އެމެރިޚާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދެ ހަފުތާ އަށް ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުމުގައި ލުބުނާން ނުހިމެނޭނެ ކަމަށް ބުނެ އިޒްރޭލު ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލަން ދެކޮޅު ހަދައިފި އެވެ.
އިޒްރޭލްގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނިގޮތުގައި އިރާނާ އެކު ވެފައިވާ މި އެއްބަސްވުމުގެ ދަށުން ހަމަލާތައް މެދުކަނޑާލަން ނިންމީ އީރާނުން ކަނޑުއޮޅިތައް ހުޅުވާލައި އެމެރިކާ އާއި އިޒްރޭލަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޝަރުތުކޮށްފަ އެވެ. އޭނާގެ އޮފީހުން ބުނީ ލުބުނާން އެ ލިސްޓްގައި ނުހިމެނޭ ކަމަށެވެ.
ނަމަވެސް އެއްބަސްވުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު ހެނދުނު ވިދާޅުވީ މި ސުލްހައިގެ އެއްބަސްވުމަކީ ލުބުނާނާއި އެހެނިހެން ސަރަހައްދުތައް ވެސް ހިމެނޭ ގޮތަށް މުޅި ސަރަހައްދަށް އަމަލުކުރެވޭނެ އެއްބަސްވުމެއް ކަމަށެވެ.
ސުލްހައިގެ އެއްބަސްވުމާ މެދު އިޒްރޭލުން ހިޔާލު ތަފާތެވެ. އިޒްރޭލުން ދަނީ ލުބުނާނުގެ ދެކުނުގެ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފަ އެވެ.
ލުބުނާނުގެ މިޑީއާތަކުން ބުނީ އިޒްރޭލު ސިފައިން ވަނީ ލުބުނާނުގެ ދެކުނުގައިވާ ބަރާޗިތު ކިޔާ ރަށަކަށް އަމާޒުކޮށް ހަމަލާތަކެއް މިއަދު ވެސް ދީފައި ކަމަށެވެ. މިއީ ސަރަހައްދީ ސުލްހައިގެ އެއްބަސްވުމުގައި ލުބުނާން ނުހިމެނޭނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ހާމަކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދިން ހަމަލާތަކެކެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ވައިގެ ސިފައިން ވަނީ ލުބުނާނުގައި އޮންނަ ގްލައިލޭ ކިޔާ ރަށެއްގައި ދަތުރުކުރި އެމްބިއުލާންސަކަށް ވެސް ހަމަލާ ދީފަ އެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީ ބުނީ އިޒްރޭލުން ގަސްދުގައި އެ ގައުމުގެ މެޑިކަލް ޓީމުތަކަށާއި ސަލާމަތީ މަސައްކަތްތެރިންނަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށެވެ.