހަމަލާދިނުން ކުރިއަށް ގެންދާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ލުބުނާނަކީ ވަކި މައްސަލައް ކަމަށް ބުނެ، އެއީ އެއްބަސްވުމުގެ ބައެއް ނޫން ކަމަށް ބުނެފަ އެވެ.