އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ލޮޅުންތައް އެންމެ ބޮޑަށް އަރަމުން ދަނީ ދުނިޔޭގެ ތެލުގެ ބާޒާރަށެވެ. އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި އުދުވާނުގެ ރައްދުގައި، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސް ޕަސެންޓު ދައުރުވާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ވަނީ މުޅިންހެން ބަންދުކޮށްފަ އެވެ. އެކަމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް މަތިވެ، އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ އިގްތިސާދަށް ވަނީ ކޮށްފަ އެވެ.
ދިގުލައިގެން ގޮސްފައިވާ އެ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރި އިންޑަސްޓްރީތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރު ހިމެނެ އެވެ. ތެލުގެ އަގު ބޮޑުވުމުގެ އިތުރުން މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން، އުދުހުންތަކަށް އިންތިހާ އަށް ބުރޫއަރައި، އެއާލައިންތަކުގެ ވިޔަފާރި އަށް އޭގެ ނުބައި އަސަރުތައް ދަނީ ކުރަމުންނެވެ.
މިދިޔަ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށި ފަހުން އެމެރިކާގައި ވެސް މަތިންދާބޯޓުތަކަށް އަޅާ ތެޔޮ [ޖެޓް ފިއުލް] ގެ އަގު ވަނީ 95 ޕަސެންޓުން މަތިވެފަ އެވެ. ހަނގުރާމަ ފެށުމުގެ އެއް ދުވަސްކުރިން 2.50 އެމެރިކާ ޑޮލަރުގައި ހުރި ޖެޓް ފިއުލް ގެލަނެއްގެ އަގު، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ 4.88 އެމެރިކާ ޑޮލަރަށް އަރައިފަ އެވެ. ޖެޓު ފިއުލްގެ ފީފާއަކަށްޖެހޭ އަގުން ބަލާއިރު، ފެބްރުއަރީ މަހުގެ ތެރޭގައި ގާތްގަނޑަކަށް 96 ޑޮލަރުގައި ހުރި ފީފާއެއްގެ އަގު މިހާރު ވަނީ 200 ޑޮލަރު ހުރަސްކޮށްފަ އެވެ.
އެއާލައިންތަކުގެ ހިންގުމުގެ ހަރަދަށް ބަލާއިރު، މުވައްޒަފުންގެ ހަރަދު ނަގާފައި، އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ތެލަށެވެ. އެއާލައިންތަކުގެ ހިންގުމުގެ ހަރަދުގެ 20-30 ޕަސެންޓަކީ ތެލަށް ކުރާ ހޭދަ އެވެ.
އެމެރިކާގެ ޔުނައިޓެޑް އެއާލައިންސުން ބުނެފައިވާ ގޮތުގައި އެ އެއާލައިނަށް އެންމެ ފައިދާވި އަހަރު ލިބިފައިވަނީ ގާތްގަނޑަކަށް ފަސް ބިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ތެލުގެ އަގު މިހާރު ހުރި މިންވަރުގައި ވެސް އެ އެއާލައިނުން ތެލުގެ ހަރަދަށް އެކަނި 11 ބިލިއަން ޑޮލަރު ހޭދަކުރަންޖެހޭނެ ކަމަށް އެ އެލާއިނުން ބުންޏެވެ.
ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުންކުރާ ބޮއިން 737-800 މަރުކާގެ މަތިންދާބޯޓަކަށް ފުލްކޮށް ތެޔޮއަޅަން ކުރަންޖެހޭ ހަރަދު މިދިޔަ މަހުގެ ތެރޭގައި ވަނީ 10،000 އެމެރިކާ ޑޮލަރުން އިތުރުވެފަ އެވެ.
ތެލުގެ އަގުބޮޑުވުމާ އެކު، ހިންގުމުގެ ހަރަދު އެތައް ގުނައަކުން އިތުރުވުމުގެ ސަބަބުން، ހަރަދު ކުޑަކޮށް ވިޔަފާރި ދެކޮޅު ޖެއްސުމަށްޓަކައި ދުނިޔޭގެ ހުރިހާ އެއާލައިންތަކަށް ވެސް މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފަ އެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އެއާލައިންތަކުން މިހާރު ވަނީ ދަތުރުތައް މަދުކޮށް، ބައެއް ރޫޓުތަކަށް ވެސް ބަދަލު ގެނެސްފަ އެވެ.
ދުނިޔޭގެ ވައިގެ އުދުހުންތަކުގެ ބައިނަލްއަގުވާމީ ތަފާސްހިސާބުތަކަށްބަލާއިރު، މިދިޔަ ހޯމަ ދުވަހު އެކަނިވެސް، ޖުމްލަ ވައިގެ އަދުހުންތަކުގެ ހަތް ޕަސެންޓު ވަނީ ކެންސަލްވެފަ އެވެ. އެއީ 104،618 ފްލައިޓްގެ ތެރެއިން 7،049 ފްލައިޓެވެ.
އުދުހުންތައް މަދުކޮށް، ރޫޓުތަކަށް ބަދަލުކުރުމުގެ އިތުރުން، އެތައް ގުނައަކުން އިތުރުވެފައިވާ ހަރަދުތައް ފޫބެއްދުމަށްޓަކައި ޓިކެޓުގެ އަގުތައް ބޮޑުކުރަން ވެސް އެއާލައިންތަކަށް ވަނީ މަޖުބޫރުވެފަ އެވެ.
އެގޮތުން ބަލާއިރު ބައިނަލްއަގުވާމީ ދަތުރުތަކުގެ ޓީކެޓުގެ އަގުތައް މިދިޔަ އަހަރުގެ ތެރޭގައި ވަނީ 24 ޕަސެންޓުން އުފުލިފަ އެވެ. ޓިކެޓުގެ އަގުތައް މަތިވެފައިވަނީ، އެއާލައިންތަކުން ފިއުލް ސާޗާޖަށް ނަގާ މިންވަރުގައި، ތެލުގެ އަގަށް އައި ބަދަލު ހިމެނުމުންނެވެ.
މަގުބޫލު އެއާލައިނެއް ކަމަށްވާ ކެތޭ ޕެސިފިކުން ވަނީ މިމަހުން ފެށިގެން ބުކް ކުރާ ޓިކެޓުތަކަށް ނަގާ ފިއުލް ސާޗާޖު 34 ޕަސެންޓުން އިތުރުކޮށްފައެވެ. އެއާ އިންޑިއާއިން ވެސް ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ދަތުރުގެ ދިގު މިނަށް ބަލައި ޓިކެޓުގެ އަގު ބޮޑުކޮށްފަ އެވެ. އެ އެއާލައިނުން ބުނެފައިވާ ގޮތުގައި 10 ޑޮލަރާއި 200 ޑޮލަރުގެ ދެމެދު ފިއުލް ސާޗާޖަށް އިތުރުވާނެ އެވެ.
އިންޑިގޯ އިން ވެސް ފިއުލް ސާޗާޖު ބޮޑުކުރީ ދަތުރުގެ ދިގުމިނަށް ބަލައި ދުރު މަންޒިލުތަކަށް އަގު ބޮޑުވާ ގޮތަށެވެ.
އެވަރެޖުކޮށް އެލައިންތަކުން ޓިކެޓުގެ އަގަށް ގެނައި ބަދަލުތަކަށް ބަލާއިރު ކައިރި މަންޒިލްތަކަށް ކުރާ ދަތުރު (ޝޯޓް ހޯލް ފްލައިޓު) ތަކުގެ ޓިކެޓުފެ އަގު ވަނީ 5-10 ޑޮލަރާ ދެމެދުގެ މިންވަރަަކަށް މަތިވެފަ އެވެ. މީޑިއަމް ހޯލް ޓިކެޓުގެ އަގު ބޮޑުވީ 20-40 ޑޮލަރުންނެވެ.
ބައިނަލްއަގުވާމީ އެއާލައިންތަކުން ޓިކެޓު އަގުތައް މަތިކުރުމުގެ އަސަރު ރާއްޖެއަށް ކުރާ ދަތުރުތަކަށް ވެސް ދަނީ ކުރަމުންނެވެ.
މާލެ އާއި ލަންޑަނާ ދެމެދު ދަތުރުކުރަން 600-800 ޑޮލަރާއި ދެމެދުގެ އަގަކަށް ވިއްކި ޓިކެޓު އަގު މިހާރު ވަނީ 1،200 ޑޮލަރާއި 1،500 ޑޮލަރާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފަ އެވެ. ހަނގުރާމައިގެ ކުރިން 800 ޑޮލަރުގައި ހުރި މާލެ-ފްރެންކްފަޓް ޓިކެޓެއްގެ އަގު މިހާރު ހުރީ 1،400 ޑޮލަރާ ހަމައަށް މަތިވެފަ އެވެ. ދިވެހިން އެންމެ ގިނައިން ދަތުރުކުރާ މެލޭޝިޔާ، އިންޑިއާ އަދި ތައިލެންޑުގެ ޓިކެޓުގެ އަގުތައް ވެސް ވަނީ 100 ޑޮލަރާއި 150 ޑޮލަރާ ދެމެދުގެ މިންވަރަކަށް އިތުރުވެފަ އެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފްތާއަށް މެދުކަނޑައިލަން ނިންމައި، ހުރްމުޒް ކަނޑޯޅި ހުޅުވައިލަން ނިންމުމުގެ ހެޔޮ އަސަރު ތެލުގެ ބާޒާރަށް މިހާރު ވެސް ވަނީ ކުރަން ފަށައިފަ އެވެ.
ނަމަވެސް، ހަނގުރާމަ ދާއިމީކޮށް ނިމުނަސް، ތެލުގެ ބާޒާރާ އެކު ދުނިޔޭގެ އިގުތިސާދު މުޅީން ހަމައަކަށް އެޅެން މަދުވެގެން ހަ މަސް ދުވަސް ހޭދަވާނެ އިގްތިސާދީ މާހިރުން ވަނީ ލަފާކުރައްވައިފަ އެވެ.